ވޮޝިންޓަން (14 އެޕްރީލް 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19" އާ ދެކޮޅަށް އެމެރިކާގައި އަޅާފައިވާ ސަރުކާރާއި ކުންފުނިތައް ބަންދުކޮށް އިގްތިސާދީ ހަރަކާތްތައް ހުއްޓާލުމާއި ފުރަބަންދުގެ ފިޔަވަޅުތައް އުވާލުމުގެ ގާނޫނީ ބާރު އޮތީ އޭނާގެ އަތްޕުޅުގައި ކަމަށް އެކަން ކުރައްވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގައި ކޮރޯނާ ވައިރަސް ބާރު ދުވެއްޔެއްގައި ފެތުރެމުން ދަނިކޮށްވެސް މިފިޔަވަޅުތައް އުވާލުމަށް ބާރުއަޅުއްވައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އިގްތިސާދީ ހަރަކާތްތައް ހުއްޓާލައިގެން އެމެރިކާއަށް ނޯވެވޭނެކަމަށާ އެގޮތަށް އޮތުމުން އެމެރިކާގެ އިގްތިސާދު ބަލިކަށިވެ އެމެރިކާގެ އާރާއި ބާރު ދުނިޔޭގައި ކުޑަވެގެންދާނެކަމުން އެއީ ދެކެންބޭނުންވާ މަންޒަރު ނޫންކަމުގަ އެވެ. ކޮރޯނާ ވައިރަސް އާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ހަރަކާތްތައް ހުއްޓާލުމުގެ ފިޔަވަޅުތައް އުވާލައިގެންވެސް އެ ވައިރަސް ކޮންޓްރޯލް ކުރުމަށް އެމެރިކާގައި މަސައްކަތް ކުރެވިދާނެކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް މިމޭރުމުން ވާހަކަ ދެއްކެވީ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި ވައިޓް ހައުސްގައި އެކުލަވާލާފައިވާ ވޯކިންގް ގްރޫޕާއެކު ބޭއްވި ނޫސް ކޮންފަރެންސެއްގަ އެވެ. ޓްރަމްޕް ވިދާޅުވީ އެމެރިކާގައި ކޮރޯނާ ވައިރަސް ކޮންޓްރޯލް ނުވިނަމަވެސް ނިއުޖާސީ، މަސަޗޫސެޓްސް މިޝިގަން، ކެލިފޯނިޔާ، ލޫޒިޔާނާ، ނިޔުހަމްޝާ، ފަދަ އެވައިރަސް ކުރިން އެންމެ ބޮޑަށް ފެތުރުނު ސްޓޭޓްތަކުގައި އެވައިރަސް ޖެހޭމީހުންގެ އަދަދު މާބޮޑަށް މައްޗަށް ނުގޮސް އެއްވަރެއްގައި މިހާރު ހިފެހެއްޓިފައިވާ ކަމަށާއި އެއީ އޭނާގެ ސަރުކާރުގެ ކާމިޔާބީ ކަމުގަ އެވެ.

ނަމަވެސް އެ ސްޓޭޓްތަކުގެ ގަވަރުނަރުން ވަނީ ޓްރަމްޕްގެ ވާހަކަތައް ދޮގު ކުރައްވައި ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމުގައި އެސްޓޭޓްތަކަށް އެމެރިކާގެ ފެޑްރަލް ސަރުކާރުގެ މާބޮޑު އެހީތެރިކަމެއް ނުލިބޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ވަބާތައް ކޮންޓްރޯލް ކުރުމަށް އަޅާންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު އެމެރިކާގެ ގާނޫނު އަސާސީގައި ސްޓޭޓްތަކުގެ ލޯކަލް ސަރުކާރުތަކަށް ލިބިދީފައިވާތީ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި ސްޓޭޓްތަކުން އަޅާފައިވާ އިގްތިސާދީ ހަރަކާތްތައް ހުއްޓާލުމާއި ފުރަބަންދުގެ ފިޔަވަޅުތައް އުވާލުމަށް ޓްރަމްޕް ނިންމެވި ނަމަވެސް އެ ނިންމުމަށް އެމެރިކާގެ ބައެއް ސްޓޭޓްތަކުން އިޙްތިރާމް ކުރާނެކަމަށް ނުބެލެވޭކަމަށް އެމެރިކާގެ މިޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކޮރޯނަވައިރަސް ކޮންޓްރޯލް ކުރުމަށް އެމެރިކާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ މުއްސަނދިންގެ ކުންފުނިތަކަށް ބޮޑު ގެއްލުންތަކެއް ވަމުންދާތީ އެފިޔަވަޅުތައް އުވާލުމަށް ބާރުއަޅުއްވައި ޓްރަމްޕް ވާހަކަ ދައްކަވާތާ އެތައް ދުވަހެއްވެއްޖެ އެވެ. މިމައްސަލާގައި އެމެރިކާގެ އާންމުންގެ ނުރުހުމާ ކުރިމަތިލަން ޓްރަމްޕަށް ޖެހިވަޑައިގެންފައިވާ އިރު ކުންފުނިތައް ބަންދުކޮށް އިގްތިސާދީ ހަރަކާތްތައް ހުއްޓާލައި ފުރަބަންދުގެ ފިޔަވަޅުތައް އެމެރިކާ ކުރިން އެޅިނަމަ އެމެރިކާގެ އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނީސްކަމަށް ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އެމެރިކާގައި އުފައްދާފައިވާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިންފެކްޝަސް ޑިޒީޒްގެ އިސްތަޖްރިބާކާރު ޑރ. އެންތަނީ ފައުޗީ ވަނީ ވިދާޅުވެފަ އެވެ.

ޑރ. ފައުޗީ އަކީ އެމެރިކާގެ ނެޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރެވެ. އެމެރިކާގައި ކޮރޯނާ ވައިރަސް ޖެހިގެން ފާއިތުވި 24 ގަޑީއިރުތެރޭގައި ދޮޅު ހާހަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު 23 ހާހަށް ވުރެ ގިނަ މީހުންނަށް އެރޯގާ ޖެހިފައިވެ އެވެ. ކޮރޯނާ ވައިރަސް ޖެހިގެން އެމެރިކާގައި މަރުވި މީހުންގެ ޖުމްލަ އަދަދުވެސް 23 ހާހަށް ވުރެ މައްޗަށް ގޮސްފައިވެ އެވެ. އަދި އެމެރިކާގައި އެރޯގާ ޖެހުނު މީހުންގެ ޖުމްލަ އަދަދު ހަ ލައްކައާ ގާތަށްވަނީ ގޮސްފަ އެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން އެމެރިކާގައި ވަޒީފާ ގެއްލުނު މީހުންގެ އަދަދު 16 މިލިޔަނަށް ވުރެ މައްޗަށް ގޮސްފައިވާ އިރު އެމެރިކާގެ އިގްތިސާދީ ހަރަކާތްތަކުގެ 50 އިންސައްތަވަނީ ހުއްޓިފަ އެވެ.

(ނޫސްއެޖެންސީތައް)