18 Dec 2011, 00:34
ރާއްޖޭގައި ފުރަތަމަ "އަސްކަރީ ކައިވެނި" މިރޭ ސިފައިންގެ ކަޅުތުއްކަލާ ކޮށީގައި ބާއްވައި ކުލަގަދަ އެ ހަފުލާ ތާރީހުގެ ތެރެއަށް ވަދެއްޖެ އެވެ. މި ހާއްސަ ޝަރަފު ލިބުނީ ލެފްޓިނެންޓް އަހުމަދު ވަޙީދާއި މއ. ނިރޮޅު އާމިނަތު ޔަޝްފާ އަށެވެ.
އަސްކަރީ ސިފަތަކާއި ކުލަތަކާއެކު ވަޙީދާއި ޔަޝްފާގެ ކައިވެނި ހަފުލާގައި، މިރޭ ބޭއްވީ ދެމީހުންގެ އާއިލާގެ ގިނަ އަދަދެއްގެ މެންބަރުންނާއި ގާތް އެކުވެރިންނާއި، ސިފައިންގެ އޮފިސަރުނާއި އެކި ސަރުކާރުގެ އިސްވެރިންނާއި ސިފައިންގެ އެކި ރޭންކުތަކުގެ ސިފައިނާއި ރާއްޖޭގެ އިތްޒަތްރި ބޭފުޅުންގެ ހާޒިރުގަ އެވެ.
ކައިވެނި ހަފުލާ ފެށިގެން ދިޔައީ ކަޅުތުއްކަލާ ކޮށީގައި ތައްޔާރުކޮށްފައިވާ ކުލަގަދަ މައިދާނަށް ލެފްޓިނެންޓް ވަޙީދުގެ ދެމަފިރިން ހާޒިރުވުމުންނެވެ. އެ މައިދާނުގައި މިލިޓަރީ ބޭންޑުން އެ ދެމަފިރިންގެ ޝަރަފްގައި ބިއުގަލް ކޯލެއް އެރުވުމާއެކު ދެމަފިރިން އެކުގައި ހިނގާފައި "އޮލްޓަ" ށް ދިޔައިރު "އާޗް އޮފް ސްވޯޑް" ޓީމުން އެ ދެމަފިރިންގެ ޝަރަފްގައި ހާއްސަ އޮނާ ގާޑެއް ދިނެވެ.
އެމްއެންޑީއެފްގެ އޮފިސަރުންގެ ޓީމަކުން ދިން އޮނާ ގާޑުގެ މެދުން ދެމަފިރިން ގޮސް "އާޗް އޮފް ސްވޯޑް" ގެ އެންމެ ފަހު އޮފިސަރާއި އަރާހަމަވުމުން ލެފްޓިނެންޓް އަޙުމަދު ވަޙީދުގެ އަންހެނުން ޔަޝްފާއަށް "ސިފައިންގެ ފަރާތުން މަރުހަބާ" ކިޔުން އޮތެވެ.
މިހަފުލާގައި ދެމަފަރިންގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި އެވެ. ވަޙީދުގެ އާއިލާގެ ފަރާތުން "ބެސްޓް މޭން" ގެ ގޮތުގައި ވާހަކަ ދެއްކީ މުސްތަފާ ފާރޫގު (މުމާފު) އެވެ. "މޭން އޮފް އޮނާ" ގެ ގޮތުގައި ޔަޝްފާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކީ މުޙައްމަދު އަޝްރަފެވެ.
ދެ އާއިލާގެ ވާހަކައަށް ފަހު އޮތީ ކޭކް ފެޅުމެވެ. ކޭކު ފެޅީ ސިފައިންގެ ކޮމާންޑަރުން ރަސްމިއްޔާތުތަކުގައި ބޭނުންކުރާ ހާއްސަ ކަނޑި ބޭނުންކޮށްގެން، ވަޙީދުގެ ދެމަފިރިންނެވެ. އަދި ޕާޓީގެެ ވަގުތުގައި "އަވަސޯންގް" ގެ ނަމުގައި ދެމަފިރިންނަށް ހާއްސަ ލަވައެއް ކިޔެވެ. މިލަވަ ހުށަހެޅީ ޔަޝްފާގެ އާއިލާގެ މެންބަރެކެވެ.