14 Apr 2020, 15:29
ކޮވިޑް-19އާ ދެކޮޅަށް ސަލާމަތީ ފިޔަވަޅުތައް ނޭޅިޔަސް ދިގު މުއްދަތުގެ ތެރޭގައި ރާއްޖޭގައި ގާތްގަނޑަކަށް 8،000 މީހުންނަށް ބަލި ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ހަވާލާދެއްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަޖިލިސް ބޭއްވުން ހުއްޓާލައި، މަޖިލީހަށް އެއްވެ ޖަލްސާތައް ބޭއްުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިއަދު މަޖިލީހުގައި ޕީޖީ ލީޑަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގަބޫލު ކުރަނީ މިހާރު އަޅާ ފިޔަވަޅުތައް ނާޅާ ނަމަ ރާއްޖޭގައި ގާތްގަނޑަކަށް 8000 މީހުންނަށް ބަލި ޖެހޭނެ ކަމަށެވެ. އަދި އެގޮތަށް ފިޔަވަޅު ނާޅައި ބާއްވައިފި ނަމަ ގިނަ ބަޔަކަށް ބަލި ޖެހި، 80 ދުވަހުގެ ތެރޭގައި މީހުންނަށް ރޯގާ ޖެހުން ހުއްޓޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އޭގެ އިތުރުން ފިޔަވަޅުތައް އެޅި ނަމަވެސް ދިގު މުއްދަތެއްގެ ތެރޭގައި ގާތްގަނޑަަކަށް އެއް އަދަދަށް މީހުންނަށް ބަލިޖެހޭނެ ކަމަށް އެޗްޕީއޭއިން ހެދި އެޕިޑޮމޮލޮޖިކަލް ސާވޭއާ ހަވާލާދެއްވައި އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު މި އަޅާ ފިޔަވަޅުތައް އެޅީމާ މި ކަމުން އަޅުގަނޑުމެންނަށް ލުޔެއް ލިބެން އޮތީ 210 ދުވަހުން. މީގައި ފާހަަގަ ކުރަން ޖެހޭ އެއްޗަކީ ފިޔަވަޅުތައް އެޅީމާވެސް ހަމަ އެއް އަދަދެއްގެ މީހުންނަށް ޖެހެނީ. އެކަމަކު އެއީ ދިގު މުއްދަތެއްގެ ތެރޭގައި،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފިޔަވަޅުތައް އަޅަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބަޔަކަށް ބަލި ޖެހެން، ފަށައިފި ނަމަ އެ ހުރިހާ އެންމެނަށް އެއްފަހަރާ ފަރުވާ ދޭން އުނދަގުވާނެ ކަމަށެވެ.
"މިގޮތަށް މި ހަދާ ސަބަބަކީ އެއް ދުވަހުގެ ތެރޭގައި އެހާ ގިނަ މީހުން ހޮސްޕިޓަލަށް ވަންނަން ނުޖެހުން. އެއް ދުވަހުގެ ތެރޭގައި ގިނަ މީހުންނަށް ރޯގާ ޖެހި އެ މީހުންނަށް އަޅާނުލެވުނީމާ ފުރާނައަށް ގެއްލުންވާ މީހުންގެ އަދަދުތައް ގިނަވެގެންދާނެތީ. ހަގީގަތުގައި މި މުއްދަތު މި ހޯދަނީ ހޮސްޕިޓަލާއި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިއަދު އިތުރަށް ވިދާޅުވީ، ސަރުކާރުން ވާން ޖެހޭ ތައްޔާރީތައް އެނގެން އޮތް އިރު ސަރުކާރުން އެ ތައްޔާރީތައް ވޭތޯ ބަލަން މަޖިލީގެ މެމްބަރުން ތިބެން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރު ޒިންމާދާރު ކުރުމަކީ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަރާފައިވާ ދަރަންޏެއް ކަމަށް ވިދާޅުވި އެވެ.
"ލޮކްޑައުން މި ގެންގުޅެނީ ތައްޔާރުވުމަށޭ. ތައްޔާރުވުމަށް އަޅުގަނޑަށް ފެންނަ ގޮތުގައި ބޭނުންވާ އެންމެ ބޮޑު ވަސީލަތަކީ މި ރައްޔިތުންގެ މަޖިލިސް. އަޅުގަނޑަށް މިހެން މި ހީވާ ސަބަބަކީ ސަރުކާރުންނާއި ޖާނަލިސްޓުން ވިދާޅުވާ ގޮތުގައި ވެންޓިލޭޓަރު ގަންނަން އަދި ފައިސާ ނުދައްކާ. ގިނަ ފަހަރު އެއްޗެއް މި ލިބެނީ ފައިސާ ދައްކައިގެން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހުން ގާނޫނީ ވާޖިބު އަދާނުކޮށްފި ނަމަ، އެކަށީގެންވާ ތައްޔާރީއެއް ސަރުކާރަށް ނުވެވޭނެ އެވެ.
"އަޅުގަނޑުމެން ތެލުލި ފަތް ހިފައިގެން މެލޭޝިއާއަށް މަތިންދާބޯޓަށް ދެވޭ ކަމަށް ވަންޏާ މީގެ 157 އެތި ބަަލައިވެސް ދާން ވެއްޖެއްނޫންތޯ؟ އަޅުގަނޑަށް ފެންނަ ގޮތުގައި އަޅުގަނޑު މި މަޖިލިސް މި ހުޅުވަނީ ފާޑު ބުނަން ވެގެން. އަޅުގަނޑަށް ފެނުނު ގޮތުގައި މި ފާޑު ނުބުނެ އަޅުގަނޑު މިތާ އިނުމަކީ ޒިންމާދާރު ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.