14 Apr 2020, 21:50
އިންޑިއާ ގައި ތިބި ދިވެހީންގެ ތެރެއިން މިއަދު ރާއްޖެ އައި 159 މީހުންގެ ތެރޭ ހިމެނޭ ކިޑްނީގެ ބައްޔަށް ފަރުވާ ކުރާ ފަސް މީހަކު އައިޖީއެމްއެޗުގައި ކަރަންޓީނު ކޮށްފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ އިންޑިއާ އިން އައި މީހުންގެ ތެރެއިން މި ފަސް ބަލިމީހުން ބައިތިއްބާފައިވަނީ އައިޖީއެމްއެޗްގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދެއްގައި ކަމަށެވެ.
"މީގެ ތެރޭ ހިމެނޭކޮންމެ ދުވަހަކު ޑައިލަސިސް ހަދަން ޖެހޭ ދެ މީހުން،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މިއަދުގެ ފްލައިޓުން ދެ ތުއްތު ކުއްޖަކުވެސް ރާއްޖެ އައިސްފައިވާ ކަމަށާއި އެ ކުދިންގެ ބެލެނިވެރިންގެ ގޮތުގައި ކޮންމެ ކުއްޖަކަށް އެއް ބެލެނިވެރިއަކު އައިޖީއެމްއެޗުގައި ގާއިމް ކުރެވިފައިވާ ފެސިލިޓީ އަށް ގެންދެވިފައިވާ ކަމަށެވެ.
އައިޖީއެމްއެޗުގެ ފެސިލިޓީގައި ޖުމްލަ ނުވަ މީހަކު އެބަތިބިކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.
ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން މިއަދުގެ ފްލައިޓުން ރާއްޖެ ގެނެސްފައިވަނީ އިންޑިއާގެ ބެންގަލޫރު އަދި ކޮޗިންގައި ތިބި މީހުންގެ ތެރެއިން އާސަންދައިގެ އެހީގައި ބޭސް ފަރުވާ އަށް ގޮސްތިބި މީހުންނެވެ.
ރާއްޖެއިން ބޭރުން އަންނަ ދިވެހިން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަކުރަންޖެހެއެވެ. ކަރަންޓީނު ކޮށްފައިވާ މީހުންގެ ތެރެއިން މިހާތަނަށް 853 މީހަކު ދޫކޮށްލާފައިވާއިރު، އެމީހުން ދޫކޮށްލަނީ ކޮރޯނާ އަށް ޓެސްޓު ކުރުމަށްފަހު ޓެސްޓު ނެގެޓިވް ވުމުންނެވެ.
މިއަދު ވެސް ނުވަ މީހަކު ކަރަންޓީނުން ދޫކޮށްލާފައިވާކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.
ރާއްޖެއިން 20 މީހަކު ކޮވިޑަށް ޕޮޒިޓިވް ވިއިރު މިހާތަނަށް 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ދެ މީހަކަށް ފަރުވާދެމުންދާއިރު ދެ މީހަކު ވަނީ ރާއްޖެއިން ބޭރަށް ގޮސްފައެވެ.