އިންޑިއާގެ ބެންގަލޫރާއި ކޮޗިންގައި ތިބި 152 ދިވެހީން މާދަމާ ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އިންޑިއާގެ ބެންގަލޫރާއި ކޮޗިންގައި ތިބި 152 ދިވެހީން މާދަމާ ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ހުރިހާ ދިވެހިންނަކީ ވެސް އާސަންދައިގެ އެހީގައި ބޭސްފަރުވާއަށް ގޮސްތިބި މީހުން ކަން މަބްރޫކް ފާހަގަކުރެއްވި އެވެ.

ރާއްޖޭން ބޭރުގައި ތިބި ދިވެހީންގެ ތެރެއިން 8000 އަށް ވުރެ ގިނަ ދިވެހީން އެނބުރި ގައުމަށް އަންނަން ރެޖިސްޓާރ ކޮށްފައިވާކަން މަބްރޫކް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ރެޖިސްޓާރ ނުކޮށް ވެސް އެތައް ދިވެހިންނެއް އެބަތިބި ކަމަށެވެ.

"އެންމެންނަށް އެއްފަހަރާ އާދެވޭނެ ގޮތް ނުވަންޔާ މިއީ ހަމަ އުދަނގޫ ވާހަކައެއް ކަން އެނގޭ ދައްކަން. އެންމެ ރަނގަޅު ގޮތަކީ އެންމެ އުފާވެރިގޮތަކީ އަންނަން ބޭނުން އެންމެ އެއްފަހަރާ ރާއްޖެ ގެނައުން،"

ރާއްޖޭން ބޭރުގައި އެކި ގައުމުތަކުގައި ތިބި ދިވެހީން ގެނައުމުގައި ވަރަށް ގިނަ ދަތިތަކެއް އެބަހުރި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މީގެ ކުރިން ވަނީ އިންޑިއާގައި ތިބި 388 ދިވެއްސަކު މޯލްޑިވިއަންގެ ފްލައިޓްތަކުގައި ރާއްޖެ ގެނެސްފައިވެއެވެ. އަދި ލަންކާއިން 100 ދިވެއްސަކު، މެލޭޝިއާއިން 197 މީހަކު ވަނީ ގެނެސްފަ އެވެ. އެ ހުރިހާ މީހުންވެސް ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ އެވެ.