ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނެއް ފަތުރަން ސަރުކާރާއި އެމަނިކުފާނު ވެސް ޖާގަނުދެއްވާނެ ކަމަށާއި އެފަދަ ގޮތަކަށް އެއްވެސް އިރެއްގައި ވަކާލާތު ކުރައްވާފައި ނުވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އަންނަ ހުކުރު ދުވަހު ބާއްވާ މުޒާހަރާއާ ގުޅިގެން ސޯސަންމަގުގައި އެމްޑީޕީން "މެދުމިނަށް ތާއީދު" ގެ ނަމުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އިސްލާމް ދީނާ ދުރަށް ސިޔާސަތު ގެންދަން ނޫޅުއްވާ ކަމަށާއި ކުރިޔަށް ވުރެ ދީނީ ކަންކަން މިހާރު ރަނގަޅުނުވާ ކަމަށް ބަޔަކަށް ހީވާ ކަމަށް ވާނަމަ އެމަނިކުފާނުގެ ވަށައިގެން ތިއްބެވި ދީނީ ދަންނަބޭކަލުން ކޮބައިތޯ ސުވާލު އުފެދޭ ކަމަށެވެ.

"އެއީ އެއްވެސް އިރެއްގައި މި ސަރުކާރަކުން އަދި އަޅުގަނޑުމެން ވެސް ކުޑަކޮށް ވެސް ވަކާލާތުކުރި ކަމެއް ނޫން. އެގޮތަށް ދެކެވެނީ ކަމަށް ވަނީ ވިއްޔާ އަޅުގަނޑު ހަމަ ހިތަށް އަރަނީ އަޅުގަނޑުގެ ވަށައިގެން ހުރި ގޮޅިތަކުގައި ތިބި ދީނީ ދަންނަ ބޭކަލުން ކޮބައި ބާވައޭ،" މެދުމިނަށް ތާއީދު އެއްވުމުގައި ރައީސް ވިދާޅުވި އެވެ.

އިސްލާމީ އުސޫލުތަކަކީ އެމަނިކުފާނު ހިތުގެ އަޑިން ގަބޫލުކުރައްވާ އުސޫލްތަކެއް ކަމަށާއި ދުނިޔޭގައި ހިނގާ އޮއިވަރަކަށް އެމަނިކުފާނުގެ ފިކުރު ދޫކޮށް ނުލައްވާނެ ކަމަށް ވެސް ރައީސް ކަށަވަރުކޮށްދެއްވެވި އެވެ. އަދި ވިދާޅުވި އެވެ:"އަޅުގަނޑެއް ނެތިން ދުނިޔޭގައި ހިނގާ އޮއިވަރަކަށް އަޅުގަނޑުގެ ފިކުރު، އަޅުގަނޑު އުޅެމުން އައިގޮތް، އަޅުގަނޑުގެ މައިންބަފައިން، އަޅުގަނޑުގެ އެދުރުން އަޅުގަނޑަށް ދަސްކޮށްދިން ގޮތްތައް ދޫކޮށްލާކަށް"

ރައީސް ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ކަނޑަ އަޅުއްވާފައިވާ ރަޖަމް ކުރުމާއި މެރުމާއި އަތް ކެނޑުމާއި ހައްދު ޖެހުންފަދަ ހުކުމްތައް ތަންފީޒު ކުރެވޭނީ ގާނޫނުލް އުގޫބާތުގައި އެކަންކަން ކަނޑައެޅުމުން ކަމަށާއި އެކަން ކުރެވެން އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.

"... މިރާއްޖޭގެ ގާނޫނު އަސާސީ މެދުވެރި ވެގެން، ރަޖަމް ކުރެވޭނަމަ އަތް ކެނޑޭނަމަ ގަތުލު ކުރެވޭނަމަ ހައްދު ޖެހޭނަމަ އަދި މިނޫންވެސް އެއްވެސް ކަމެއް ކުރެވޭނަމަ، އެއިން ކަމެއް ހަގީގަތުގައި ކުރެވޭނީ ގާނޫނުލް އުގޫބާތުގައި އެކަންކަން ކަނޑައެޅުނީމާ. ގާނޫނުލް އުގޫބާތުގައި ކަންކަން ކަނޑައެޅުމަށް ތިއްބެވި ބަޔަކީ ރައްޔިތުންގެ މަޖިލީސް،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވީ ރަޖަމްކުރުމާއި އަތް ކެނޑުމާއި މެރުން އަދި ހައްދު ޖެހުމަށް ބައެއް ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތަކުން ގޮވާލަމުން ދިޔައަސް އެކަން ކުރެވޭނީ ގާނޫނުލް އުގޫބާތުގައި ކަނޑަ އެޅުމުން ކަމަށެވެ.

