14 Apr 2020, 23:19
ރާއްޖޭގައި ކޮރޯނާވައިރަސް ކޮމިޔުނިޓީ ސްޕްރެޑް ނޫނީ މުޖުތަމައުގެ ތެރެއަށް ފެތުރިއްޖެ ނަމަ، 98،501 މީހުންނަށް ބަލިޖެހޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެކުލަވާލި ދިރާސާއިން ހާމަވެެއްޖެ އެވެ.
ރާއްޖޭގައި ބަލީގެ ހާލަތާ ގުޅޭގޮތުން އެޗްޕީއޭ އިން އެކުލަވާލާފައިވާ އެޕިޑޮމިލޮޖިކަލް ސާވޭ ރިޕޯޓުގައި ހުރި މައުލޫމާތު މިިރޭ އާންމު ކުރިއިރު އެ ރިޕޯޓުގައި ބުނީ ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ނާޅައިފިނަމަ، ވައިރަސް މުޖުތަމައުގެ ތެރެއަށް ފެތުރިގަނެ، 10،891 މީހުން ރާއްޖެއިން މަރުވާނެ ކަމަށެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ރާއްޖޭގައި މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިއްޖެނަަމަ، މާލެ ސަރަހައްދުން އެކަނި 46،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ އެވެ. އެހެން ސަރަހައްދުތަކުން 51،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ އޮންނަ ހާލަތުގައި މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިއްޖެ ނަމަ، ކިޮމިޔުނިޓީ ކޭސްއެއް ފެންނަތާ 35 ވަނަ ދުވަހު އެކަނިވެސް އަލަށް 2،500 މީހުންނަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
"އެގޮތަށް 40 ވަނަ ދުވަހު 5000 އަށް ވުރެ ގިނަ ކޭސް އަލަށް އެދުވަހު ފެންނާނެ ކަމަށް ލަފާވޭ. ވަރަށް ހަލުވި ކަމާއެކު ބަލި ފެތުރިގެންދާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވެނީ. އަދި ގާތްގަނޑަކަށް 47 ދުވަހުގެ ތެރޭގައި ޕީކް [ކުއްލިއަކަށް ކޭސްތައް ގިނަވެގެން ] ދާނެ ކަމަށް ބެލެވޭ،" ދިރާސާގެ ހޯދުންތައް ހިއްސާ ކުރައްވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސާ އަދި އެޕިޑޮމިލޮޖިސްޓް ޑރ. ނަޒްލާ ރަފީގު މިރޭ ވިދާޅުވި އެވެ.
ޑރ. ވިދާޅުވީ 47 ދުވަސް ގުނަނީ ކޮމިޔުނިޓީގައި ކޭސް އެއް އުޅޭކަން އެނގޭ ދުވަހުން ފެށިގެން ނޫން ކަމަށާއި ކޮމިޔުނިޓީގެ ތެރޭގައި ބަލި ޖެހޭ ދުވަހުން ފެށިގެން ކަމަށެވެ.
ޑރ. ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ، އެ ފިޔަވަޅުތަކަށް ރަނގަޅަށް އަމަލު ކުރެވިއްޖެނަމަ، ބަލި ޖެހޭ މިންވަރު ވަރަށް ބޮޑަށް މަދު ކުރެވޭނެކަން ރިޕޯޓުން ހާމަވެފައިވާ ކަމަށެވެ.
އެގޮތުން އެ ހާލަތުގައި ބަލީގެ މީހުން އެންމެ ގިނަވާ ދުވަސް، ޕީކަށް ދާ ދުވަހުވެސް އެއް ދުވަހެއްގެ ތެރޭ ބަލި ޖެހޭނީ 2،000 އެއްހާ މީހުންނަށް ކަަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
"މިއީވެސް ކުޑަ އަދަދެއް ނޫން. ފެތުރެން ފަށައިފިނަމަ، އަޅުގަނޑުމެންގެ މުޅި މުޖުތަމައަށްވެސް މީގެ އަސަރު ކުރާނެކަން އެނގޭ،" ޑރ. ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަރުދަނާ ފިޔަވަޅުތަކެއް އެޅިއްޖެނަމަ ބަލި ޖެހޭ މިންވަރު އަދި ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ.
