14 Apr 2020, 21:04
ނޫސްވެރިޔާ އަހުމަދު ރިލްވާނު އަބްދުﷲގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އާ ހެކިތަކާއެކު ކުރިއެރުން ލިބިފައިވާކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސާ ފަރީޝާ އަބްދުﷲ މިރޭ "ސަން" އަށް ވިދާޅުވީ ރިލްވާނުގެ މަރުގެ މައްސަލާގައި އާ ހެކިތަކާއެކު އިންސާފާއި ހަމައަށް ދެވޭނެކަމުގެ އުއްމީދު ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން އާ ހެކިތަކާއެކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު މަޝްވަރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަރީޝާ ވިދާޅުވީ ރިލްވާނުގެ މައްސަލާގައި މިމަހުގެ ނިޔަލަށް ނިންމުންތަކާ ހަމައަށް ދެވޭނެކަމަށް ކުރިން ލަފާކުރި ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއެކު އިންޓަވިއުތައް ކުރިއަށް ނުގެންދެވި މައްސަލަ ލަސްވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ލިބިފައިވާ ކުރިއެރުންތަކަށް ބަލައި އިންސާފާ ހަމައަށް ދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ރިލްްވާނުގެ މަރުގެ މައްސަލައިގެ އިތުރުން ޑރ. އަފްރާޝީމް އަލީގެ މަރާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައަކީ ވެސް އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކެކެވެ. އެ ތިން މަރުގެެ ވެސް މުގުލުގައި ތިބީ ހަރުކަށި ފިކުރުގެ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދު ކަމަށް މަރުކޮމިޝަނުން މީގެ ކުރިން އެކުލަވާލި ރިޕޯޓުގައި ބުނެފައިވެއެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި އެ މީހުންގެ މައްޗަށް ދައުވާކޮށްދޭން ކޮމިޝަނުން ޕީޖީ އަށް ފޮނުވި ނަމަވެސް މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށެވެ.
ރިލްވާންގެ މަރުގެ މައްސަލައިގެ ރިޕޯޓުގެ ހުލާސާއިން އެނގުނު ގޮތުގައި، ޖޫން، 2014ގައި އަލްގައިދާގެ ވެރިޔާ، އަބޫބަކުރު އަލް ބަގުދާދީ، އިސްލާމިކް ސްޓޭޓް އުފެއްދުމާ ގުޅިގެން ރާއްޖޭގެ އަލްގައިދާގެ ލީޑާޝީޕް ދެ ބަޔަކަށް ބެހިގެން ދިޔަ އެވެ. އެއީ އަބޫބަކުރު އަލް ބަގުދާދީގެ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ބައިއަތު ހިފި ބަޔަކާއި ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވާ ޖަބްހަތުއް ނުސްރާ ނުވަތަ ނުސްރާ ފްރޮންޓަށް ނިސްބަތްވާ އަލްގައިދާގެ ޖަމާއަތަށް ބައިއަތު ހިފި ބައެކެވެ.
ރިލްވާންގެ މަރުގެ ރިޕޯޓު ނެރުމަށް ފަހު ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނުގައި މަޒީދު ދިރިއުޅޭ ގާކޮށި ފްލެޓުވެސް ބަލައި ފާސްކުރި އެވެ. އެކަމަކު، ސާމިތު ދިރިއުޅޭގެ ބަލާ ފާސްކުރި ކަމެއް އެނގިފައެއް ނުވެ އެވެ.
ޕީޖީ އިން އެދުނު ގޮތަށް މައްސަލަތައް އިތުރަށް ބަލަމުންދާ ކަމަށް ފަރީޝާ ވިދާޅުވިއެވެ.
ރިލްވާން މަރުގެ މައްސަލާގައި މީގެކުރިން ވަނީ ބައެއް މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތުމުން އެ ދައުވާ ސާބިތެއް ނުވެއެވެ.