މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިއީ މާލޭން ތެރެއިން ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެމީހާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއީ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަ ވަނަ ދިވެއްސެވެ. މީގެ ކުރިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކާއި، ފިލިޕީންސް އިން ރާއްޖެ އައި މީހެކެވެ.

އެ ފަސް މީހުންގެ ގައިން ވެސް ބަލި ފެނިފައި ވަނީ ކަރަންޓީނުގައި ތިއްބަ އެވެ.

މާލެ ތެރެއިން ފުރަތަމަ ފަހަރަށް މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ރާއްޖޭގައި ކޮރޯނާވައިރަސް ކޮމިޔުނިޓީ ސްޕްރެޑް ނޫނީ މުޖުތަމައުގެ ތެރެއަށް ފެތުރިއްޖެ ނަމަ، 98،501 މީހުންނަށް ބަލިޖެހޭނެ ކަމަށް އެޗްޕީއޭ އިން އެކުލަވާލި ދިރާސާއަކުން ވަނީ ދައްކައިފަ އެވެ.

ރާއްޖޭގައި ބަލީގެ ހާލަތާ ގުޅޭގޮތުން އެޗްޕީއޭ އިން އެކުލަވާލާފައިވާ އެޕިޑޮމިލޮޖިކަލް ސާވޭ ރިޕޯޓުގައި ހުރި މައުލޫމާތު ރޭ އާންމު ކުރިއިރު އެ ރިޕޯޓުގައި ބުނީ ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ނާޅައިފިނަމަ، ވައިރަސް މުޖުތަމައުގެ ތެރެއަށް ފެތުރިގަނެ، 10،891 މީހުން ރާއްޖެއިން މަރުވާނެ ކަމަށެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ރާއްޖޭގައި މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިއްޖެނަަމަ، މާލެ ސަރަހައްދުން އެކަނި 46،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ އެވެ. އެހެން ސަރަހައްދުތަކުން 51،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ އޮންނަ ހާލަތުގައި މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިއްޖެ ނަމަ، ކިޮމިޔުނިޓީ ކޭސްއެއް ފެންނަތާ 35 ވަނަ ދުވަހު އެކަނިވެސް އަލަށް 2،500 މީހުންނަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ރާއްޖޭގައި މިހާތަނަށް 21 މީހަކަށް ބަލިޖެހިފައިވެ އެވެ. ރާއްޖޭގައި ކޮމިޔުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށް ދިރާސާއެއް ކުރަން ނިންމާފައިވާއިރު އަދި މިހާތަނަށް ރާއްޖޭގައި ކޮމިޔުނިޓީ ސްޕްރެޑެއް އޮތްކަމުގެ ހެއްކެއް ނެތް ކަމަށް އެޗްޕީއޭއިން ކުރިން ވަނީ ބުނެފަ އެވެ.