އެރިޔަދޫ ކަރަންޓީން ފެސިލިޓީގައި ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި ދިވެހި މީހާއާ ގުޅިގެން އެ ރިސޯޓުގައި ތިބި އެންމެން ދޫކުރުން ފަސްކޮށްފިއެވެ.

އެ ކަރަންޓީނު ފެސިލިޓީގައި ހުރި ފިލިޕިީންސް އިން އައި ދިވެއްސަކު ކަރަންޓީންގެ 14 ދުވަސް ހަމަވުމުން ޓެސްޓުކުުރުމުން އެނާ ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައެވެ. އޭނާ ޕޮޒިޓިވްވި އިރު، މީގެ ކުރިން އޭނާގެ ގައިން ވައިރަހުގެ އެއްވެސް އަލާމާތެއް ނުފެނެއެވެ.

ދާރުބާރުގޭގައި ގައިމުކޮށްފައިވާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، އެރިޔަދޫ ކަރަންޓީން ފެސިލިޓީގައި ތިބީ ފިލިޕީންސް އަދި އިިނގިރޭސީވިލާތުން އައި ދިވެހީން ކަމަށެވެ.

ފިލިޕީންސް އަދި އިނގިރޭސިވިލާތުގައި ތިބި ދިވެހީން ރާއްޖެ އައީ ދޮހާގައި ޓްރާންސިޓް ކުރުމަށްފަހު ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް އެބަހުރި. އެރިޔަދޫގައި އެމީހުން އުޅުނުއިރު އެއްވެސް މީހަަކާ އެއްވެސް މީހަކާ ދިމާވެފައި އޮތްތޯ ބެލުމަށް މިވަގުތު ޓެގް (ޓެކްނިކަލް އެޑްވައިޒަރީ ޓީމް) ގެ ޓީމުން ނިންމާފައިވަނީ، އެރިޔަދޫގައި މިއަދު ދޫކޮށްލަން ތިބި އެންމެން އިތުރަށް ބޭތިއްބުމަށް،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، އެގޮތަށް ނިންމީ ސަލާމަތްތެރިވުމުގެ ގޮތުން ކަމަށާއި އެކަމުގައި މާދަމާ އިތުރު ގޮތްތަކެއް ނިންމާނެ ކަމަށެވެ. އަދި އިތުރަށް ބަޔަކު މަޑުކުރަން ޖެހޭ ނަމަ ނުވަތަ ދޫކުރަން ޖެހޭ ނަމަ އެެކަމާ މެދު މާދަމާ ގޮތްތަކެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، އެ ކަރަންޓިން ފެސިލިޓީން މިހާތަނަށް ސާމްޕަލްސް ނެގި މީހުން ނެގަޓީވް ކަމަށާއި ނަމަވެސް އަދިވެސް ބައެއް މީހުންގެ ފަރާތުން ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތައް ފެންނަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ބައެއް ކަރަންޓީން ފެސިލިޓިސްތަކުގައި ތިބޭ މީހުން އެ ކޮޓަރިއެއްގެ ދޮރުމައްޗަށް ނުވަތަ ބީޗަށް ނުކުމެ އުޅުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. ނަމަވެސް އެމީހުން އެއަށްވުރެ ބޮޑަށް މީހުންނާއެކު އެއްވެފައި ހުރެދާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"އެހެންވެ ޓެގުން ބޭނުންވޭ އިންވެސްޓިގޭޝަންއެއް [ތަހުގީގެއް] ކުރަން މިކަމުގައި. އެއަށްފަހު ދޫކޮށްލުމަށް. ހަމައެކަނި ބަލަން ބޭނުންވަނީ ނުކުމެ އުޅުނު އިރު އެއްވެސް މީހަކު ބައްދަލުވެފައި ހުރިތޯ. މިވަގުތު އެގޮތަށް ކޮންމެހެން ބަލަން ޖެހިގެން 17 މީީހެއްގެ ސާމްޕަލް ނަގައިގާފައި ވަނީ،" މަބްރޫކު ވިދާޅުވިއެވެ.