14 Apr 2020, 17:40
ދުނިޔޭގައި މިހާރު އޮތް އެންމެ ބޮޑު ބިރުވެެރިކަމަކީ މިދިޔަ ޑިސެމްބަރު މަހު ޗައިނާ އިން އުފަންވެގެން ފެތުރެން ފަށާފައިވާ ކޮރޯނާ ނުވަތަ ކޮވިޑް19 ގެ ބިރުވެރިކަމެވެ. އަދި އެއްވެސް ފަރުވާއެއް ހޯދިފައިނުވާ، އަލަށް ފެނުނު މި ބަލި ދުނިޔޭގެ ހުރހާ ގައުމަކަށްހެން ފެތުރިއްޖެއެވެ. މިލިއަނަކަށްވުރެ ގިނަ މީހުންނަށް ބަލި ޖެހި ބަލީގައި ލައްކައަކަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
މިހާރު ހުރިހާ އެންމެންވެސް އެންމެ އިންތިޒާރު ކުރަނީ މި ބައްޔަށް ވެކްސިނެއް އުފެއްދޭނެ ދުވަހަކަށެވެ. އެކި ކަންކޮޅުތަކުގައި ސައިންސްވެރިން މިހާރު އެންމެ އިސްކަންދީގެން ކުރާ މަސައްކަތަކީވެސް މިއެވެ.
ޗައިނާގެ ބެއިޖިންގައި ހުންނަ ސިނިވެކް ބަޔޯޓެކް އާއި ވުހާން އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސް ގުޅިގެން ކޮރޯނާ އަށް ދެ ވެކްސިނެއް މިހާރު ވަނީ ތައްޔާރުކޮށްފައެވެ. މި ވެކްސިން އިންސާނުންގެ ގަޔަށް ޓެސްޓު ކުރުމުގެ ހުއްދަ އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ދީފައިވާ ކަމަށް ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީ އިން ވަނީ ރިޕޯޓުކޮށްފައެވެ.
މީގެ ކުރިންވެސް ޗައިނާގެ އެކެޑެމީ އޮފް މިލިޓަރީ މެޑިކަލް ސައިންސް އިން އުފެއްދި ވެކްސިނެއްގެ ޓްރަޔަލްސް ކުރިއަށް ގެންދިޔުމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހުއްދަ ދީފައެވެ.
އެމެރިކާ އިންވެސް ވެކްސިނެއް އުފައްދާ ޓްރައިއަލް އެއް ފަށާފައިވާއިރު، ޗައިނާގައި ފުރަތަމަ ޓްރައިއަލް އަށް ހުއްދަ ދިން ވެކްސިންގެ ޓްރައިއަލްގެ ދެވަނަ ބުރު މިހާރު ވަނީ ފަށައިފައެވެ.
ވެކްސިނެއް އުފައްދައި އޭތި މާކެޓަށް ނެރުމަކީ އަވަސް އަރުވާލައިގެން ކުރެވޭނެ ކަމެއް ނޫންކަން ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. އަންމުކޮށް ވެކްސިނެއް އުފައްދައި އިންސާނުންގެ ގައިގައި ޓެސްޓު ކުރުމުގެ ކުރިން ޖަނަވާރުންނަށް ޓެސްޓު ކުރި ނަމަވެސް، ކޮރޯނާގެ ވެކްސިން އެންމެ ފުރަތަމަ ވެސް ޓެސްޓު ކުރަން ފަށާފައިވަނީ އިންސާނުންގެ ގައިގައެވެ.
ދުނިޔޭގައި ކޮވިޑް-19 ފެތުރުން މުޅިން ހުއްޓުވަން އެކަމަށް ހާއްސަ ވެކްސިނެއް ބޭނުންވާ ކަމަށް ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް ވެސް ވަނީ ވިދާޅުވެފައެވެ.
"މުޅި ދުނިޔެ ގުޅި ލާމެހިފައިވުމުން ބަލި އަލުން ފެތުރުމުގެ ނުރައްކާ އޮންނާނެ. އަދި ބަލި ފެތުރުން މުޅިން ހުއްޓުވުމަށް ރައްކާތެރި އަދި އޭގެ ނަތީޖާ ފެންނަ ވެކްސިނެއް އުފައްދާ، މީހުންނަށް ދޭން ޖެހޭ،" ޓެޑްރޮސް ވިދާޅުވި އެވެ.
ޑަބްލިޔުއެޗްއޯއިން ބުނި ގޮތުގައި ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ބޭނުން ކުރެވިދާނެ 70 ވެކްސިނެއް ސައިންސުވެރިން ދަނީ ދިރާސާ ކުރަމުންނެވެ.