މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅޭގޮތުން ދައުލަތުގެ އެކި އިދާރާތަކުން ކުރަމުން ގެންދާ ކަންކަމުގައި ކޮރަޕްޝަންގެ އަމަލުތައް ހުރި ކަމަށް ބުނެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ގެންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އެކި އިދާރާތަކުން ކުރަމުން ގެންދާ ކަންކަމުގައި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން އެ ކޮމިޝަނުން ދަނީ ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރަމުން ކަމަށެވެ.

ދައުލަތުގެ އިދާރާތަކުން އެ ހާލަތުގައި ކޮރަޕްޝަނަށް އޮތް ހިރާސްތައް ކުޑަކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކުން އަމަލުކުރަން ޖެހޭ ގޮތާ މެދު އިރުޝާދު ދިނުމަށްޓަކައި ބޭނުންވާ މައުލޫމާތު ހޯދައި ދިރާސާކުރުމުގެ މަސައްކަތްކުރަމުން ގެންދާ ކަމަށް އޭސީސީއިން ބުނެއެވެ.

އޭސީސީއިން ބުނީ ކޮވިޑް-19 އާ ގުޅިގެން ސޯޝަލް މީޑިއާގައި ހުރި ކަންބޮޑުވުމާ ގުޅޭގޮތުން އެކަންތައް ބެލުމަށް ކޮމިޝަނުން އިސްނަގައިގެން މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

އެގޮތުން އާންމު ސިއްހަތާއި ފުރާނަ ސަލާމަތްކޮށް ރައްކާތެރިކުރުމުގެ ދަނޑިވަޅުގައިވެސް ނަޒާހާތްތެރިކަމާއި ޖަވާބުދާރީވުމުގެ އުސޫލުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ހިފަހައްޓައި ނެގެހެއްޓުމަކީ އެކަމުގައި ޝާމިލުވެ އުޅޭ ފަރާތްތަކުންގެ ޒިންމާއެއް ކަމަށް އޭސީސީއިން ބުންޏެވެ. އަދި މި ހާލަތުގައި ދައުލަތުގެ މާލިއްޔާއިން ހޭދަކުރުމާއި ނިންމުންތައް ނިންމުމުގައި ނަޒާހާތްތެރިކަން ދެމެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް އެ ކޮމިޝަނުން ފާހަގަކުރިއެވެ.

ކޮވިޑް-19 އިން ދިވެހި ރައްޔިތުން ސަލާމަތްކޮށްދީ ރައްކާތެރިކޮށްދިނުގެ ގޮތުން ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކާއި އިދާރާތަކުގެ އިތުރުން ވޮލަންޓިއަރުން ގުޅިގެން ކުރަމުން ގެންދާ މަސައްކަތަކީ އަގު ނުކުރެވޭނެ މަސައްކަތެއް ކަމަށް އޭސީސީއިން ބުންޏެވެ. އަދި އެފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް އޭސީސީއިން ވަނީ ޝުކުރު އަދާކޮށްފައެވެ.