އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް މައިބަދައިގެ ދެ އޮޕަރޭޝަން ކޮށްފިއެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓެންޓް އިން އޯތޯޕިޑިކްސް ޑރ. ޔޫސުފް ޝާން އިސްކޮށް ހުންނަވައިގެން ކުރެއްވި މި އޮޕަރޭޝަން ކާމިޔާބު ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުން ބުނީ މި އޮޕަރޭޝަނަށް ތައްޔާރުވުމުގެ ގޮތުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ކަމާ ގުޅުންހުރި ޑޮކްޓަރުންނާއި ނަރުހުންނަށް ޑރ. ޝާން އިއްޔެ ތަމްރީނު ދެއްވާފައިވާ ކަމަށެވެ.

މިއަދު ކުރެވުނު ދެ އޮޕަރޭޝަންވެސް ކާމިޔާބު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ބޮޑު އޮޕަރޭޝަނެއް ކޮށްފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެ ހޮސްޕިޓަލްގައި އެންމެ ފުރަތަމަ އޮޕަރޭޝަން ކުރީ އުކުޅުވަޅުގެ ހުޅު ބިނދިފައި ހުރި 82 އަހަރުގެ މީހެއްގެ އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ހަދަން ފެށި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ހިދުމަތްތައް ދޭން ފެށީ މިއަހަރުއެވެ. އަދި އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއާރް) ގައި ދެމުން ގެންދިޔަ ހުރިހާ ހިދުމަތްތަތްކެއް މިހާރު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްއަށް ބަދަލުވެސް ކޮށްފަ އެވެ.