ކުލަބު އީގަލްސްއަށް ކުޅެމުން އަންނަ ގައުމީ ފުޓްބޯޅަ ޓީމުގެ ޒުވާން ޑިފެންޑަރު ހައިޝަމް ހަސަންގެ ކަކުލު ހުޅުގެ އޮޕަރޭޝަނެއް ކާމިޔާބު ކަމާ އެކު ނިންމާލައިފި އެވެ.

ކުލަބު އީގަލްސްގެ ޒުވާން ޓީމުން ވިދާލި ހައިޝަމްގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއާ އެކު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފަހު ބުރުގައި އީގަލްސްއިން ކުޅުނު ބައެއް މެޗުތަކުގައި އޭނާ ކުޅެފައެއް ނުވެއެވެ.

ގައުމީ ޓީމުން ބަރާބަރަށް ޖާގަ ހޯދަމުން އަންނަ އުމުރުން 20 އަހަރުގެ ހައިޝަމް މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އިރު އޭނާ ވަނީ ގައުމީ ޓީމަށާއި، ކްލަބް އީގަލްސްއަށް ގިނަ މެޗުތަކެއް ކުޅެދީފަ އެވެ.

ކަކުލު ހުޅަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށް ހައިޝަމް ވަނީ އިއްޔެގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލްގައި ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައެވެ.

އުންމީދު ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކޯޗުން ވެސް ފާހަގަ ކުރާ ހައިޝަމް ފުރަތަމަ ނަގާފައިވަނީ މިދިޔަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައެވެ. ނަމަވެސް އެ މުބާރާތުގައި އޭނާއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވި އެވެ.

އެއަށްފަހު ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރަށުން ބޭރުގައި ގުއާމް އަތުން 1-0 އިން ރާއްޖެ މޮޅުވި މެޗުގެ ފުރަތަމަ އެގާރައިން ވެސް އޭރުގެ ކޯޗު ޕީޓަރ ސެގާރޓް ވަނީ ހައިޝަމްއަށް ފުރުސަތު ދީފަ އެވެ.

މީގެ އިތުރުން ކޮލިފައިންގައި ރާއްޖެއިން ޗައިނާ، ސީރިއާ އަދި ފިލިޕީންސްއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ހައިޝަމް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. އެކަމަކު ކޮލިފައިންގައި އެންމެ ފަހުން މާލޭގައި ގުއާމް އަތުން 3-1 އިން ރާއްޖެ މޮޅުވި މެޗުގައި އޭނާ ކުޅެން އަރާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.