18 Dec 2011, 08:43
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ އަމާން ކަމަކީ ދިވެހިންގެ ސުލްހަވެރިކަމެވެ. ދީނީ ހިލާފުތައް ނެތުމާއެކު ސައްތައިން ސައްތަ މުސްލިމް ގައުމެއް ގޮތުގައި ރަށްވެހިވެގެން ތިބި ތިބުމެވެ. ދީނީ ހިޔާލުގެ ގޮތުން ދިވެހިން ކަފިވެ ބައިބަޔަށް ބެހި ކަތިވަޅީގައި ހިފައިފި ނަމަ ނުރައްކަލާ ކުރިމަތިވެ ފިތުނައިގެ އަލިފާނުގައި ދާދި އަވަހަށް ދިވެހިން ފިހި އަނދައިގެން ހިނގައިދާނެ ކަމަށް ދެކޭ މީހުން ގިނަ އެވެ.
"ދިވެހިން ބައިވައިވެ ދީނީ ގޮތުން ހިޔާލު ތަފާތުވުމުގެ ނުރައްކާތެރިކަން މިއަދު މިވަނީ ބޯމަތިވެފައި، ދިވެހިން މިވަނީ ދީނީ ހިޔާލު ތަފާތުވުމުގެ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިގެންފައި،" ޒުވާނަކު ބުންޏެވެ.
ރާއްޖޭގައި މިވަގުތު މިވަނީ ދީނީ ހިޔާލު ތަފާތުވުމުގެ "ހަނގުރާމައެއް" އިއުލާން ކުރެވިފަ އެވެ. ދީނުގެ ހިމާޔަތުގައި ކަމަށް ބުނެ އިދިކޮޅު ސިޔާސީ ޕާޓީތަކާއި މަދަނީ އިއްތިހާދުން އެއްލައްކަ މީހުންގެ އެއްވުމަކަށް ގޮވާލައި ވާން ހުރި ހުރިހާ ތައްޔާރެއް ވަމުންދާއިރު ދީނުގެ ހިމާޔަތުގައި ކަމަށް ބުނެ ސަރުކާރާއި، އެމްޑީޕީ ދަނީ ސަފުތައް ރުކުރުވާލައި މަގުމައްޗަށް ނުކުތުމަށް ދަހަނާ އަޅައި ރެޑީވަމުންނެވެ. ބާކީ ތިބި މީހުން ތިބީ ވަރުގަދަ އެއްވުން ފިތުނަ އާއި ތަޅާފޮޅުމަކަށް ބަދަލުވެ ލޭ އޮހޮރުވާފާނެ ކަމުގެ ބިރަށް މޭގަނޑު އަނގައަށް އައިސްފަ އެވެ.
ދީނުގެ ހިމާޔަތުގައި ނުކުންނަނީ ކަމަށް އިދިކޮޅުން އިއުލާން ކުރިއިރު ލޭއޮރުވައި މީހުން މަރާނެ ކަމަށް އިޝާރާތް ކުރާ ޝިއާރުތައް ވަނީ ހާމަވެފަ އެވެ. އެއީ ކޮންމެ ގޮތަކުން ހާމަވީ އެއްޗެއް ނަމަވެސް އެ ހަގީގަތަކަށް ފަހެއް ނުލެވޭނެ އެވެ. އެކަން އެހެންވި އެވެ. އޭގެ ސަބަބުން ލޭ ހޫނުވެ، ބިރުވެރިކަން އުފެދުނެވެ.
އަނެއްކޮޅުން ބޮޑު އެއްވުމުގެ އިސް ލީޑަރުންގެ ވާހަކަފުޅު ބައެއް ހިނދަށް މަޑުމައިތިރިވެ، މީޑިޔާ ޝޯތަކުގައި "ޒައިތޫނި ފަތްކޯޅި" ދިއްކުރައްވާ މަންޒަރު ދެއްކެވި ނަމަވެސް ކަރު ބުޑުގައި "ހިތި ރަހަލައްވާނެ" ކަމުގެ އިންޒާރުތައް މުޒާހަރާ އިއުލާން ވީއްސުރެ އެކި ސިފަ ސިފައިގައި ދަނީ އާންމުވަމުންނެވެ. އެހެން ކަމުން ހިސާބަކަށް ރާގު މަޑުމައިތިރިވިޔަސް ސިޔާސީ އަރައިރުމާއި ދީނީ ބައިވުމުގެ ތެރެއިން ރާއްޖެއަށް ފެތުރިފައިވާ ފިތުނައިގެ އޮއިގަނޑުގެ ތެރެއިން އުދަވާ 23 ޑިސެމްބަރަކީ ސަހަލު ދުވަހަކަށް ވާނެ ކަމަށް ނުބެލެ އެވެ.
