ޓްރިޕޮލީ (ޑިސެމްބަރ 17) : އެމެރިކާގެ ދިފާޢީ ވަޒީރު ލިޔޮން ބެނީޓާ ކުއްލި ދަތުރުފުޅެއްގައި ލީބިޔާއަށް ވަޑައިގެންފި އެވެ.

ލީބިޔާއަށް ވަޑައިގެން ޓްރިޕޮލީ އެއަރޕޯޓްގައި ދެއްވި ބަޔާނެއްގައި ބެނީޓާ ވިދާޅުވީ ލީބިޔާ ރައްޔިތުންގެ ހިއްވަރުގަދަކަމާމެދު އޭނާ ޙައިރާންފުޅުވާ ކަމަށާއި ލީބިޔާ ރައްޔިތުންގެ ހިތްވަރާއި ގަދަފަދަ ކަމަށް އެމެރިކާ މަރްޙަބާ ކިޔާ ކަމުގައެވެ. ހައެއްކަ ގަޑީއިރަށް ބެނީޓާ ކުރައްވާ މިދަތުރުފުޅުގައި ލީބިޔާގެ ބޮޑުވަޒީރު ޑރ. ޢަބްދުއަރްޙީމް އަލްކީބް އާއި ލީބިޔާގެ ދިފާޢީ ވަޒީރު އުސާމާ އަލްޖުވައިލީ އާ ބައްދަލުކުރައްވާނެއެވެ.

ބެނީޓާގެ މިދަތުރުފުޅުގެ މަޤްސަދް ސާފުވެފައެއް ނުވެއެވެ. ނަމަވެސް މިއީ އެމެރިކާގެ ހަތިޔާރު ލީބިޔާއަށް ވިއްކޭނެގޮތެއްވޭތޯ ކުރައްވާ ދަތުރުފުޅެއް ކަމަށް ލީބިޔާގެ މީޑިޔާ ބުނެއެވެ. ދަތުރުފުޅުގެ މަޤްސަދާބެހޭގޮތުން ބެނީޓާ ވިދާޅުވީ މިއީ ލީބިޔާ ރައްޔިތުންގެ ހިއްވަރަށް މަރްޙަބާ ކިޔުމަށާއި ލީބިޔާއަށް ބޭނުންވާ ކަންތައްތައް އޮޅުންފިލުވުމަށް ކުރައްވާ ދަތުރުފުޅެއް ކަމުގައެވެ. ލީބިޔާ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފުއްދައިދިނުމަށް އެމެރިކާއޮތީ ތައްޔާރަށް ކަމަށް ބެނީޓާ ވިދާޅުވިއެވެ.

ބެނީޓާ ލީބިޔާއަށް ވަޑައިގެންނެވީ ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ އަވަހާރަކޮށްލުމުގެ ޖަރީމާގައި އެމެރިކާ ބައިވެރިވާ ކަމަށް ރަޝިޔާ ތުހުމަތުކޮށްފައި ވަނިކޮށެވެ. -- އަލްޖަޒީރާ