14 Apr 2020, 15:08
މާލެ، ލޮނުޒިޔާރަތްމަގުގައި ހުންނަ ބިޒް މޯބައިލް ފިހާރަ ފަޅާލައި، 75،000 ރުފިޔާއަށްވުރެ ގިނަ ފައިސާގެ ތަކެތި ވަގަށް ނަގައިފި އެވެ.
ފުލުހުން މިއަދު ބުނީ، މިދިޔަ މަހު 23 ވަނަ ދުވަހާއި 30 ވަނަ ދުވަހާ ދެމެދު ބިޒް މޯބައިލް ފިހާރަ ފަޅާލި މައްސަލަ އެ މުއައްސަސާއަށް ހުށަހަޅާފައިވާ ކަމަށެވެވެ.
ވަގަށް ނެގި ތަކެތި ހޯދުމުގައި ކުރި މަސައްކަތުން މިހާތަނަށް 62،000އަށް ވުރެ ގިނަ ފައިސާގެ ތަކެތި ހޯދައި، ވެރިފަރާތާ ހަވާލުކޮށްފައިވާ ކަަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިިގެން މިދިޔަ މަހު 30 ވަނަ ދުވަހު 36 އަހަރުގެ ދިވެހި އަންހެނަކު އަދި މިދިޔަ މަހު 31 ވަނަ ދުވަހު 39 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ. އެ ދެމީހުންވެސް އެ ފިހާރައިން ވައްކަން ކުރިކަމަށް އިއުތިރާފުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"އެދެ މީހުންގެ ތެރެއިން 39 އަހަރުގެ ދިވެހި ފިރިހެން މީހާއަކީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުން ފަރުވާ ފުރިހަމަ ކުރުމަށް، މުޖުތަމައުއަށް ދޫކޮށްލައިފައިވާ ހުރި މީހަކަށް ވާތީ، އެ ފުރުސަތު ބޭނުން ރަނގަޅު ގޮތުގައި އޭނާ ބޭނުން ނުހިފީ ކަމަށް ބަލައި، މާޗް 31 ވަނަ ދުވަހު އޭނާ ވަނީ އެމްސީއެސްއާ ހަވާލުކޮށްފައި." ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިއަހަރު މިހާތަނަށް ވައްކަމުގެ 1،249 މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އޭގެތެރޭގައި މިމަހު މިހާތަނަށް ހުށަހެޅި 118 މައްސަލަ ހިމެނެއެވެ.