"ދެފަރާތުގެ ހިތުގެ ތެރޭގައި އޮތީ ޒާތީ ހަސަދަވެރިކަމާއި ފިތުނަވެރިކަން. ދެފާރުން ދައްކަނީ ގޮތް ދޫނުކުރުން، ދެ ބައިމީހުން ވެސް ތިބީ ކަނޑި އުރައިން ދަމައިގަނެގެން. އެހެންވީމާ ކިތަންމެ ވަރަކަށް ވާހަކަ ދައްކަމާހޭ ބުންޏަސް ފިންޏެއް ނުވާނެ، އެއެއްވުރެ ފިތުނަވެރިކަން މާ ބޮޑު،" ސަރުކާރުގެ ސިޔާސަތާ ދެކޮޅު ބޭފުޅަކު ވިދާޅުވި އެވެ.
ސީޔާސީ ފިކުރާއި ދީނީ ފިކުރުގެ ހިޔާލު ތަފާތުވުމުގެ ތެރެއިން އެއްބަޔަކު އަނެއް ބަޔަކަށް ގޮތް ދޫކުރުމެއް ނެތި ގޯހަށް ބަދަލުވެގެންދާއިރު 23 ޑިސެމްބަރަކީ ފިތުނައިގެ ހުޅުފަޅައިގެންދާނެ ދުވަހެއް ކަމުގެ ބިރު އެއްވެސް މީހެއްގެ ހިތުގައި ކުޑައެއް ނުވާނެ އެވެ. ސިޔާސި ފިކުރުގައި ތިބެ "ސަރުކާރު ވެއްޓޭނެ ނަމައޭ" ހީވިޔަސް ރާއްޖެ ދަތުރުކުރާ މިސްރާބާމެދު އެބަކުވެސް ސަހަރޯ ހީވާނެ އެވެ.
އެމްޑީޕީގެ އިސް ސަފުގައި ބުއްދި ހުރި މީހުނާއި އިދިކޮޅުގައި ވެސް ތިބި އެފަދަ މީހުން ނުރުހި މައްސަ ހައްލު ކުރުމުގެ ވާހަކަތަކެއް ބޭނުން ކަމަށާއި މޭޒުދޮށަށް ދާން ތައްޔާރު ކަމަށް ބުނަމުން ދަނީ އެހެންވެގެނެވެ. ނަގާން އޮތް ރާޅުގެ ބޮޑު ކަމާއި ބިރުވެރި ކަަން ވިސްނޭތީ އެވެ.
ސަރުކާރާމެދު ހިތްހަމަ ނުޖެހިގެން ރުޅިވެރިކަމާ އެކު ނުކުންނަ މީހުނާއެކު މިވަގުތު ހުންނެވި އެއް ބޭފުޅަކީ ޑީއާރްޕީގެ ނައިބު ލީޑަރު އިބުރާހިމް ޝަރީފެވެ. އެމްޑީޕީން "ޑިސެމްބަރު 10" ގެ ގޮތުގައި ބޮޑު އެއްވުމެއް ބާއްވަން އުޅުމުން އެއީ ރާއްޖެ، ފިތުނައިގެ ފުން ކަނޑަކަށް ވައްޓާލަނީ ކަމަށް ވިދާޅުވެ އޭރުގެ ސަރުކާރާ ދެކޮޅަށް އެމްޑީޕީން ނުކުންނަން އުޅުނު ނުކުތުން "ފަނި" ކޮށްލި މޭސްތިރިއަކީ ޝަރީފެވެ.
އެކަމަކު މިއަދު އެހެނެއް ނުވި އެވެ. މިއަދު ރާއްޖެ ފުން ކަނޑަކަށް ޣަރަގުވެދާނެ ކަމުގެ ތިޔަރީއެއް ވެސް ނެތެވެ. މިއަދު އިދިކޮޅަށް ތިބި މީހުން ފަށައި ގަތުމުގައި ވެސް ބުނެފައި ވަނީ "މިނޫން ގޮތެއް ނެތް" ކަމަށެވެ. އުންމީދެއް ނެތް ކަމަށެވެ.