"ބަލި ކޮންޓްރޯލު ކުރުމުގައި މިހާތަނަށް އަޅުގަނޑުމެން އަޅާފައިވާ ފިޔަވަޅުތައް އެޅުމުގައި ވަރަށް ގިނަ ކަންތައްތަކަށް ބެލިފައިވޭ. ސިއްހީ ނިޒާމަށް ކޭޓާ ނުކުރެވޭ ވަރަށް ބަލި ނުޖެހުން އެއީ ވަރަށް މުހިއްމު ކަމެއް،" ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ބަލި މީހުން އިތުރުވެގެން ގޮސްފައިވާކަން ފާހަގަ ކުރައްވަމުން، ޑރ. ނަޒްލާ ވިދާޅުވި އެވެ.
ފިޔަވަޅުތައް ނާޅާ އޮއްވާ ރާއްޖޭގައި ކޮމިޔުނިޓީ ސްޕްރެޑެއް އައިސްފިނަމަ އެންމެ ޕީކު ދުވަހުވެސް 1300 މީހުން ހޮސްޕިޓުގައި އެޑްމިޓް ކުރަންޖެހޭނެ ކަމަށާއި ފިޔަވަޅުތައް އެޅިއްޖެނަމަ އެންމެ ޕީކު ދުވަހު ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭ މީހުންގެ އަދަދު 300 އަށް ދަށް ކުރެވޭކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން ބަލިޖެހޭ މީހުންގެ 15 ޕަސެންޓް މީހުން އާދައިގެ އެޑްމިޝަންގެ ގޮތުގައި ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭނެ ކަމަށާއި ފަސް ޕަސެންޓް މީހުން އައިސީޔޫ އަށް ލާން ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެންމެ ޕީކަށް ދާ ދުވަހު 400 އަށް ވުރެ ގިނަ މީހުންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ނަމަވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާނަމަ ޕީކް ދުވަހެއްގައި އެންމެ ގިނަ ވެގެން ވެސް އައިސީޔޫ އަށް ލާންޖެހޭނީ 100 މީހުން ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.
ރިޕޯޓުގައި ވާގޮތުން އެންމެ ސީރިއަސް ހާލަތުގައި ބަލިޖެހޭ މީހުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންގެ 35 ޕަސެންޓު މީހުން މަރުވުމުގެ ފުރުސަތު އެބައޮތެވެ. ބަލީގެ އެންމެ ނުރައްކާ ބޮޑު އެއް ބަޔަކީ އުމުރުން ދުވަސްވީ މީހުންނެވެ.
މި ރިޕޯޓަކީ ކޮރޯނާވައިރާ އާއި ގުޅޭގޮތުން އެސްޓިމޭޓުތައް ހެދުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އަދި އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖުން ހާއްސަކޮށްފައިވާ މޮޑެލްއެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
ރާއްޖޭގައި މިހާތަނަށް ބަލި ޖެހިފައިވަނީ 20 މީހަކަށެވެ. މީގެ ތެރެެއިން ފަސް މީހަކީ ރާއްޖެއިން ބޭރުން އައި ދިވެހިންނެވެ. ދެ މީހަކު ރާއްޖެއިން ބޭރުގައިވާއިރު ދެން ހިމެނެނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންނާއި ފަތުރުވެރިންނެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން ރާއްޖޭގައި މިހާރު ފަރުވާދެމުންދަނީ ދެ މީހަކަށެވެ.
ރާއްޖޭގައި ކޮމިޔުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށް ދިރާސާއެއް ކުރަން ނިންމާފައިވާކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އަދި މިހާތަނަށް ރާއްޖޭގައި ކޮމިޔުނިޓީ ސްޕްރެޑެއް އޮތްކަމުގެ ހެއްކެއް ނެތެވެ.