14 Apr 2020, 01:47
ހަމައެކަނި ފޭސްޓް ފޭސްކޮށް މަތީ ތައުލީމަށް ކިޔަވައިދިނުމަކީ އޮޕްޝަނެއް ނޫންކަން ކޮލެޖްތަކާއި ޔުނިވާސިޓީތަކުން ގަބޫލުކުރަންޖެހޭ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ ކޮލެޖްތަކާއި ޔުނިވާސިޓީތަކުން މިހާރު ވިސްނާ ގޮތް ނޫން އެހެން ގޮތްތަކަށް ވިސްނުން ބަހައްޓަން ޖެހޭ ކަމަށެވެ.
"އެޑިޔުކޭޝަން ޕްރޮވައިޑަރުން ވެސް ވިސްނަން ޖެހޭނެ ކަންނޭނގެ މުސްތަގުބަލުގައި ހަމައެކަނި ފޭސްޓް ފޭސްކޮށް އުނގަންނައި ދިނުމަކީ އޮޕްޝަނެއް ނޫން ކަމަށް،" އިބްރާހިމް ހަސަން ވިދާޅުވި އެވެ.
އެ ހަގީގަތް އެހެން އޮތްނަމަވެސް ބައެއް މާއްދާތަކަކީ ފޭސްޓް ފޭސްކޮށް ކިޔަވައިދީގެން ނޫނީ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ނުގެންދެވޭނެ މާއްދާތަކެއްކަން ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ދަރިވަރުންގެ ކިޔެވުން ހުއްޓުވުމަކީ އެ ދަރިވަރުންނަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށާއި ނަމަވެސް މި ފުރުސަތުގެ ބޭނުން ވެސް ހެޔޮގޮތުގައި ދަރިވަރުން ހިފަން ޖެހޭ ކަމަށް މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވިއެވެ.
މި ކަހަލަ ހުސްވަގުތެއް ދެން ނުލިބޭނެ ކަން ފާހަގަކުރައްވައި މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ ވަރަށް ގިނަ ޔުނިވާސިޓީތަކުން އެ ތަންތަނުގެ ލައިބްރަރީތައް އޮންލައިންކޮށް ހުޅުވާލާފައިވާ ކަމަށެވެ. އެހެންކަމުން މުތޯލިއާކޮށް އުނގެނުމުގެ އާ ގޮތްތައް ހޯދަން ޖެހޭ ކަމަށެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރިދާނެ ކަމުގެ ބިރަށްޓަކައި މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސަރުކާރު އޮފީސްތަކާއި ސުކޫލްތަކުގެ އިތުރުން ކޮލެޖު ޔުނިވާސިޓީތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.
އެއާ އެކު ރާއްޖޭގައި ހިންގާ އަމިއްލަ ކޮލެޖުތަކުން ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައެވެ.