16 Apr 2020, 15:56
މަންމައިންނާއި އަންހެނުން އަދި އާއިލާތަކަށް ހާއްސަކޮށްގެން ރާއްޖޭގައި ހިންގަމުން އަންނަ މަމްސް އެންޖީއޯގެ ފަރާތުން ރޯދަމަހާއި ދިމާކޮށް ހާޢްސަ އޮންލައިން ފެއާއެއް ފެށުމަށް ނިންމައިފިއެވެ.
މި އޭޕްރިލް މަހުގެ 16،17 އަދި 18 ގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ފެއާގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ވިޔަފާރިތަކަށްވެސް ވަނީ ހުޅުވާލެވިފައެވެ.
ތެއްތިރީސްހާހާއި ގާތްކުރާ އަދަދަކަށް މެންބަރުން ހިމެނޭ މިި ޖަމިއްޔާއަކީ މީގެކުރިންވެސް މިފަދަ އެތަށް ހަރަކާތްތަކެއް ރާވާ އިންތިޒާމްކޮށް މުޖްތަމައުގައި ބޭނުން ޖެހިފައިވާ އެކި ފަރާތްތަކަށް އެހީވަމުން އަންނަ ޖަމިއްޔާއެކެވެ.
"މި ފެއާގެ މަގްސަދަކީ މިދުވަސްކޮޅަކީ ކޮވިޑް19 އާއި ގުޅިގެން މަގުމައްޗަށް ނުކުތުން ރަނގަޅު ދުވަސްވަރަކަށް ނުވުމާއި އެކު، ގޭގައި ތިބެގެން އޮންލައިންކޮށް ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުން" މަމްސް ގެ ފަރާތުން ބުންޏެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިފެއާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު ބަދިގެތެރޭގެ ސާމަނާއި ކުޑަކުދިންގެ ސާމާނުގެ އިތުރުން ގިނަ އަދަދެއްގެ ބޭކާރސް ވެސް ފެއާގައި ވަނީ މިހާތަނަށް ބައިވެރިވެފައެވެ.
މަމްސް އިން ބުނާގޮތުން ފެއާގެ އައިޓަމްތައް ލިބެން ހުންނާނީ ޑިސްކައުންޓްތަކާއި އެކީގައެވެ. އޮންލައިންކޮށް ހިނގާ މި ފެއާ ކުރިއަށްދާނީ މަމްސް ގެ ފޭސްބުކް ޕޭޖުގަޔާއި ގްރޫޕްގައެވެ. މަމްސްގެ ފަރާތުން ފާހަގަކުރައްވާގޮތުގައި މި ފެޢާގެ ސަބަބުން ވިޔަފާރިތަކަށްވެސް ވަރަށް ބޮޑު އެކްސްޕޯޝާއެއް ލިބިގެންދާނެ އެވެ.
މީގެއިތުރުންވެސް ކޮވިޑް 19 އާއި ގުޅިގެން މަމްސްގެ ފަރާތުން އަންނަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި 100 އާއިލާއަކަށް އެހީވުމުގެ ހާއްސަ ޕްރޮގްރާމެއްވެސް ފަށާފައެވެ.