ހުރިހާ މަންޒަރަކަށް ބަލާއިރު ފާޑުކިޔުންތައް އަބަދު އަމާޒުވާ އެމްޑީޕީގެ ނައިބު ރައީސް ފޭދޫ ދާއިރާގެ މެމްބަރު އަލްހާނާއި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ މާ ބުއްދިވެރިއޭ ބުނެވިދާނެ އެވެ. ގައުމަށްޓަކައި އިސްލާމް ދީނަށްޓަކައި ސުލްހަވެރިކަން އިސްކުރުމަށް ގޮވައިލެއްވީތީ އެވެ. އެއިން ބޭފުޅެއްގެ ހިތްޕުޅުގައި އޮތީ ކޮންޗެއް ކަމެއް ނޭނގޭނެ އެވެ. އެކަމަކު ވެސް އިދިކޮޅާއި ސަރުކާރުން ދާން އުޅޭ ނުރައްކާތެރި މަންޒިލަށް ދާން ދެކޮޅު ހެއްދެވިކަން އެނގެ އެވެ.
އަލްހާން ފަހްމީ ވިދާޅުވާ ގޮތުގައި ދީނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވުމަކީ ސަރުކާރުގެ ޒިންމާއަކަށް ވާއިރު އިދިކޮޅު ފަރާތްތަކުން ދީނުގެ ހިމާޔަތަށް ގޮވާލައި މުޒާހަރާއެއް ކުރާއިރު އެކަން ހުއްޓުވުމަށް އެމްޑީޕީން ނުކުތުމާމެދު ސުވާލު އުފެދެ އެވެ.
"ދެބައި މީހުނަށް ވެސް ކުރާން އުޅޭ ކަންތައްތަކުގެ ނުރައްކާތެރިކަން ވިސްނޭ، މުޒާހަރާގެ ކަންތައް ފެށިގެން އައީއަކީ ވެސް ރަނގަޅަކަށް ނޫން. އެހުރިހާ ސަބަކަށްޓަކައި ސަރުކާރު ވެސް އޮތީ ގޮތް ދޫކުރާ ގޮތަކަށް ނޫން. އަމުދުން ސިޔާސީ އަދި ދީނީ ފިކުރު ވަނުމުން ގޮތް ދޫކުރާށޭ ކިޔަސް އެއީ ފަސޭހަ ކަމަކަށް ނުވާނެ. ފަހަރުގައި ހުކުރު ދުވަހަކީ މީހުންގެ ފިކުރުގައި މިވަގުތު ވިސްނިފައި އޮތް ވަރަށްވުރެ ފިނި ދުވަހަކަށް ވެދާނެ، އެކަމަކު މީއީ ހޫނުވާން ފެށުމު އަލާމާތް،" މުޒާހަރާއާ ދެކޮޅު މީހަކު ބުންޏެވެ.
ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ 23 ގައި ދެބައި މީހުން މަގުމައްޗަށް ނުކުތުމަކީ އޭގެ މޯހިރުގައި ފޫނުބުދޭ ވަރުގެ ޒަހަމާއި ލަކުނުލާނެ ނުރައްކާތެރި ކަމެއް ކަމަށާއި ދެބައި މީހުން މަގަށް ނުކުތުމުގެ ކުރިން ރާއްޖެއަށް، ދިވެހިންގެ ދީނީ ވަހުދަތަށް ނުރައްކާވެދާނެ ފަދަ އެއްވެސް ކަމަކަށް ޖާގައެއް ރާއްޖޭގައި ނެތް ކަމުގެ އިތުބާރު އެއްބަޔަކު އަނެއް ބަޔަކަށް އަވަހަށް އުފައްދަންޖެހޭ ކަމަށެވެ.
"އެމްޑީޕީން މުޒާހަރާ ނުކުންނަން ތައްޔާރުވުން އަޅުގަނޑު ތާއީދެއް ނުކުރަން... އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ސަރުކާރުން ވެސް ގޮތް ދޫކުރަން ޖެހޭ ކަންކަން އެބަހުރި. އެއީ އެކަންކަމުން ސަރުކާރަށް ގެއްލުން ނުލިބޭނެ ކަންކަން ވެރިކަމުގައި ތިބޭ އިރު ގޮތް ދޫކުރުމަކީ ބަލިވުމެއް ނޫން. ހަމަ އެގޮތަށް އިދިކޮޅަށް ތިބި މީހުންނާ ދަންނަ ބޭކަލުން ވެސް، މަގުމައްޗަށް ނުކުމެ ދެބައި މީހުން ކުރިމަތިލީމާ އެއީ ސިޔާސީ އިމުން ބޭރުވީ. ދެބައި މީހުންގެ މެދުގައި އޮތް ޒާތީ ކަމަކުން މުޅި ގައުމަށް ބިރުވެރި ހިޔަނި އެޅުނަދީގެން ނުވާނެ... މި މުޒަހަރާގެ ސަބަބުން މީހުންނަށް ލިބޭ ފުން ޒަހަމަތަކަށް، މުދަލާއި ތަކެއްޗަށާ ތަންތަނަށް ލިބޭ ގެއްލުމަށް އެމްޑީޕީން ޒިންމާވާނެތޯ؟ ސަރުކާރުގެ ވެރިން ޒިންމާވާނެތޯ؟ މަދަނީ އިއްތިހާދުގެ އަބްދުﷲ މުހައްމަދާއި އަދާލަތުގެ އިމްރާން ޒިންމާވާނެތޯ ގައުމަށް ލިބޭ ގެއްލުމާ ހަވާލުވާނީ ކާކުތޯ؟" އަލީ ވިދާޅުވި އެވެ.
