ރާއްޖެއިން ބޭރުގައި ތިބި މީހުންގެ ތެރެއިން މިވަގުތު ކޮންމެެހެން އަންނަން ނުޖެހޭ ފަރާތަތައް އެ ގައުމެއްގައި މަޑުކޮށް، ހާލުގައި ތިބި ފަރާތްތަަކަށް ފުރުސަތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ)ގެ ތަރުޖަމާނު މަބްރޫކު އަޒީޒު އެދިވަޑައިގެންފި އެވެ.

ކޮރޯނާވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއިން ބޭރުގައި ތިބި ބައެއް ދިވެހިން ވަނީ އެގައުމުތަކުގައި ތާށިވެފަ އެވެ. މިވަގުތު ލޮކްޑައުންގައި އޮތް ގައުމުތަކުގައި ތިބި ދިވެހިން ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް ތިން ގައުމަކުން 800 އެއްހާ ދިވެހިން ވަނީ ގެނެސްފަ އެވެ. އަދިވެސް ސަރުކާރުން ދަނީ އިތުރު ފްލައިޓުތައް ބާއްވާ ދިވެހިން ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

ރޭ އެންއައިސޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ބޭރުގައި ތިބި ދިވެހިން އެއްފަހަރާ ސަރުކާރަށްވެސް ނުގެނެވޭނެ ކަމަށާއި އެ މީހުން ރާއްޖެ ގެންނަނީ ކަރަންޓީނު ފެސިލިޓީތަކުގައި ޖާގަ ހުރި މިންވަރަކުން ކަމަށެވެ. އެހެންކަމުން އަމިއްލައަށް އެގައުމެއްގައި ހުރެވޭ މީހުން އަދި މިވަގުތު ކޮންމެހެން ރާއްޖެ އަންނަން ނުޖެހޭ މީހުން ހާލުގައި ތިބި މީހުންނަށް އެފުރުސަތު ދުކޮށްލަން ޖެހޭ ކަމަށް މަބުރޫކް ވިދާޅުވި އެވެ.

"ތިމާއަކީ ރާއްޖެއިން ބޭރުގައި ހުރި މީހަކަށް ވެފައި، ތިމާއަކީ ކޮންމެހެން އަންނަ ޖެހޭ މީހެއް ނޫންނަމަ [އަޅުގަނޑު އެދެދނީ] އެ ފުރުސަތު ދޫކޮށްލަދޭން ކޮންމެެެހެން އަންނަޖެހޭ މީހާއަށް. އަޅުގަނޑަށް އެނގޭ އެންމެންނަށްވެސް ދަތި އުދަނގޫ ކަންތަތައް ދިމާވާކަން. އެހެން ނަމަވެސް ވިސްނުން ބަހައްޓަންވީ، ތިމާއަށްވުރެ ހާލުގައި ހުރި މީހަކު ހުރިއްޔާ އޭނައަށް [ރާއްޖެ] ދިޔުމުގެ ފުރުސަތު ދިނުމަށް، އަމިއްލަ މީހާ [އެގައުމެއްގައި] މަޑުކޮށްލުން. އެކަން ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް،" މަބްރޫކު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ: ބޭރުގައި ތިބި ދިވެހިން ގެނެވޭނީ ކަރަންޓީން ފެސިލިޓީސްތަކުގައި ޖާގަ ހުރި މިންވަރަކުން ކަމަށް ވިދާޅުވި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް އެޅިފަވަޅުތަކުގެ ތެރޭގައި ބޭރުން އަންނަ ދިވެހިން ކަރަންޓީން ފެސިލިޓީސްތަކުގައި 14 ދުވަހު މަޑުކުރުން ލާޒިމެވެ. މަބްރޫކު ވިދާޅުވީ، މިވަގުތު ރާއްޖޭގައި ހުރީ 12 ފެސިލިޓީގައި 1،140 ކޮޓަރި ކަމަށާއި މިވަގުތު އެއަށްވުރެ އިތުރަކަށް ޖާގަ ބޮޑުކުރެވެންވެސް ނެތް ކަމަށެވެ. ރިސޯޓުތައް ކަރަންޓީން ފެސިލިޓީސްތަކަށް ހެދުމުގައި ގޮންޖެހުމެއް ނެތް ކަމަށާއި ނަމަވެސް އެ ފެސިލިޓީތަކަށް ޑޮކްޓަރުންނާއި ނަރުހުން ބޭނުންވާ ވަރަށް ނެތް ކަމަށް މަބްރޫކު ވިދާޅުވި އެވެ.

