މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ދެން ދިވެހިންވެސް ދާން ޖެހޭނީ އާ "ނޯމަލް" އަކަށް ކަމަށާއި އެކަމަށްޓަކައި އާ އަދަތަކާ ދިމާއަށް ދާން ޖެހޭކަމަށް ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަހާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޮރޯނާ ވައިރަހުން ސަލާމަތްވާނެ ވެކްސިނެއް ނުވަތަ ބައްޔަށް ފަރުވާއެއް ހޯދެންދެން މިހާރު މިއޮތް ހާލަތު ދެމި އޮންނާނެ ކަަމަށެވެ. އަދި ރަނގަޅު ވެކްސިނެއް އުފެއްދުނުކަން އިއުލާންކުރުމަކީ އަދި އަޅުގަނޑުމެންނަށް ވެކްސިން ލިބުމެއްވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ފަހުން ވެކްސިން ހޯދައި ވެކްސިން ޖަހަން ޖެހޭ އެންމެނަށް ވެކްސިން ޖެހުމަށްވެސް ހަމަ މުއްދަތުތަކެއް ނަގާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ އެ ހާލަތު އަންނަން ދެން ރާއްޖެއަށް ވެސް ނޯމަލް ހާލަތަށް އަނބުރާއެއް ނުދެވޭނެ ކަމަށެވެ.

"އެ ނިއު ނޯމަލްގައި އެހެންޏާ އަޅުގަނޑުމެން ކައިރި ކައިރީގަިއ ތިބޭގޮތަށް ނުތިބެވޭނެ ދުރުދުތުގަިއ ތިބެންޖެހޭނީ. އެހެންވީމާ މިކަހަަލަ ކަންތައްތަކަކީ އާދައަކަށް އެބަ ހަދަން ޖެހޭ. އެހެންވީމާ މީހުންނަށް އެކަން އާދަވާނެގޮތަށް ހަމަ މަގުފަހިކުރުމަށް އެކި މުވައްސަސާތަަކުންވެް އެބަޖެހޭ މަސައްކަތް ކުރުވަން. އިންތިޒާމްތައްވެސް އެގޮތަށް ހަމަ ޖެހެން ޖެހޭ" ނަޒްލާ ވިދާޅުވި އެވެ.

އެކަމަށްޓަކައި މީހުންނަށް ހަނދާން ކޮށްދޭން ނޯޓިސްތަކާ އެއްޗެހި ވެސް މީހުންނަށް ފެންނަ ތަންތަނުގައި ހަރުކޮށްފައި ހުންނަން ޖެހޭ ކަމަށް ނަޒްލާ ވިދާޅުވި އެވެ. އެއާއެކު، މީހުން ދިރިއުޅޭ ގޮތްވެސް ބަދަލު ކުރުމަށް ބާރުއަޅަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ކަންކަމަށް އާންމުން ހޭލުންތެރި ކުރުމަށް އެޗްޕީއޭއިން ވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިޖުތިމާއީ ގައިދުރުކަމާ ގުޅޭގޮތުން ކޮވިޑްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ އަޅުގަނޑުމެންނަށް އިޖުތިމާއީ ގައިދުރުކަމާއެކު ނުތިބެވިއްޖެނަމަ ވެންޓިލޭޓަރު ބޭނުންވާ މީހާއަށް ވެންޓިލޭޓަރު ނުލިބިދާނެ ކަމަށެވެ.

"މީގައި މި ބަލި ޖެހޭ މީހުންގެ އަދަދެއް ނޫން. އެކަމު ބަލި ޖެހެނީ ދުވާލަކު ކިތައް މީހުންތޯ މުހިންމީ. މިސާލަކަށް ތިބޭފުޅުން ވިސްނަވާ އަޅުގަނޑުމެންނަށް ލިބެނީ 10 ވެންޓިލޭޓަރު. ރާއްޖޭގައި ތިބީ މިސާލަކަށް 100 މީހުން ވެސް. 100 މީހުންނަށް އެއް ދުވަހު ބަލި ޖެހިއްޖިއްޔާ 90 މީހުންނަށް ވެންޓިލޭޓަރެއް ނުލިބޭނެ. އެކަމަކު އެ 100 މީހުންނަށް ބަލި ޖެހެނީ ވަކި މުއްދަތެއްގައި ކަމަށް ވާނަމަ އަޅުގަނޑުމެންނަށް ޔަގީންކުރެވޭ ބޭނުންވާ ވަރަށް ނަރުހުންނާއި ޑޮކްޓަރުންނާއި ވެންޓިލޭޓަރު ހުންނާނެ ކަމަށް. އެ ނޫން ގޮތަަކަށް އެކަން ދިމާވެއްޖިއްޔާ އެއްވެސް ގައުމަކަށް. ދުނިޔޭގެ ބޮޑެތި ގައުމުތައް ކެއްކޮށް ނުލެވިގެން އުޅެނީ މި ސަބަބަށްޓަކައި" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މިހާރު އޮތް ހަމައެކަނި ގޮތަކީ ގައިދުރުކޮށް އަތްދޮވެ ޑޮކްޓަރުން ދޭ ލަފާތަކަން ބޯ ލެނބުންކަމަށް އޭނާ ވިދާޅުވި އެވެ.

ކޮރޯނާ ފެތުރުން ހުއްޓުުވަށް އިޖުތިމާއީ ގައިދުރުކަން ވީހާޥެސް ބޮޑުކުރުމަށް ގިނަ ގައުމުތަކުން ވަނީ ސްކޫލްތައް ބަންދުކޮށް އާންމުން އެއްވެ އުޅޭ ބައެއް ހަރަކާތްތއް މެދުކަނޑާލައިފަ އެވެ. އޭގެ އިތުރުން ބައެއް ގައުމުތައް ލޮކްޑައުންކޮށްފައިވާއިރު ބައެއް ގައުމުތަކުން ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ވަނީ ކަނޑާލައިފަ އެވެ.