މާލެ ތެރެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ޓްރެވަލް ހިސްޓްރީއެއް ނެތް މީހެއް ކަން "ސަން" އަށް އެނގިއްޖެ އެވެ.

"ސަން" އަށް ކަށަވަރުވެފައިވާ ގޮތުގައި، ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވަނީ މާފަންނުގައި ދިރިއުޅެމުން އައި މެދު އުމުރުގެ އަންހެނެކެވެ.

މައުލޫމާތު އެނގޭ މީހަކު "ސަން" އަށް ބުނީ، ބައްޔަށް ޕޮޒިޓިވް ވި މީހާއަކީ ފަހުގެ ތާރީހެއްގައި ބޭރު ގައުމަކަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އެމީހާ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ނުވާކަން ކަށަވަރުކޮށްދީފައެވެ.

އެމީހާއަށް ކޮރޯނާވައިރަސް ޖެހިފައިވާކަން އެނގުނީ، މާލޭގައި ހުންނަ ފްލޫ ކްލިނިކަށް ދިއުމުންނެވެ.

މިއީ މާލޭން ތެރެއިން ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެވެ. އެޗްޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެމީހާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއީ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަ ވަނަ ދިވެއްސެވެ. މީގެ ކުރިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކާއި، ފިލިޕީންސް އިން ރާއްޖެ އައި މީހެކެވެ.

އެ ހަތަރު މީހުންގެ ގައިން ވެސް ބަލި ފެނިފައި ވަނީ ކަރަންޓީނު މަރުކަޒުގައި ތިއްބަ އެވެ.