ކޮވިޑް-19 ބަލިމަޑުކަމުގެ ބިރުވެރިކަމުގައި އެންމެ މުހިންމު މަސައްކަތްތަކެއް ކުރާ ސިއްހީ ހިދުމަތްތެރިންނަށް އެ މީހުން އިތުރުގަޑީގައި މަސައްކަތް ކުރާ ނަމަ އޯޓީ ލިބޭނެ ކަމަށާއި އޭގެ އިތުރުން ވެސް ހާއްސަ އެލަވަންސެއް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، މި ދަނޑިވަޅުގައި އެންމެ ބުރަ އަދި އެންމެ މުހިންމު މަސައްކަތެއް ކުރަމުން އަންނަނީ ސިއްހީ ދާއިރާގެ މުވައްޒަފުން ކަމަށެވެ.

"ފުރަތަމަ ޕޮއިންޓަކީ ހަމަ މި ބޭފުޅުން އިތުރަށް މަސައްކަތްކުރައްވާ ގަޑީގައި އޯޓީ ލިބެމުންދާނެ. ދެވަނައަށް އޮތް ވާހަކައަކީ އެބޭފުޅުންނަށް ސްޕެޝަލް އެލަވަންސް ޕޮލިސީއެއް އެކުލަވާލުމުގެ މަސައްކަތް އެބަ ކުރިއަށް ދޭ،" ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމުގައި ވެސް ހުންނެވި މަބްރޫކް ވިދާޅުވި އެވެ.

ސްޕެޝަލް އެލަވަންސް ޕޮލިސީ އެކުލަވާލުމުން އެކަމުގެ ތަފްސީލް ދެއްވާނެ ކަން މަބްރޫކް ފާހަގަކުރެއްވި އެވެ.

ސަރުކާރު އޮފީސްތައް ބަންދުކުރި ފަހުން މަސްދުވަސް ވާން ވެފައިވާއިރު މަބްރޫކް ވިދާޅުވީ، އެ އޮފީސްތަކުގައި މަސައްކަތްކުރާ ގިނަ ފަރާތްތަކުން ގޭގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ކޮންމެ މިނިސްޓްރީއަކުން ވެސް މުހިންމު ޕްރޮފެޝަންގައި މަސައްކަތް ކުރާ ފަރާތްތަކުން އޮފީހަށް ނިކުމެ މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަކީ މިކަމުގައި ނުހަނު ބުރަ ނުހަނު މުހިންމު މަސައްކަތެއް ކުރާ ބައެއް. އެ ބޭފުޅުން މިވަގުތު ހަމަ ނުކުމެ މަސައްކަތް އެބަ ކުރައްވާ،" ސިއްހީ ހިދުމަތްތެރިންނަށް ތައުރީފް ކުރައްވައި މަބްރޫކް ވިދާޅުވި އެވެ.

ބަންދު ދުވަސްތަކަށް އަލި އަޅުވާލައި މަބްރޫކް ވިދާޅުވީ، މި ދުވަސްތަކުގައި ސަރުކާރު އޮފީސްތައް ބަންދުކޮށްފައި ހުރި ނަމަވެސް ސަރުކާރު ބަންދު ނޫން ކަމަށެވެ. އަދި އެއްވެސް މުވައްޒަފެއްގެ މުސާރަ ނުކަނޑާނެ ކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.