ހުރިހާ އެންމެނަށް ފެންނަ ރަނގަޅު ވާހަކަ ދީނުގެ އުސޫލުތަކާއި އެއްގޮތަށް ރައްޔިތުންނަށް އަންގައި ދިނުމުގެ ފުރުސަތު އެބައޮތް ކަމަށާއި ނަމަވެސް ރައްޔިތުންނަށް ކަންކަން އެންގުމުގައި އޮޅުވާލައިފިނަމަ ރާއްޖެއަށާއި ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ހިނގައިދާނެ ކަމުގެ އިންޒާރު ވެސް ރައީސް ދެއްވެވި އެވެ.

"އެ އޮޅުވާލުން ބޭނުން ކުރުމަކީ އަޅުގަނޑަށް ފެންނަ ފެނުމުގައި ރައްޔިތުންނަށް ވަރަށް ބޮޑު ގެއްލުން ލިބޭނެ ކަމެއް. މިރާއްޖެއަށް ވެސް ނުހަނު ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސްގެ ވާހަފުޅުގައި މިޔުޒިކާއި އަންހެނުންގެ މައްޗަށް ވެސް އަލި އަޅުވައިލެއްވެވި އެވެ. ވިދާޅުވީ އެމަނިކުފާނަށް މިއުޒިކާ ދެކޮޅު ނުހެއްދެވޭނެ ކަމަށެވެ. އަދި ވިދާޅުވީ މިއުޒިކަށް ލޯބިކޮށް މިޔުޒިކު އަޑުއަހައި މިޔުޒިކު ކުޅުމަކީ ވަރަށް ގިނަ ބަޔަކު ކުރާކަމެއް ކަމަށެވެ. އެކަން އެއީ ކޮށްގެން ނުވާނެ ކަމެއްކަމަށް ވާހަކަ ދައްކާއިރު އޭގެ އެންމެ ސާފުގޮތް އޮޅުން ފިލަން ޖެހޭ ކަމަށެވެ.

"މިޔުޒިކަށް ލޯބި ކުރުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ކުރާކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގެ ގިނަ ބަޔަކު މިޔުޒިކު އަޑު އަހާ އަދި އެ ކުޅޭ ހިތްވޭ. އެކަން އެއީ ކުރަން ނުވާނެ ކަމެއްކަމަށް. ކޮށްގެން ނުވާނެ ކަމެއްކަމަށް ބަޔަކު ވާހަކަ ދައްކަން ފެށީމާ އަޅުގަނޑުމެން ރައްޔިތުންނަށް މީގެ ހުރި އެންމެ ސާފުގޮތް ފިލާން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.

މެދުމިނަށް ތާއީދު ކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އަންހެނުންނަކީ ޒަމާނުއްސުރެ ފަށައިގެން އިޖުތިމާއީ އަދި އިގްތިސާދީ ކަންކަމުގައި ހަރަކާތްތެރިވާ ބައެއް ކަމަށާއި އަންހެނުންގެ ދައުރަކީ ކޮބައިކަން އެނގެން ޖެހޭ ކަމަށެވެ.
"... އަޅުގަނޑުމެން ޒަމާނުއްސުރެ ފަށައިގެން އަމަލުކުރަމުން އައި ގޮތްތަކަށް މިއަދު އަޅުގަނޑުމެން މިއެދެނީ ބަދަލު ގެންނާންތޯ ނުވަތަ އެއީ ހަމަ އަޅުގަނޑުމެންނަށް އެންމެ އަޑުގަދަ މީހާގެ އަޑު ބާރަށް އިވެނީތޯ؟" ރައީސް ސުވާލު ކުރެއްވި އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

President Nasheed (mp3)