ވޮޝިންޓަން (އޭޕްރިލް 14): އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ކަމަށް ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންއަށް ތާއިދު ކުރައްވާކަން، ސެނެޓަރ ބާނީ ސޭންޑާސް އިއުލާން ކުރައްވައިފިއެވެ.

ސޭންޑާސް އެފަދައިން ވިދާޅުވީ، ޑިމޮކްރެޓިކް ޓިކެޓް ކާމިޔާބު ކުރެވޭ ވަރަށް ތާއިދު ހޯއްދެވޭނެ ގޮތެއް ނެތްކަމަށް ވިދާޅުވެ މިދިޔަ ހަފްތާގައި ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމަށް ފަހުގައެވެ. އޭގެ ސަބަބުން ބައިޑެންއަށް ވަނީ ޑިމޮކްރެޓިކް ކެންޑިޑެސީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ.

އޮންލައިން ބްރޯޑްކާސްޓެއް މެދުވެރިކޮށް އިއްޔެ ވާހަކަ ދައްކަވަމުން ސޭންޑާސް ވަނީ ރިޔާސީ އިންތިހާބުން ރައީސް ޑޮނަލްޑް ޓްރަމްޕް ބަލި ކުރުމަށް އެމެރިކާގެ ހުރިހާ ރައްޔިތުން އެއްބައިވުމަށް ގޮވާލައްވާފައެވެ. އަދި ޓްރަމްޕަކީ ފަހުގެ ތާރީހުގައި އެގައުމުގައި ވެރިކަން ކުރައްވާ "އެންމެ ނުރައްކާތެރި" ރައީސްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"އަޅުގަނޑު އެމެރިކާގެ ހުރިހާ ރައްޔިތުންގެ ގާތުގައި އެދެން: އެއީ ހުރިހާ ޑިމޮކްރެޓުންނާއި މިނިވަން ކެންޑިޑޭޓުންނާއި ރިޕަބްލިކަން މެމްބަރުންގެ ގާތުގައިވެސް، އަޅުގަނޑު މި ތާއިދުކުރާ ކެންޑިޑޭޓުގެ ކެމްޕޭނުގައި ބައިވެރިވާން،" ސޭންޑާސް ވިދާޅުވިއެވެ.

ބައިޑެން ވަނީ ސޭންޑާސްގެ ތާއިދަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކެމްޕެއިންގެ އިތުރުން ވެރިކަން ކުރައްވާ އިރުވެސް ސޭންޑާސްގެ އެހީ ބޭނުންވާނެކަމަށް ވިދާޅުވެފައެވެ.

"ސޭންޑާސް ވަނީ އެހެން ހުރިހާ ކަމަކަށް ވުރެ މިގައުމުގެ މަސްލަހަތާއި ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ކުރި ހޯދުން އިސްކޮށްފަ،" ބައިޑެން ވިދާޅުވިއެވެ.

ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލުކުރުން އޮންނާނީ އަންނަ އޮގަސްޓް މަހު ބާއްވާ އެ ޕާޓީގެ ކޮންވެންޝަންގައެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު ތިނެއްގައެވެ.