މުޒާހަރާ ކުރައްވަން ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ނުކުމެވަޑައިގަންނަވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި މުޒާހަރާއެއް ކުރަން ޖެހިއްޖެ ނަމަ އެމްޑީޕީގެ އެހެން މެމްބަރުން އެބަ ތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެކަމާ ބެހޭ ގޮތުން މިއަދު މުސްތޮފާ ފޮނުއްވި އެސްއެމްއެސްއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މުސްތޮފާ ވިދާޅުވީ އަންނަ ހުކުރު ދުވަހު ބާއްވާ މުޒާހަރާއާ ދެކޮޅަށް އެމްޑީޕީން ބާއްވާ މުޒާހަރާއަށް ރައީސް ނުކުމެވަޑައި ގަތުމަކީ އެމްޑީޕީގެ މެމްބަރުންނަށް ވެސް އަދި ދިވެހި ރައްޔިތުންނަށް ވެސް ހުތުރުވާނެ ކަމެއް ކަމަށެވެ. އެ މުޒާހަރާއަށް ނުކުމެވަޑައިގަންނަވަން ރައީސް އުޅުއްވަނީ އެމްޑީޕީގެ އިސް ދެ ތިން މީހެއްގެ ބާރު އެޅުމުގެ ސަބަބުން ކަމަށް ވެސް މުސްތޮފާ ވިދާޅުވި އެވެ.

" މުޒާހަރާ ކުރައްވަން ރައީސް ނުކުމެވަޑައިގަންނަވާކަށް ނުޖެހޭނެ، އަޅުގަނޑުމެން މިތިބީ މުޒާހަރާއެއް ކުރަން ޖެހިއްޖެ ނަމަ ކުރާގޮތަކަށް ނޫންތޯ؟ ކީއްކުރައްވަންތޯ ރައީސް ނުކުމެވަޑައިގަންނަވަންވީ؟ ރައީސަކީ ރާއްޖޭގެ ރައްޔިތުންގެ ރައީސް ، އެއީ އެމްޑީޕީގެ ރައީސެއް ނޫނޭ،" މުސްތޮފާ ވިދާޅުވި އެވެ.

ސަރުކާރަށް ފާޑު ވިދާޅުވާ އެމްޑީޕީގެ މެންބަރު ވިދާޅުވީ މުޒާހަރާ ކުރަން ރައީސް ނަޝީދު ނުކުމެވަޑައިގަތުމަށް އެމަނިކުފާނަށް ވަސްވާސް ދެނީ ކާކަން ރައްޔިތުންނަށް އެނގޭނެ ކަމަށާއި ރައީސް ނުކުމެވަޑައިގަންނަވާނެ ކަން އިއުލާން ކުރީ އެ ފަރާތުން ކަމަށެވެ.

މުޒާހަރާގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މިދިއަ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި އިއުލާން ކުރެއްވެވީ ޕާޓީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކެވެ.

ހުކުރު ދުވަހުގެ ބޮޑު މުޒާހަރާއާ ދެކޮޅަށް އެމްޑީޕީން ވެސް ނުކުންނަން ވެސް ނުޖެހޭނެ ކަމަށް މުސްތޮފާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މުޒާހަރާގައި ހަމަނުޖެހުމެއް ހިނގިޔަސް އެކަން ހައްލުކުރަން ސިފައިންނާއި ފުލުހުން ތިބޭނެ ކަމަށެވެ.

ދީނުގެ ހިމާޔަތުގައި ބަޔަކު ހުކުރު ދުވަހު މުޒާހަރާއަށް ނުކުންނަނީ އެ މުޒާހަރާ ކުރާ މީހުންގެ ވިސްނުން ރައީސުލް ޖުމްހޫރިއްޔާއަށާއި ބައިނަލް އަގުވާމީ މުޖުތަމައަށް ދައްކަން ކަމަށް ގަބޫލުކުރައްވާ ކަމަށް އިޝާރާތް ކުރައްވާ މުސްތޮފާ ވިދާޅުވީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމަކީ އެމުޒާހަރާ އިންތިޒާމްކުރާ ފަރާތްތަކުގެ ވިސްނުމުގައި ހުރި ކަމެއް ނޫން ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށެވެ.

" އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިމުޒާހަރާއާ ދެކޮޅަށް އެމްޑީޕީން ނުކުންނާކަށް ނުޖެހޭ، މީ އިސްލާމްދީން ހިމާޔަތް ކުރުމަށް ގޮވާލައި ކުރާ މުޒާހަރާއެއް، އެ މުޒާހަރާގައި ކަނޑިއާ ބަޑިއާ ހިފައިގެން ނުކުމެއްޖެ ނަމަ ރައްޔިތުން ގަބޫލެއް ނުކުރާނެ އެއީ އެފަދަ މުޒާހަރާއެއް ކަމަކަށް، އެމީހުންގެ ވިސްނުމުގައި ވެސް އެކަން ހުންނާނެ،" މުސްތޮފާ ވިދާޅުވި އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Mohammed Musthafa (mp3)