ދުނިޔޭގެ އެންމެ ބޮޑު ޓޮބްލޮރޯން ތިގެއަށް ގެންދަން ބޭނުން ހެއްޔެވެ؟ މާލޭގައި ހިންގާ ސިންގަޕޫރުގެ ފްރެންޗައިސް އެއް ކަމަށްވާ ކޮކޯޓްރީގެ ޗޮކްލެޓް ފިހާރައިން ވަނީ އެ ފުރުސަތު ދިވެހިންނަށް ހޯދައިދީފަ އެވެ. ދުނިޔޭގެ އެންމެ ބޮޑު ޓޮބްލޮރޯނާއެކު ދުނިޔޭގައިވާ އެންމެ ބޮޑު ހާޝީ ޗޮކްލެޓް ވެސް ކޮކޯޓްރީން ވަނީ މާލޭ އޯކިޑް މަގަށް މާލެ ގެނެސްދީފަ އެވެ.

"ހީވަނީ ބޮޑު ލަކުޑި ބެރި ބުރިއެއްހެން،" އޯކިޑް މަގުގައި ހުންނަ ޗޮކްލެޓް ފިހާރައިގެ ތެރޭގައި ހުރި މީހަކު، ދުނިޔޭގެ އެންމެ ބޮޑު ޓޮބްލޮރޯނާ ދިމާއަށް އިރުގަނޑަކު ބަލަހައްޓައިގެން ހުރެފައި ބުނެލި އެވެ. އޭނާގެ ފަހަތުން ޒުވާން ކުއްޖަކު ބުނީ ބޭނުން ވަނީ އެ ޓޮބްލޮރޯނުގައި "ބައްދައިގަނެ، ދަތް އަޅަން" ކަމަށެވެ.

"ތި ޗޮކްލެޓްގައި ބައްދާލުމަކީ ވެސް ޝަރަފެއް ކަމަށް ހީކޮށްލާ، ތިއީ ދުނިޔޭގެ އެންމެ ބޮޑު ޓޮބްލޮރޯން! އަޅުގަނޑުމެންގެ އަތުގައި އެބައޮތް ދުނިޔޭގައި އުފައްދާފައިވާ އެންމެ ބޮޑު ހާޝީ ޗޮކްލެޓް ވެސް،" ލަކުޑި ބެރިބުރިއެއް ވަރުގެ ބޮޑު ޓޮބްލޮރޯނާ ދިމާއަށް ބަލަން ތިބި މީހުންނަށް ފިހާރައިގައި މަސައްކަތް ކުރާ ރީތި އަންހެން ކުއްޖާ ކިޔައިދޭން ފެށި އެވެ.

ރާއްޖޭގައި ޗޮކްލެޓް ވިޔަފާރި ހިންގުމުގައި 20 އަހަރުގެ މާޒީއެއް ހޭދަކޮށްފައިވާ މަޝްހޫރު މެރިން ބްޓިކުން ވެރިރަށް މާލޭގައި ހިންގާތާ ދޮޅު އަހަރުވެފައިވާ ޗޮކްލެޓް ފިހާރަ، ކޮކޯޓްރީގެ ޕަބްލިކް ރިލޭޝަން ޑިރެކްޓަރު ޒާހިދު ރަމީޒު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ޓޮބްލޮރޯން، ގެނައީ މީގެ ދެ ތިން ދުވަސް ކުރިން ކަމަށެވެ. އެންމެ ބޮޑު ޓޮބްލޮރޯންގެ ފަސް ޗޮކްލެޓާއެކު ހާޝީ ޗޮކްލެޓްގެ ފަސް ޗޮކްލެޓް ވެސް ގެނައި ކަމަށް ވެސް ޒާހިދު ވިދާޅުވި ވެއެވެ.

ދުނިޔޭ އެންމެ ބޮޑު ޓޮބްލޮރޯންގެ ބަރުދަނަކީ 4.5 ކިލޯ ގްރާމެވެ. އޭގެ ޓޮބްލޮރޯނެއް ވިއްކަނީ 3000ރ. އަށެވެ. ދުނިޔޭގައި އުފައްދާފައިވާ އެންމެ ބޮޑު ހާޝީ ޗޮކްލެޓްގެ ބަރުދަނުގައި 2.2 ކިލޯ ގްރާމް ހުންނައިރު ހެޔޮވަރު ފިލާގަނޑެއް ކަހަލަ އެ ޗޮކްލެޓް ވިއްކަނީ 1500ރ. އަށެވެ. ނުކައި ހަމައެކަނި ބަލައިލަން ވެސް ވަރަށް ސަޅި އެވެ.

ޒާހިދު ވިދާޅުވީ ދެ ބުރޭންޑަކުން ދުނިޔޭގައި އުފައްދާފައިވާ އެންމެ ބޮޑު ޗޮކްލެޓް ރާއްޖެ ގެނައީ ޗޮކްލެޓްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ނަޓައްލާ"ގެ އެންމެ ބޮޑު ޗޮކްލެޓް ފުޅި، ރާއްޖެ ގެނެސް ތަޖުރިބާކުރުމަށްފަހު، ވަރަށް ގިނަ އިންޑިވިޖުއަލް ރިކްއެސްޓް ލިބިގެން ކަމަށެވެ.

"އަޅުގަނޑުމެނަކީ ރިސޯޓް މާކެޓަށާއި ވެޑިން އާއި ކުޑަކުދިން ޕާޓީތަކަށް ހާއްސަ ބައެއް. އެހެންނަމަވެސް ޓޮބްލޮރޯނާއި ހާޝީގެ އެންމެ ބޮޑު ޗޮކްލެޓް ރާއްޖެ ގެންނަން ޖެހުނީ އިންޑިވިޖުއަލް މީހުންގެ ރިކްއެސްޓަށް، މީހުން ހަމަ އައިސް ބުނަނީ ގެނެސްދީބަލާށޭ،" ޒާހިދު ވިދާޅުވި އެވެ. "މިއީ ކޮންމެހެން ޕްރޮމޯޝަނަކަށް ކުރި ކަމެއް ނޫން، އަޅުގަނޑުމެން ވަނީ މީގެ ކުރިން ނަޓައްލާ ބޮޑު ޗޮކްލެޓް ފުޅިގެ ގެނެސް ރާއްޖޭގައި ތަޖުރިބާކޮށް ކާމިޔާބު ހޯދާފައި،"

ޒާހިދު ވިދާޅުވީ ބޮޑު ޓޮބްލޮރޯނާއި ބޮޑު ހާޝީ ޗޮކްލެޓް ކޮކޯޓްރީއަށް ވެއްދުމާއެކު މީހުންގެ ޝައުގުވެރިކަން ބޮޑުވެފައިވާ ކަމަށެވެ.

އެހީ ހަމަތެކެވެ؛ ފިހާރަތެރޭގައި އެ ޓޮބްލޮރޯނާ ދިމާއަށް ކަސްޓަމަރުން ލޯ ބޮޑުކޮށްގެން ބަލަނީ އަރައިގަންނަ އުޅޭހެނެވެ. މަގު ހިނގާ މީހުން ވެސް އަރާ ހަމަވެފައި ބޮޑު ޓޮބްލޮރޯން ބަލަން އިރުކޮޅަކަށް މަޑުޖެހިލަ އެވެ. ބަލާ ގޮތުން ކުޅުދިޔައިވެފައި ހުންނަ ކަހަލަ އެވެ.