13 Apr 2020, 20:08
ދުނިޔޭގައި މިވަގުތު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ މިހާތަނަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ.
އެ ހޮސްޕިޓަލްގެ މެނޭޖްމަންޓުން ބުނީ މިވަގުތު ޓްރީ ޓޮޕް ހޮސްޕިޓަލުން އެންމެ ބޮޑަށް އިސްކަންދެނީ އެ ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުންގެ ސަލާމަތާ ރައްކާތެރިކަމަށް ކަމަށާއި މިގޮތުން ހޮސްޕިޓަލަށް ވަންނަ ބަލިމީހުން ސްކްރީން ކުރުގެ ޕްރޮސީޖަރ އެއް ހޮސްޕިޓަލުގައި މިދިޔަ މަހުން ފަށައިގެން ކުރިއަށް ގެންދަމުންދާކަމަށެވެ.

ޓްރީ ޓޮޕްގައި ކުރިއަށްދަމުންދާ ސްކްރީނިންގް ޕްރޮސީޖާގެ ދަށުން ހޮސްޕިޓަލަށް ޒިޔާރަތްކުރާ ހުރިހާ ބޭފުޅުން ހޮސްޕިޓަލަށް ވަނުމުގެ ކުރިން ޓެމްޕެރޭޗަރ ޗެކްކޮށް، މައުލޫމާތު ފޯމެއް ފުރައެވެ. މި ފޯމުގައި ރޯގާގެ އެއްވެސް އަލާމާތެއް ވޭތޯއާއި މީހާގެ ޓްރެވަލް ހިސްޓްރީ ޗެކް ކުރެވެއެވެ. އަދި ރޯގާގެ އެއްވެސް އަލާމާތެއް ފާހަގަވާނަމަ ވަކިން ޚާއްސަކުރެވިފައިވާ ފްލޫ ކްލިނިކް ސަރަހައްދަކަށް ވަކި ދޮރަކުން ބަލިމީހާ ގެންގޮސްދެވޭނެއެވެ.
އެ ފްލޫ ކްލިނިކްއަކީ މި ދިޔަމަހުގެ 17 ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލުން ތައާރަފްކޮށްފައިވާ ޚިދުމަތެކެވެ. މި ކްލިނިކުން ބެލުމަށްފަހު ބަލި މީހާ އިމަޖެންސީއަށް ނުވަތަ ފަރުވާއާ ގުޅޭ ޑިޕާޓްމަންޓަކަށް ގެންގޮސްދެވޭނެއެވެ.

އަދި މި ސްކްރީނިންގް ފްރޮސީޖަރ އަދި ފްލޫ ކްލިނިކްގެ ސަބަބުން ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަ ކުރެވި އަރިދަފުސް ރޯގާއާއި އެހެން އިންފެކްޝަން ފެތުރުމުގެ ފުރުސަތުވަނީ ކުޑަކުރެވިފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން އިތުރަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެވޭ ބަލިމީހުންނަށް ޒިޔާރަތްކުރާ ގަޑިތަކެއްވެސްވަނީ ކަނޑައަޅާފައެވެ. މިގޮތުން އިން-ޕޭޝަންޓް ޕްރައިވެޓް ރޫމްސް އަދި ސުއީޓްއަށް ޒިޔާރަތްކުރުމަށް ކަނޑައެޅިފައިވާ ވަގުތުތަކަކީ ހެނދުނު 11:00 އިން މެންދުރު 12:00 އަދި ހަވީރު 18:00 އިން ރޭގަނޑު 19:00އަށެވެ. އެގޮތުން އެޑްމިޓް ކޮށްފައިވާ ބަލިމީހާއަށް ޒިޔާރަތްކުރެވޭނީ ފަހަރަކު މީހަކަށެވެ. އަދި 14 އަހަރުން ދަށުގެ އެއްވެސް ކުޑަކުއްޖަކު މިސަރަހައްދަށް ޒިޔާރަތް ނުކުރަން އެ ހޮސްޕިޓަލުންވަނީ އިލްތިމާސްކޮށްފައެވެ.

މި ފިޔަވަޅުތަކުގެ އިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރާ ގުޅިގެން އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން އަދި އެހެނިހެން މުއައްޒަފުން އެކުލެވޭހެން ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓް، ހޭންޑް ހައިޖީން އަދި ކްރިޓިކަލް ކެއާ ޓްރެއިނިންގް ސެޝަންތަކެއްވެސްދަނީ ކުރިއަށްދަމުންނެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި މިހާތަނަށް އެ ހޮސްޕިޓަލުން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ އެއްވެސް ބަލިމީހަކަށް ފަރުވާ ދެވިފައެއް ނުވެއެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަށް އެޅުމުގެ މަގްސަދަކީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ޒިޔާރަތްކުރާ ބަލިމީހުންނާއި އެ ހޮސްޕިޓަލްގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައުލޫމާތު ސާފުކުރުމަށާއި އެޕޮއިންޓްމަންޓް ހޯއްދެވުމަށް 3351610 އަށް ގުޅުއްވާލައްވާށެވެ.