14 Apr 2020, 21:40
ސްކޫލްތަކުގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް އެކި ޓީވީ ޗެނަލްތައް މެދުވެރިކޮށް ގެނެސްދެމުންގެންދާ ޓެލެކްލާސްތައް "ފިލާ"ޕޯޓަލްމެދުވެރިކޮށް ގެނެސްދޭން ފަށައިފިއެވެ.
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައިފައި އޮންނަތާ މިހާރު މަހެއްވާން ވަނީ ކައިރިވެފައެވެ.
ފިލާ ޕޯޓަލްއަކީ ދަރިވަރުންނާއި ޓީޗަރުންނަށް ފަސޭހައިން އެ މައުލޫމާތުތައް ބޭނުންކުރެވޭ ގޮތަށް ރައްކާކުރެވޭގޮތަށް އެކުލަވާލައިފައިވާ ޕޯޓަލްއެކެވެ. އެ ޕޯޓަލްއިން ކޮންމެ ވަގުތެއްގައި ޓެލެ ކްލާހުން ގެނެސްދިން ފިލާވަޅުތަކުގެ ރެކޯޑިން ބަލާލެވޭނެއެވެ. އޭގެ އިތުރުން އެކި މައުލޫމާތުތައް ހިމެނޭ އިންފޮމޭޝަން ޝީޓްތައްވެސް އެ ޕޯޓަލް މެދުވެރިކޮށް ލިބެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ދާދި ފަހުން ވަނީ އެ ޕޯޓަލްއަށް ޑިޖިޓަލް މައުލޫމާތު ލުމުގެ އުސޫލެެއްވެސް އެކުލަވާލައިފައެވެ.
އެގޮތުން އެ ޕޯޓަލްއަށް ޑިޖިޓަލް މައުލޫމާތު އަޕްލޯޑްކުރެވޭނީ ސްކޫލްތަކާއި، ނެޝެނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަނާއި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން ފަދަ ފަރާތްތަކަށް ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ.
އެ ޕޯޓަލްއަށް އެއްވެސް ސްކޫލްތަކުން އަޕްލޯޑްކުރުުމުގެ ކުރިން އޭގެ ކޮންޓެންޓްއަކީ އިސްލާމީ އަދި ދިވެހި މުޖުތަމައުއަށް ފެތޭ ކޮންޓެންޓްތޯވެސް ބަލަން ޖެހޭނެކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.