14 Apr 2020, 15:31
ޑަބްލިޔުއެޗްއޯ (އޭޕްރިލް 14): ދުނިޔޭގައި ކޮވިޑް-19 ފެތުރުން މުޅިން ހުއްޓުވަން އެކަމަށް ހާއްސަ ވެކްސިނެއް ބޭނުންވާ ކަމަށް ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވެއްޖެ އެވެ.
ޓެޑްރޮސް އެފަދައިން ވިދާޅުވީ، މިދިޔަ ޑިސެމްބަރު މަހު ފެނުނު އާ ބާވަތުގެ ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ބައްޔާ ބެހޭ ގޮތުން އިއްޔެ އެންމެ ފަހުގެ މައުލޫމާތުގެ ދެއްވަމުންނެވެ. އަދި ބަލި ފެތުރުން ހުއްޓުވުމަށް އެކި ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތައް އުވާލުމުގެ ކުރިން ކުރަން ޖެހޭ ކަންތައްތައް ފާހަގަ ކުރެއްވުމަށް ފަހުގަ އެވެ.
އެގޮތުން ޓެޑްރޮސް ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި:
ގައުމުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުން
- ބަލިޖެހޭ ކޮންމެ މީހަކު ދެނެގަނެ، ޓެސްޓުކޮށް، އެކަހެރިކޮށް، ފަރުވާދީ، އެމީހުންނަށް ކޮންޓެކްޓުވި ކޮންމެ މީހަކު ހޯދުމުގެ ގާބިލުކަން ސިއްހީ ނިޒާމަށް ލިބިދީފައިވުން
- ސިއްހީ އިދާރާތަކާއި އުމުރުން ދުވަސްވީ މީހުން ބަލާ މަރުކަޒުތައް ފަދަ ތަންތަނުގައި ބަލި ފެތުރުމުގެ ނުރައްކާ ކުޑަކޮށްފައިވުން
- ވަޒީފާ އަދާ ކުރާ ތަންތަނާއި ސްކޫލުތައް ފަދަ މީހުން ކޮންމެހެންވެސް ދާން ޖެހޭ ތަންތަނުގައި ބަލި ފެތުރުން ހުއްޓުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވުން
- ގައުމުން ބޭރުން އަންނަ މީހުންގެ ފަރާތުން ބަލި ފެތުރުމުގެ ނުރައްކާ ކުޑަކޮށްފައިވުން
- އަދި އާ އާދަތަކަށް މީހުން ހޭނެވުމަށް ހޭލުންތެރިކޮށްފައިވުން ހިމެނެ އެވެ.
ޓެޑްރޮސް ވިދާޅުވި ގޮތުގައި ގުޅި ލާމެހިފައިވާ ދުނިޔެއެއްގައި ބަލި ފެތުރުން ހުއްޓުވޭ ސަރަހައްދުތަކުންވެސް ބަލި އަލުން ފެނި، ފެތުރުމުގެ ނުރައްކާ އޮވެ އެވެ. އަދި ބަލި ފެތުރުން މުޅި ހުއްޓުވުމަށްޓަކައި ވެކްސިނެއް ބޭނުންވެ އެވެ.
"މުޅި ދުނިޔެ ގުޅި ލާމެހިފައިވުމުން ބަލި އަލުން ފެތުރުމުގެ ނުރައްކާ އޮންނާނެ. އަދި ބަލި ފެތުރުން މުޅިން ހުއްޓުވުމަށް ރައްކާތެރި އަދި އޭގެ ނަތީޖާ ފެންނަ ވެކްސިނެއް އުފައްދާ، މީހުންނަށް ދޭން ޖެހޭ،" ޓެޑްރޮސް ވިދާޅުވި އެވެ.
ޑަބްލިޔުއެޗްއޯއިން ބުނި ގޮތުގައި ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ބޭނުން ކުރެވިދާނެ 70 ވެކްސިނެއް ސައިންސުވެރިން ދަނީ ދިރާސާ ކުރަމުންނެވެ. އަދި އޭގެ ތެރެއިން ތިން ވެކްސިނެއް އިންސާނުންނަށް ދީގެން ދަނީ ޓެސްޓު ކުރަމުންނެވެ.
އާ ވެކްސިނެއް ތައްޔާރުކޮށް، ބޭނުން ކުރަން އާއްމު ގޮތެއްގައި 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތެއް ނަގާ ނަމަވެސް ސައިންސުވެރިން ދަނީ ކޮރޯނާވައިރަހަށް ވީހާވެސް އަވަހަކަށް ރައްކާތެރި ވެކްސިނެއް ހެދުމަށް މަސައްކަތް ކުރަމުންނެވެ. އެފަދަ ގިނަ ސައިންސުވެރިން ލަފާ ކުރާ ގޮތުގައި ވެކްސިނެއް ބޭނުން ކުރެވޭ ވަރުވާން އެއް އަހަރާއި 18 މަހާ ދެމެދުގެ މުއްދަތެއް ނަގާފާނެ އެވެ. ނަމަވެސް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގައި ވެކްސިނެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުންދާ ޓީމަކުން ވަނީ އެޓީމުގެ ވެކްސިން ހަ މަސް ތެރޭ ލިބޭ ވަރުވެދާނެ ކަމަށް ބުނެފަ އެވެ.
ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ 185 ގައުމާއި ޓެރިޓަރީއަށް ފެތުރި، ދެ މިލިއަނާ ގާތް ކުރާ ވަރަށް މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި ބަލި ޖެހުނު 458,565 މީހަކު ރަނގަޅުވެފައިވާ އިރު، އެބަލީގައި 119,818 މީހަކު ވަނީ މަރުވެފަ އެވެ.