ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ކާވް ފްލެޓް ކުރުން ނުވަތަ ގުދު ފަތި ކުރެވޭނީ އެކަމަށް އާންމުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ގޮވާލައިފި އެވެ.

ކޮވިޑް-19އާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ސިލްސިލާ ގޮތެއްގައި ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަން ވެސް އަދި ނެތް ކަން ވެސް ކަށަވަރު ނުވާ ކަމަށާއި އެކަން ޔަގީން ކުރުމަށް ދިރާސާއެއް ކުރަމުން އަންނަ ކަމަށެވެ.

"އެންމެ މުހިންމު އެއްކަމަކީ އެ ކާވް ފްލެޓް ކުރުން. ގުދު ފަތިކުރުން. އެހެންވީމަ އެކަން ކުރެވޭނެ ގޮތަށް މަސައްކަތް ކުރުމުގެ އެންމެ މުހިންމު އެއްކަމަކީ މިސާލަކަށް ސުކޫލެއްގެ ތެރޭގައި ޖެހިޖެހިގެން ކުދިން ތިބޭއިރުގައި އެ ތިބޭ މިންވަރު މަދުކުރުން. އެގޮތައް އެއްވާ ތަންތަން،"

"ގުދު ފަތިކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވެން އޮތީ އަޅުގަނޑުމެން އެންމެން ގުޅިގެން ކުރާ މަސައްކަތުން،" މަބްރޫކް ވިދާޅުވި އެވެ.

މިސާލަކަށް މަގު ހުރަސް ކުރާ އިރު ދެ މީހަކު ވައި އެޅިލުމާ ޖެހިޖެހިގެން އެއްގަޑިއުރު ވަންދެން ކައިރީގައި ތިބޭ އިރުގައި ދެ މީހުންގެ ތެރޭގައި ބަލި މީހަކު އިނދެއްޖެ ނަމަ ފެތުރުމުގެ ޗާންސް އިތުރުވާނީ ކައިރީގައި ތިބި މީހުންގެ މެދުގައި ކަމަށް މަބްރޫކް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެގޮތަށް ތިބޭ ތިބުން ހުއްޓުވަން ޖެހޭ ކަމަށެވެ.

"މި އެޅޭ ފިޔަވަޅުތަކަކީ ރަނގަޅު ފިޔަވަޅުތަކެއްތޯ ނޫންތޯ ވިސްނާ އިރުގައި ކޮންޓެކްޓްލައިޒް ކުރަން މިކަމާ ގުޅިގެން ގާތްގަޑަކަށް ލައްކައެއްހާ މީހުންނަށް މި ބަލި ޖެހިދާނެ ކަހަލަ ކޮންޓެސްޓެއްގައި އަޅުގަނޑުމެން މި އެކްޝަން ނަގަން ޖެހެނީ،" މަބްރޫކް ވިދާޅުވި އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮރޯނާ ޖެހިފައިވާ މީހަކު ފެނުނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ. މިހާތަނަށް ޖުމްލަ 20 މީހަކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، ދެ މީހަކު ވަނީ ރާއްޖެއިން ބޭރަށް ގޮސްފައެވެ.