ތިމަރަފުށީ ދާއިރާއިގެ މެމްބަރު މުސްތޮފާ ވިދާޅުވަނީ ހުކުރު ދުވަހު ބާއްވާ މުޒާހަރާއާ ދެކޮޅަށް އެމްޑީޕީން ބާއްވާ މުޒާހަރާއަށް ރައީސް ނުކުމެވަޑައި ގަތުމަކީ އެމްޑީޕީގެ މެމްބަރުންނަށް ވެސް ދިވެހި ރައްޔިތުންނަށް ވެސް ހުތުރުވުން ކަމަށެވެ.
" މުޒާހަރާ ކުރައްވަން ރައީސް ނުކުމެވަޑައިގަންނަވާކަށް ނުޖެހޭނެ، ކީއްކުރައްވަންތޯ ރައީސް ނުކުމެވަޑައިގަންނަވަންވީ؟ ރައީސަކީ ރާއްޖޭގެ ރައްޔިތުންގެ ރައީސް، އެއީ އެމްޑީޕީގެ ރައީސެއް ނޫނޭ،" މުސްތޮފާ ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިމުޒާހަރާއާ ދެކޮޅަށް އެމްޑީޕީން ނުކުންނާކަށް ނުޖެހޭ، މީ އިސްލާމްދީން ހިމާޔަތް ކުރުމަށް ގޮވާލައި ކުރާ މުޒާހަރާއެއް، އެ މުޒާހަރާގައި ކަނޑިއާ ބަޑިއާ ހިފައިގެން ނުކުމެއްޖެ ނަމަ ރައްޔިތުން ގަބޫލެއް ނުކުރާނެ އެއީ އެފަދަ މުޒާހަރާއެއް ކަމަކަށް، އެމީހުންގެ ވިސްނުމުގައި ވެސް އެކަން ހުންނާނެ،"
މިހުރިހާ ކަމެއް މިހެން އޮއްވެ، އިދިކޮޅު މީހުންނާއި ސަރުކާރާއި އެމްޑީޕީން ހުކުރު ދުވަހު މަގުތަކަށް ނުކުންނައިރު އެމްޑީޕީގެ ކޮޅުގައި އިސްކޮށް ހުންނަވަނީ ހުދު ރައީސުލް ޖުމްހޫރިއްޔާކަމަށް އެމަނިކުފާނު ވަނީ އިއުލާން ކުރައްވާފަ އެވެ. ރައީސް ވިދާޅުވަނީ ހުކުރު ދުވަހު އެމަނިކުފާނު މުޒާހަރާގައި ނެތިއްޖެނަމަ އެކަމާއި ހުރިހާ އެންމެން ވެސް ސުވާލު ކުރާނެ ކަމަށެވެ.
"މި މާލޭ މަގުމަތިން ފެނުނީމާ އަޅުގަނޑު ގާތުގާ ތި ހުރިހާ ބޭފުޅުންވެސް އެދުވަހު އަހާނެ ރައީސް ކޮބާހޭ. ކީއްވެހޭ ނެތުނީ. އަޅުގަނޑެއް އިރާދަ ކުރެއްވިއްޔާ ގެއްލިއެއް ނުދާނަން އެ ދުވަހެއްގައެއް ހުނަން ޖެހޭ ތަނެއްގަ ހުންނާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުން ވެސް އިދިކޮޅު ފަރާތްތަކުގެ ވާހަކަތައް ވެސް އެމްޑީޕީގެ "މެދުމިނުގެ ސިޔާސަތަށް ތާއީދު" އެއްވުންތަކުން ވެސް ފެންނަނީ ހަރުކަށި ކަމާއި ގޮތްދޫ ނުކުރުމުގެ ތެރޭގައި ތިބެ ދިވެހި ރާއްޖެ ފިތުނައިގެ ވިލާގަނޑެއް ދަށަށް ގެންދާން އުޅޭތެނެވެ. ބަލަން ތިބޭށެވެ!