ވޮޝިންޓަން (އޭޕްރިލް 15): އެމެރިކާއިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އަށް ދޭ އެހީ ކަނޑާލަން ސަރުކާރަށް އަންގާފައިވާ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި ޑަބްލިޔުއެޗްއޯއިން ވަނީ ޗައިނާއިން ފުރަތަމަ ވައިރަސް ފެނުނު ފަހުން އެވައިރަސް ފެތުރުމާ ބެހޭ ކަންތައްތައް ފޮރުވައިފަ އެވެ. އަދި އެޖަމްއިއްޔާގެ އެންމެ އަސާސީ ޒިންމާ އަދާ ކުރުމުގައި ފެއިލްވެފަ އެވެ.

ޓްރަމްޕް ތުހުމަތު ކުރައްވާ ގޮތުގައި ޑަބްލިޔުއެޗްއޯ އިން އަމަލު ކުރަނީ ޗައިނާއަށް ފައިދާވާ ގޮތަށެވެ.

"ޑަބްލިޔުއެޗްއޯ އިން ކޮރޯނާވައިރަސް ފެތުރުމާ ބެހޭ މައުލޫމާތު ފޮރުވުމާއި ވައިރަހާ ބެހޭ ކަންތައްތައް ރަނގަޅަށް ނުބެލެހެއްޓި މައްސަލަ ބެލެންދެން، އެޖަމްއިއްޔާއަށްދޭ އެހީ ކަނޑާލަން އަޅުގަނޑު އަންގައިފިން،" ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާއަކީ ޑަބްލިޔުއެޗްއޯއަށް އެންމެ ގިނައިން އެހީ ފޯރުކޮށްދޭ ގައުމެވެ. އެގޮތުން މިދިޔަ އަހަރު އެގައުމުން 400 މިލިއަން ޑޮލަރުގެ އެހީ ދީފައިވާ އިރު އެއީ އެ ޖަމްއިއްޔާގެ ބަޖެޓުގެ ގާތްގަނޑަކަށް 15 ޕަސެންޓެވެ.

ޓްރަމްޕްގެ އެ ނިންމެވުމާ ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވަނީ މިއީ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތް ކުރަމުންދާ އެއްވެސް ޖަމްއިއްޔާއަކަށްދޭ އެހީ ކަނޑާލަންވީ ވަގުތެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާއިން ޑަބްލިޔުއެޗްއޯއަށް ދޭ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު މީގެ ކުރިން ރައީސް ޓްރަމްޕް ދެއްވުމާ ގުޅިގެން އެޖަމްއިއްޔާގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް ވަނީ ވައިރަސް "ސިޔާސީ ކަމަކަށް ނެހެދުމަށް" އެދިވަޑައިގެންފަ އެވެ.

އެމެރިކާއަކީ މިހާރު ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެގައުމުގައި މިހާތަނަށް 600،000 އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 26,064 މީހަކު ވަނީ މަރުވެފަ އެވެ.