"މި މައްސަކަތް މިކުރަނީ، ކިހިނެތްތޯ؟ [ކަރަންޓިން ޖާގަ] އިތުރުކުރެވޭނީ ބެލުންތައް ބަލާފައި. އަޅުގަނޑުމެން ބަޖެޓްކޮށްފައި މިހުރީ ރާއްޖެ އަންނަ ބޭނުންވާ އެންމެން ރާއްޖެ ގެނައުމަށް، އަދި ކަރަންޓިން ކުރުމަށް ހޭދަވާ ފައިސާ ހޭދަކުރުމަށް. އެހެން ނަމަވެސް ގެންނަ ގޮތް [ނުވަތަ] ގެންނަ އަދަދު ފަހަރަކު 1،140 ކޮޓަރިއަށް ކަތާވަރަށް ގެނެވޭނީ. އޮތް ދައްޗަކީ، މިވަގުތު އަޅުގަނޑުމެންނާއެކު ތިބި ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު މަދުވުން،" މަބްރޫކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު ސަރުކާރުން ނިންމާފައިވަނީ އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ތިބި މީހުންނަށް އެތަންތާގައި ތިބުމުގައި އެހީތެރުވުމަށް ފައިސާ ހޭދަކުރުމަށެވެ. އެގޮތުން މިހާތަނަށް އައިރު ބޭރުގައި ތިބި ދިވެހިންނަށް އެހީވުމުގައި 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ، ސަރުކާރުން ވައިރަހާ ގުޅިގެން އެޅި އެންމެ މުހިންމު ފިޔަވަޅަކީ، ބޭރުން އަންނަ ދިވެހިން 14 ދުވަހު ކަރަންޓިން ފެސިލިޓީސްތަކުގައި ބޭތިއްބުމާއި އެ މީހުން ޓެސްޓު ކުރުންކަމަށެވެ. އެގޮތުން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވި ފަސް ދިވެހިންނަކީވެސް ކަރަންޓީން ކުރި ފަސް ދިވެހިންކަން ފާހަގަ ކުރައްވާ މަބްރޫކު ވިދާޅުވީ، އެ ފިޔަވަޅުގެ މުހިންމުކަން އެނގިގެންދާ ކަމަށެވެ.

"އަޅުގަނޑުމެން މިކަމާ ދޭތެރޭ ވިސްނައިފި ނަމަ ވަރަށް ސާފު، މި ފަސް މީހުންނަކީ ފަސް ކްލާސްޓާއަށް ވުމުގެ ފުރުސަތު އޮތް ފަސް ކޭސް. އެއީ ބަލި ފެތުރިދާނެ ފަސް ކޭސް،" މަބްރޫކު ވިދާޅުވި އެވެ.

އެހެން ކަމުން 14 ދުވަހު ކަރަންޓީން ކުރަން ނިންމި ނިންމުމަކީ މުހިންމު ނިންމުމެއްކަން އެނގިގެންދާ ކަމަށާއި އެހެން ކަމުން އެ ނިންމުމަށް ބަދަލު ގެނޭވޭކަށް ނެތް ކަމަށް މަބުރޫކް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ފެސިލިޓީތަކުގައި ޖާގަ ނެތް މިންވަރަށް މީހުން ރާއްޖެ ގެނެވެން މިވަގުތު ނެތް ކަމަށެވެ. އެގޮތުން އެތަންތަނުގައި ޑޮކްޓަރުންނާއި ނަރުހުން ބޭނުންވާއިރު، އެ އަދަދަށް އެމީހުން ނެތުމުން، ކަރަންޓީން ފެސިލިޓީސްތައްވެސް އިތުރު ނުކުރެވޭނެ ކަމަށެވެ. އަދި ކަރަންޓިންގެ މުހިންމުކަން ޑރ. ނަޒްލާވެސް ފާހަގަ ކުރެއްވި އެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާވަރިހަށް ޕޮޒިޓިވްވި ފަސް ދިވެހިންނަަކީ، އިނގިރޭސީވިލާތުން އައި ހަތަރު ދިވެހިންނާއި ފިލިޕިންސް އިން އައި ދިވެއްސެކެވެ. އެ ފަސް މީހުން ވެސް ޕޮޒިޓިވްވެފައި ވަނީ ކަރަންޓިން ފެސިލިޓީސްތަކުގައި ތިއްބަަ އެވެ. އޭގެ ތެރިން އިނގިރޭސީވިލާތުން އައި އެއް ދިއްވެއްސަކު ވަނީ ވައިރަހުން ރަނގަޅުވެފަ އެެވެ. މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަހަށް 20 މީހަކަށް ޕޮޒިޓިވްވެފައިވާއިރު، ފަރުވާދެމުން ދަނީ ހަތަރު ދިވެހިންނަށް އެކަންޏެވެ. ޖުމްލަ މިހާތަނަށް 14 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ. ދެ ބިދޭސީއަކު ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ.