މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން ނުރައްކާ އޮތުމާއެކު ރައްކާތެރި ފިޔަވަޅުތަކާއެކުގައިވެސް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމަށް އުޒުރެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވައިރަސްއާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާއިރު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަނީ އޯޑިއޯކޮށް ނުވަތަ ލައިވްސްޓްރީމް މެދުވެރިކޮށެވެ.

އެކަމާ ގުޅޭގޮތުން، މަޖިލީހުގެ ޖަލްސާތައް އިތުރަށް ކުރިއަށް ގެންދާނެގޮތަކާ މެދު މަޝްވަރާކުރުމަށް ޕާލަމެންޓްރީ ގްރޫޕުތައް މިއަދު ވަނީ މަޖިލީހަށް ވަޑައިގެން ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރުވެސް ނިންމަން ޖެހޭ މުހިއްމު މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން އާންމު ގާނޫނު ގަވާއިދުގެ މުއްދަތު މި މަހު ހަމަވާ މައްސަލައާއި ލޯކަލް ކައުންސިލު އިންތިހާބު ލަސްކުރުމުގެ މައްސަލައަކީ ކުރިއަށް ހުރި މައްސަލަތައް ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

"ކޮވިޑް-19 އާ ގުޅިގެން ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ސަރުކާރު ޖަވާބުދާރީކުރުވުމަކީ އަޅުގަނޑުމެން ދިވެހީންނަށް ދަރާފައި އޮތް ކަމެއް. އެ މަސައްކަތްތައް މަޖިލީހުން ކުރިއަށް ގެންދަން ޖެހޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި މަޖިލީހުގެ ޖަލްސާ ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނެ ގޮތާމެދު މެމްބަރުން ވަނީ ހިޔާލުފާޅުކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި މަޖިލީސް ކުރިއަށް ގެންދާނެ ގޮތާ މެދު ބައެއް މެމްބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ގާނޫނީ ސުންގަޑިތަކަކާ ދިމާވާ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން ސިއްހީ އިމާޖެންސީގެ ހާލަތަށް ބަލައި، ދުރުދުރުގައި މެމްބަރުން ތިއްބަވައި ޖަލްސާތައް ކުރިއަށް ގެންދިޔުމަށް ތާއީދުކުރައްވާ ކަމަށް އީވާ ވިދާޅުވިއެވެ.

އެހެންނަމަވެސް އާންމުންނަށް ވައިރަސްގެ ނުރައްކަލުގެ ބޮޑުމިން ނޭނގޭ ކަމަށް އީވާ އިޝާރާތްކުރެއްވިއެވެ. އެގޮތުން ކާފިއު އިއުލާނުކޮށް އެ ނެގުމާއެކު މާލެތެރޭގައި ކަމެއް ވާހެންވެސް ބަޔަކަށް ހީ ނުވާ ކަމަށާއި އިޖުތިމާއީ ގައިދުރުކުރުން މަތީން ހަނދާން ނެތުނު ކަމަށް އީވާ އިޝާރާތްކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ މިއަދުގެ ޖަލްސާގައި ވިދާޅުވީ އިޖުތިމާއީ ގައިދިރުކުރުމުގެ މިންގަނޑަށް ފައްތައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވެނޭ ގޮތްތަކެއް ހެދެން ޖެހޭނެ ކަމަށެވެ.

"މިތަނަކީ ހުރިހާ އެންމެނަށް ޑިސްޓެންސް ބަހައްޓައިގެން ތިބެވޭ ތަނަކަށް ނުވާ ކަމަށްވާނަމަ، ދަރުބާރުގެ ކަަަހަލަ ތަނެއް ވަގުތީގޮތުން އަޅުގަނޑުމެންނަށް ހެދިދާނެ،" އޭނާ ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސްގެ މައްސަލައަށް ހައްލެއް ލިބޭނެ ދުވަހަކީ އެއްވެސް ފަރާތަކަށް އެނގިގެން ވާ ކަމެއް ނޫން ކަމަށް ވުމުން އެ މުއްދަތުގައި އެއްކޮށް މަޖިލީހުގެ ޖަލްސާ މަޑުޖައްސާލާފައި ބާއްވަން ނުފެންނަ ކަމަށް އީސާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ހާލަތައް ރިއާޔަތްކޮށް މިވަގުތު ވީޑިއޯ ކޯލް މެދުވެރިކޮށް ނަމަވެސް މަޖިލިސް ކުރިއަށް ގެންދިޔުން ރަނގަޅު ކަމަށް ބެލެވޭ ކަމަށެވެ.

ސަބަބަކީ މިހާރު ކޮވިޑް-19 އާ ގުޅިގެން ކާފިއު ހުއްޓާލައި އަލުން މަޖިލިސް ފެށުމުން ރައްޔިތުންގެ މެދުގައި ވައިރަސްގެ ހާލަތާ މެދު އޮޅުންތަކެއް އަރާފާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާތައް އެތަނުގައި ކުރިއަށް ނުގެންގޮސް އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ރޮޒައިނާ ވަނީ ހިޔާލު ދެއްވާފައެވެ.