15 Apr 2020, 08:17
ކޮވިޑް19 އަށް ޕޮޒިޓިވްވި ޕްރޮޑިއުސަރު ކަރީމް މޯރާނީގެ އަންހެން ދަރިފުޅު ޒޮއާ މޮރާނީ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
ޚަބަރުތައް ބުނާގޮތުގައި މުމްބާއީ ހޮސްޕިޓަލަކުން އޭނާ ޑިސްޗާޖްކޮށްފައިވާއިިރު އޭނާ ކޮވިޑަށް ޕޮޒިޓިވްވީ މި މަހު ހަތްވަނަ ދުވަހުއެވެ. އޭގެ އަނެއް ދުވަހު އޭނާގެ ކޮއްކޮ ޝަޒާ މޮރާނީ ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ހަމަ އެ ހަފްތާގައި އެދެމީހުންގެ ބައްޕަ ޕްރޮޑިއުސަރު ކަރީމް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ޒޮއާ ބުނީ މި ހާލަތުގައި އޭނާ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާކަމަށާއި ސަރުކާރުން އަންނަނީ ރައްޔިތުންގެ ހެވާ ލާބައަށް ނިންމަންޖެހޭ ނިންމުންތައް ނިންމަމުން ކަމަށެވެ. އަދި ހަމައެއާއެކު ވަގުތުން ވަގުތަށް ޚަބަރުތައް ގެނައުމަށް މަސައްކަތްކުރާ މީޑިއާތަކަށް ވެސް ޝުކުރު އަދާކުރާކަމަށެވެ. ޚާއްސަކޮށް ޑަކްޓަރުންނާ ނަރުހުން އެކުރާ ހިތްވަރުގަދަ މަސައްކަތްތައް ފާހަގަކުރާކަމަށްވެސް ޒޮއާ ވަނީ ބުނެއެވެ.
އޭނާ ބުނީ ކޮވިޑް19 ރައްކާތެރިވުމަށްޓަކައި ގޭގައި މަޑުކުރަންޖެހޭ ކަމަށާއި ޑަކްޓަރުންނާއި ސަރުކާރުން ދޭ މެސެޖުތައް ބަލައިގަނެ އެއާ އެއްގޮތަށް ޢަމަލުކުރަންޖެހޭ ކަމަށެވެ.
ޒޮއާ ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް ޝަޒާ އާއި ކަރީމް ހޮސްޕިޓަލުން ދޫކޮށްލާފައެއް ނުވެއެވެ.