14 Apr 2020, 09:38
މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި އޮންލައިންކޮށް ކައިވެނިކޮށްދިނުމުގެ ހިދުމަތް ތައާރަފުކޮށްފި އެވެ.
ކޮވިޑް-19 ވައިރަސް ފެތުރުން ކޮންޓްރޯލުކުރުމުގެ ގޮތުން ޔޫއޭއީ އިން ވަނީ ތަފާތު ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ.
އެގޮތުން ޔޫއޭއީގެ ޖަސްޓިސް މިނިސްޓްރީއިން އިއްޔެ ބުނެފައިވަނީ އޮންލައިންކޮށް ކައިވެނިކުރަން ބޭނުންވާ ފަރާތްތަކަށް މިހާރުން ފެށިގެން ތާރީހު ހަމަޖެއްސުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އޮންލައިންކޮށް ކައިވެނިކުރާއިރު، ކައިވެނީގެ ރަސްމިއްޔާތު އޮންނާނީ ވީޑިއޯ ކޯލު މެދުވެރިކޮށް ކަމަށާއި ތާރީހު ހަމަޖެހުމުން އެ ފަރާތްތަކަށް ވީޑިއޯ ލިންކު ލިބިގެންދާނެ ކަމަށް ޖަސްޓިސް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެ ރަސްމިއްޔާތު ކުރިއަށްދާނީ ކައިވެނީގެ ކުރީން ފުރިހަމަ ކުރަން ޖެހޭ ފޯމުތަކާއި ލިޔެކިޔުންތައް ހަމަކުރުމުންނެވެ. އެގޮތުން އެހުރިހާ މުއާމަލާތެއްވެސް އޮންލައިންކޮށް ކުރެވޭނެ ކަމަށް ޖަސްޓިސް މިނިސްޓްރީއިން ބުންޏެވެ.
ކައިވެނީގެ ރަސްމިއްޔާތުގައި ގާޒީއެއްގެ އިތުރުން ހެކިވެރީންވެސް ބައިވެރިވާނެ ކަމަށް މިނިސްޓްރީއިން ބުންޏެވެ. އަދި ކައިވެނީގެ ކުރީން އެ ކައިވެނި ކަށާވަރުކުރުމަށްޓަކައި ސެޓްފިކެޓް ފޮނުވާނީ އެކަމަށް ހާއްސަކޮށްފައިވާ ކޯޓަކަށް ކަމަށް ވަނީ ޖަސްޓިސް މިނިސްޓްރީއިން ބުނެފައިވެއެވެ.
ކައިވެނިކުރާ ޖޯޑަށް، ކައިވެނީގެ ސެޓްފިކެޓް ބަލައިގަނެ ކައިވެނި ކަށަވަރުވިކަން ޓެސްޓް މެސެޖެއް މެދުވެރިކޮށް ލިބޭނެއެވެ.