14 Apr 2020, 21:53
ކޭއެސްޖޭ އޯވާސީސް އެމްއެލްޑީ ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ނަގާފައިވާ ފައިސާތަކެއް ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ ފައިސާތައް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ކަމަށެވެ.
ރިސޯޓެއްގައި ތިިބި އެކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދޭންވެގެން ކުންފުނީގެ ފަރާތުން ފައިސާ ބަލާ މާލެ އައިސް ހުރި މީހާ، ފައިސާ އާ ހަވާލުވެ މި ފައިސާ ހިފައިގެން އެނބުރި ރިސޯޓަށް ފުރަންވަންދެން ގެސްޓްހައުސްއެއްގައި މަޑުކޮށްގެން ހުއްޓާ މި ފައިސާތަކާއި ރިސޯޓަށް ގެންދިޔުމަށް ހުރި އިތުރު ސާމާނު ވަގަށް ނަގާފައިވާކަމަށެވެ.
އެގޮތުން 19،211،30 ރުފިޔާ އާއި 25943.50 ރުުފިޔާގެ އަގުހުރި ޑޭޓާ ކާޑު އަދި ރައުޓަރުގެ އިތުރުން 11،000 ރުފިޔާގެ އަގުހުރި ފަސް މޮބައިލް ފޯނާއި 29،500 ރުފިޔާގެ އަގުހުރި ރީޗާޖު ކާޑު ވަގަށް ނަގާފައިވާ ކަމަށެވެ.
ފުލުހުން ކުރި މަސައްކަތުން މިމަހުގެ 12 ވަނަ ދުވަހު މީގެ ތެރެއިން 1،51،8130 ރުފިޔާ އާއި 25943.50 ރުފިޔާގެ ޑޭޓާ ކާޑު އަދި ރައުޓަރުގެ އިތުރުން ފަސް މޮބައިލް ފޯނާއި ރީޗާޖު ކާޑުތައް ހޯދިފައިވާ ކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން މިމަހުގެ 12 ވަނަ ދުވަހުގެރޭ ސްރީލަންކާ އަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.