ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދިނުމަށް ރާއްޖެ ގެންނަ 151 ވެންޓިލޭޓަރު ގެނައުމަށް 56.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނެފި އެވެ.

ސަރުކާރުން އަމާޒުކޮށްފައިވަނީ 200 ވެންޓިލޭޓަރުގެ ސެޓަޕެއް ހެދުމަށެވެ. މުޅި ރާއްޖޭގެ އެކި ސަރައްހަދުތަކުގައި ހުރި ހޮސްޕިޓަލްތަކުގައި މިވަގުތު ހުރީ 97 ވެންޓިލޭޓަރެވެ.

މިރޭ އެންއޯއައިސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، 151 ވެންޓިލޭޓަރު ގެނައުމަށް އަމިއްލަ ތިން ކުންފުންޏަކާއި ޑްބަލިއުއެޗްއޯއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން އެއް ކުންފުންޏަކަށް ޕޯޓަބަލް ނުވަތަ ދަތުރުމަތީގައިގައިވެސް ބޭނުން ކުރެވޭކަހަލަ ހަ ވެންޓިލޭޓަރު، ދެވަނަ ކުންފުންޏަށް އައިސީޔޫ 50 ވެންޓިލޭޓަރު އަދި އަނެއް ކުންފުނިން 20 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކޮށްފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި ބާކީ 75 ވެންޓިލޭޓަރު ގެންނާނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ މެދުވެރިވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަތަރު ޕޯޓަބަލް ވެންޓިލޭޓަރު ގެނައުމަށް 16 ފަރާތަކަށް ގުޅައި، އޭގެ ތެރެއިން ހަތަރު ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅުމުން، އެއަށް ބެލުމަށް ފަހު، އެއް ކުންފުންޏަކާ ވަނީ ހަވާލުކުރެވިފައި،" މަބްރޫކު ވިދާޅުވިއެވެ.

އޭގެ ތެރެއިން ހަތަރު ވެންޓިލޭޓަރު ގެންނަނީ، ވައިރަހަށް ފަރުވާ ދިނުމަށް ކަމަށާއި އަނެއް ދެ ވެންޓިލޭޓަރު ގެންނަނީ ހޮސްޕިޓަލުތަކުގެ ބޭނުމަށް ކޮވިޑް ފަންޑުން ބޭރުން ސަރުކާރުން ޚަރަދުކޮށްގެން ކަމަށެވެ. ޖުމްލަ ހަ ޕޯޓަބަލް ވެންޓިލޭޓަރު ގެންނަނީ، 1.3 މިލިއަން ރުފިޔާއަށް ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަބްރޫކު ވިދާޅުވީ އެ ހަ ޕޯޓަބަލްގެ އިތުރުން، އިތުރު 135 ވެންޓިލޭޓަރު ގެނަައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން 50 ވެންޓިލޭޓަރު ގެންނަން އެއް ކުންފުންޏަކާއި އަދި 20 ވެންޓިލޭޓަރު ގެނައުމަށް އެއް ކުންފުންޏަކާ އެގްރިމަންޓް ހަދާފައިވާ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެ ދެ ކުންފުންޏަށް އެއްވެސް ފައިސާއެއް ދީފައި ނުވާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. ދެން ބާކީ 75 ވެންޓިލޭޓަރު ގެންނަނީ، ޑަބްލިއުއެޗްއޯ މެދުވެރިކޮށް ބޭރުގެ ކުންފުންޏަކުން ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"މިކަން ކުރެވެނީ، މާލިއްޔަތު ގަވާއިދުގެ 10.26 މާއްދާގެ ދަށުން ކުއްލި ހާލަތުގައި ތަކެތި ގަތުމަށް ކަނޑައެޅިފައިވާ ގަވާއިދުގެ ތެރެއިން،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، 50 ވެންޓިލޭޓަރު ގެންނަނީ، 14.4 މިލިއަން ރުފިޔާއަށް ކަމަށާއި 20 ވެންޓިލޭޓަރު ގެންނަނީ، 7.03 މިލިއަން ރުފިޔާއަށް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެ އިތުރުން ޑަބްލިއުއެޗްއޯ މެެދެވެރިވެގެން ގެންނަނީ، 65 އައިސީޔޫ ވެންޓިލޭޓަރާއި 10 ޕޯޓަބަލް ވެންޓިލޭޓަރު ކަމަށް މަބްރޫކު ވިދާޅުވިއެވެ. ޖުމްލަ 75 ވެންޓިލޭޓަރު ގެނައުމަށް ހަރަދުވަނީ، 34 މިލިއަން ރުފިޔާ ކަމަށާއި އެޑްވާންސް ޕޭމަންޓުގެ ގޮތުގައި 75 ޕަސަންޓު މިހާރު ދައްކާފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ވެންޓިލޭޓަރު ގަތުމުގައި ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައް ކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. މިކަމާ ގުޅިގެން "ސަން" އިން ސުވާލު ކުރުމުން މަބްރޫކު ވިދާޅުވީ، ސަރުކާރުން ދޭންޖެހޭ މައުލޫމާތު ފޮރުވުމެއް ނެތި ހާމަ ކުރާނެ ކަމަށެވެ. އަދި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިންގާނެ ކަމަށް ވިދާޅުވާން ވަރަށް ފަސޭހަވާނެ ކަމަށާއި ނަމަވެސް އެކަން ޔަގީންކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ވިސިލްބްލޯވާ ޕޯޓަލަށް ހުށަހެޅުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

"އަޅުގަނޑުމެން ޔަގީންކަން ދެނީ އަޅުގަނޑުމެން ސިސްޓަމްގެ ތެރެއިން މަސައްކަތްކުރާނެ ކަން. އެކަމަށް ނުފޫޒެއް ނުފޯރުވާނެކަން. އިންޑިޕެންޑެންޓުކޮށް މުއައްސަސާތަކާ މަސައްކަތް ކުރެވޭނެކަން،" މިކަމުގައި ސަރުކާރުން އެއްވެސް ކަހަލަ ކޮރަޕްޝަނެއް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން ދެވިދާނެތޯ ސުވާލު ކުރުމުން މަބްރޫކް ވިދާޅުވި އެވެ.

ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތައް ތުހުމަތުތަކެއް ކުރެވޭ އިރު، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ވަނީ ވެންޓިލޭޓަރާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއްގެ ޖަވާބު ހޯއްދެމުވަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅުއްވާފައެވެ.

މުޅި ދުނިޔެއަށްވެސް ސިއްހީ ގޮތުންނާއި އިގްތިސާދީގޮތުންވެސް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު ބޮޑެތި ގައުމަކުންވެސް މިބަލިން އަރައިގަތުމަށް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ސިއްހީ ވަސީލަތްތަކުގައި ބޭނުންކުރާ ވެންޓިލޭޓަރު ފަދަ ތަކެތި ލިބުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.