17 Dec 2011, 23:23
ސާކްސަމިޓާ ގުޅިގެން އައްޑޫ ސިޓީގައި ބުދު ހިމެނޭ މޮނިއުމެންޓް ބެހެއްޓީ އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގާއި އެ ރަށުގެ ބަޔަކު ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއީ ބުދުގެ މައްސަލައިގައި ރައީސް ނަޝީދު ވާހަކަފުޅު ދެއްވި ފުރަތަމަ ފަހަރެވެ.
"މެދު މިނަށް ތާއީދު" މިނަމުގައި އެމްޑީޕީން މިރޭ ސޯސަން މަގުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސާކް ސަމިޓާ ގުޅިގެން އައްޑޫގައި ބަހައްޓާފައި ވަނީ ސާކްގެ ގައުމުތަކުގެ ހަނދާނީ ބިނާއެއް ކަމަށެވެ.
އެ ބިނާތައް އައްޑޫގައި ބެހެއްޓީ ސާކްގެ ގައުމުތަކުގެ ވެރިން އެ ގައުމުތަކުގެ ހަނދާނީ ބިނާއެއް އައްޑޫ ސިޓީގައި ބެހެއްޓުމަށް އެދިވަޑައިގަތުމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގާއި އެ ރަށުގެ ބަޔަކު ވެގެން ކަމަށާއި އެމަނިކުފާނަށް އެތަކެތި ފެނިވަޑައިގަތީ ތަޅާލާފައި ހުއްޓާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ހީފުޅުކުރައްވާ ގޮތުގައި އެއީ އެއްވެސް ހާލެއްގައި ރާއްޖޭގެ ބުދު ބެހެއްޓުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.
"ސާކްގެ ވެރިން އެގައުމުތަކުގެ ހަނދާނީ ބިނާއެއްގެ ގޮތުގައި އައްޑޫ ސިޓީގައި ބެހެއްޓުމަށް ދިން އެއްޗެއް ވީމާ ސިޓީ ކައުންސިލްގެ މޭޔަރު އެ ރަށުގަ އެކަން ކުރާ ބަޔަކާ އެކީގައި ބެހެއްޓީ. އަޅުގަނޑު އެ ދުށީ ވެސް އޭތި ތަޅާލައިފިޔޭ ބުނި ފަހުން،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު ހިތުން އެއީ އެއްވެސް ހާލެއްގައި އަޅުގަނޑުމެން އެކަކުވެސް ރާއްޖޭގައި ބުދު ބެހެއްޓުމުގެ ނިޔަތުގައި ނުވަތަ ސޫރައެއް އެހެންވެސް ގޮތަކަށް ފާޅު ކުރުމުގެ ނިޔަތުގައި ކޮށްފައިވާކަމެއް ނޫން،"
އައްޑޫ ސިޓީގައި ބެހެއްޓި ބައެއް މޮނިއުމެންޓްތަކުގެ ތެރޭގައި ބުދު ދީނުގެ މީހުން އަޅުކަން ކުރާ ޒާތުގެ މޮނިއުމެންޓުތައް ބެހެއްޓުމުން އެކަން ކުށްވެރިކޮށް ރާއްޖޭގައި މުޒާހަރާތަކެއް ކޮށްފައިވާ އިރު މިރޭގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސާކް ސަމިޓަށް ބަހައްޓާނެ ބިނާއެއް ފޮނުވުމަށް އައްޑޫ ސިޓީ ކައުންސިލުން އެދުނު އިރު އޭގެ ސާދާ ނަމޫނާއެއް ނުފޮނުވާ ކަމަށެވެ.
"މިފަހަރު ހަނދާނީ ބިނާ އައްޑޫ ސިޓީ ކައުންސިލުން އެ ގައުމުތަކުގައި ބިނާ ބަހައްޓައި ދިނުމަށް ނުވަތަ ބިނައެއް ފޮނުވުމަށް އަދި އެ ބޭފުޅުން ބޭނުންފުޅު ބިނާއެއް ފޮނުވުމަށް އެދުނު އިރުގައި އޭގެ ރަނގަޅު ސާދާ ނަމޫނާއެއް ނޮފޮނުވުނީ ކަން ނޭނގެ! ބިނާ އިންނަންވީ ހަމަ އެސްއެސް ދަގަނޑުން ހަދާފަ އެކަންޏޭ!" ރައީސް ވިދާޅުވި އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: