14 Apr 2020, 11:03
ދިއްލީ (އޭޕްރިލް 14): އިންޑިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އަންނަ މަހުގެ ތިނެކާ ހަމަޔަށް އިތުރުކޮށްފި އެވެ.
އިންޑިއާގައި މިދިޔަ މަހުގެ 25ގައި އިއުލާން ކުރި ލޮކްޑައުން ނިމެން ހަމަޖެހިފައި އޮތީ މިރޭ ދަންވަރު އެވެ. ނަމަވެސް މިއަދު އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ގައުމުގެ ރައްޔިތުން ގޭގައި ތިބެން ޖެހޭ މުއްދަތު އަންނަ މަހުގެ ތިނެކާ ހަމަޔަށް އިތުރު ކުރައްވާފަ އެވެ.
"އިގުތިސާދީ ގޮތުން ބަލާ ނަމަ މިއީ ވަރަށް ބޮޑު ގެއްލުމެއް. ނަމަވެސް އިންޑިއާގެ ރައްޔިތުންގެ ފުރާނައިގެ އަގު މާ ބޮޑު،" ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވަމުން މޯދީ ވިދާޅުވި އެވެ.
މޯދީ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަފްތާ ތެރޭގައި ލޮކްޑައުންގެ ގަވާއިދުތައް އިތުރަށް ހަރުކަށި ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެ ހަފްތާއަށް ފަހު ގައުމުގެ ހުރިހާ ޑިސްޓްރިކްޓެއްގެ ހާލަތު ބަލައި، ފިޔަވަޅުތައް ލުއި ކުރެވޭތޯ ބަލާނެ އެވެ.
އިންޑިއާގެ ލޮކްޑައުން ތެރޭގައި ކާބޯތަކެތި ވިއްކާ ފިހާރަތަކާއި ފާމަސީތައް ފަދަ ޒަރޫރީ ހިދުމަތް ދޭ ތަންތަން ފިޔަވާ ހުރިހާ ވިޔަފާރިއެއް ވަނީ ބަންދުކޮށްފަ އެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ހަމައެކަނި އެމާޖެންސީ މުވައްޒަފުންނަށް ހާއްސަކޮށް، ރޭލު ދަތުރާއި ފްލައިޓުތައް ވަނީ ކެންސަލްކޮށްފަ އެވެ.
އިންޑިއާގެ ސަރުކާރުން ލޮކްޑައުން އިތުރު ކުރުމުގެ ކުރިން އެގައުމުގެ ހަތް ސްޓޭޓަކާއި އެއް ޔޫނިއަން ޓެރިޓަރީން ވަނީ އެ ސަރަހައްދުތަކުގެ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފަ އެވެ.
އެ ލޮކްޑައުންގެ ސަބަބުން، އެގައުމުގެ މައި ސިޓީތަކަށް ވަޒީފާ ހޯދުމުގެ ބޭނުމުގައި ގޮސް ތިބި އެތައް މިލިއަން މީހުންގެ ވަޒީފާ ގެއްލި، ކާނާ ނުލިބުމުގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ. އޭގެ ސަބަބުން އެތައް ބަޔަކު އެމީހުންގެ އަމިއްލަ އަވަށަށް ދާން ދަތުރު ފެށުމުން އިންޑިއާއިން ވަނީ އެމީހުންނަށް ފެނާއި ކާނާ ފޯރުކޮށްދޭން ހިޔާތައް ހަދާފަ އެވެ.
އިންޑިއާގެ އާބާދީ 1.3 ބިލިއަނަށް އަރާ އިރު އޭގެ ތެރޭގައި ހިމެނޭ މަސައްކަތްތެރިންގެ 85 ޕަސެންޓަކީ ރިކްޝޯ ދުއްވާ މީހުންނާއި މެއިޑުން ގޮތަށް އިންފޯމަލް ސެކްޓާ ނުވަތަ ނުރަސްމީ ވަޒީފާތައް އަދާ ކުރާމީހުންނެވެ. އަދި ދުނިޔޭގައި ގެދޮރު ނެތް މީހުންގެ އާބާދީ އެންމެ ބޮޑު ގައުމަކީ ވެސް އިންޑިއާ އެވެ.
އިންޑިއާއިން ކޮރޯނާވައިރަސް ފެނުނީ ޖެނުއަރީ 30ގަ އެވެ. އޭގެ ފަހުން އެގައުމުގެ 10،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 339 މީހަކު ވަނީ މަރުވެފަ އެވެ.