އދ. މަހިބަދޫ ބަނދަރުގައި އަޅާފައިވާ ގިނަ އަދަދެއްގެ އުޅަނދުގައި ރޯވެ އަނދަމުން އެބަދެ އެވެ.

އެމްއެންޑީއެފުން ބުނީ، މަަހިބަދޫ ފަޅުގައި އަޅާފައިވާ ގިނަ އަދަދެއްގެ އުޅަނދުތަކުގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބުނީ، މިއަދު ފަތިހު 5:45 އެހާކަންހާއިރު ކަމަށެވެ. އެގޮތުން ފަސް ލޯންޗަކާއި ދެ ޑިންގީގައި އަލިފާން ރޯވެ އަނދަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އދ. މަހިބަދޫ ފަޅުގައި އަޅާފައިވާ އުޅަނދުތަކުގައި ރޯވެފައި -- ފޮޓޯ/ އެމްއެންޑީއެފް

އެ އުޅަނދުތަކުގައި ރޯވެފައިވާ އަލިފާން ނިއްވުމަށް އެމްއެންޑީއެފްގެ އިތުރުން އެ ރަށުގެ ޕޮލިސް ސްޓޭޝަން އަދި އާންމުން އެހީތެރިވަމުން އަންނަ އިރު، އަދި އެ އަލިފާން ނިއްވައެއް ނުލެވެ އެވެ.

އަލިފާން ރޯވި އުޅަނދުތަކަކީ، ފުލުހުންގެ ލޯންޗާއި، އަތޮޅު ކައުންސިލްގެ ލޯންޗަކާއި ސީއެމްބިއުލެންސް އާއި އަމިއްލަ ކުންފުންޏެއް ކަމަށްވާ، އެޗްއެމްއެޗްގެ ތިން ލޯންޗް އަދި އަމިއްލަ މީހެއްގެ ދެ ޑިންގީ ހިމެނެ އެވެ.