13 Apr 2020, 17:38
މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން ވަޒީފާއަށް އެއްވެސް ކަހަލަ ބަދަލައެއް އައިސްފައި ވާކަމުގައިވާނަމަ އެފަދަ މައްސަލަތައްޖޮބް ސެންޓަރަށްހުށަހެޅުމަށް އިލްތިމާސްކޮށްފިއެވެ.
މިއަދު ސަން އަށް މައުލޫމާތު ދެއްވަމުން ޖޮބް ސެންޓަރާ ހަވާލުވެ ހުންނެވި އަހުމަދު ނިޔާޒު ވިދާޅުވީ ވަޒީފާ ގެއްލިގެންވެސް ނުވަތަ އެނޫން އެކި ތަފާތު ހާލަތުގައިވެސް ވަޒީފާ އަށް ބަދަލު އައިސްފައިވާނަމަ އެފަދަ މައްސަލަތައް ޖޮބް ސެންޓަރަށް ހުށެހެޅޭނެ ކަމަށެވެ. އެގޮތުން ނޯ ޕޭ ލީވް ފޮނުވުން، ސަސްބެންޑު ނުވަތަ މުސާރައިން ބައެއް އުނިކުރުންވެސް އެފަދަ މައްސަލަތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ޖޮބް ސެންޓަރަކީ ކޮބާ؟
ޖޮބް ސެންޓަރަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ދިވެހިންނަށް ވަޒީފާ ބާޒާރުގައި މިއަށް ވުރެއްފައި ފުރުސަތުތަކެއް ހޯދައި ދިނުމުގެ މަގުސަދުގައި ވަޒީފާ ފޯރުކޮށްދޭ ފަރާތްތަކަށް ވަޒީފާތައް އާންމުކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް އެކެވެ.
ވަޒީފާގެ ފުރުސަތު ފަހިކުރުމަށްޓަކައި ތައާރަފުކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ކޮވިޑް-19 އާ ގުޅިގެން ވަޒިފާއަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ އެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ މިހާރު ވަނީ ފަހިކޮށްފައެވެ. އެގޮތުން ދިވެހީންނާއި ބިދޭސީންނަށްވެސް މައްސަލަ ހުށަހެޅުމަށް ހާއްސަ ތަފާތު ދެ މޮޑިއުލް ވަނީ ޖޮބް ސެންޓަރުގައި އާންމުކޮށްފައެވެ.
ފުރަތަމަ ރެޖިސްޓްރީ ވެލާ!
ނިޔާޒު ވިދާޅުވީ ވަޒީފާއަށް އެއްވެސް ބަދަލެއް އަތުވެއްޖެ ނަމަ އެ މައްސަލަ އޮންލައިންކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް މައްސަލައެއް ހުށަހަޅާނަމަ އެ ޖޮބް ސެންޓަރަށް ރެޖިސްޓްރީ ވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން މައްސަލަތައް ބަލަން ފެށޭނީ ޖޮބް ސެންޓަރަށް ވަކި ފަރާތެއްގެ ގޮތުގައި ރެޖިސްޓްރީ ވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. ވަޒީފާ އަދާކުރާ ފަރާތްތަކުގެ އިތުރުން ވަޒީފާ ފޯރުކޮށްދޭ ފަރާތްތަކަށްވެސް ރެޖިސްޓްރީ ވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ މިހާތަނަށް ވަނީ 1،600 އަށްވުރެ ގިނަ ފަރާތްތަކުން ޖޮބް ސެންޓަރަށް ރެޖިސްޓްރީވެފައި ކަމަށެވެ.
"މިސާލަކަށް ޕްރޮބޭޝަންގައި ހުއްޓައި ވަޒީފާއިން ވަކިކޮށްފި ނަމަ ނުވަތަ މުސާރަ ކުޑަކުރި ނަމަވެސް އެފަދަ މައްސަލަތައް ވެސް ހުށަހެޅޭނެ،" ނިޔާޒު ވިދާޅުވިއެވެ.
އެމްޕްލޯޔާސް ވިސްނާލަން ޖެހޭ ކަމެއް!
ވަޒީފާއިން ވަކި ކޮށްގެން ނުވަތަ ވަޒީފާގެ ހާލަތަށް ބަދަލެއް އަތުވެގެން މައްސަލައެއް ޕޯޓަލްއަށް ހުށަހެޅުމުން އެ މައްސަލަ ރައްދުވާ ކުންފުންޏަށް މިހާރު ސަރުކާރުން ތައާރަފުކޮއްފައިވާ ރިލީފް ޕެކޭޖުދިނުމުގައި ބެލޭނެކަމަށެވެ.
ނިޔާޒު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ވަޒީފާއަށް ބަދަލު އައި ކަމުގެ މައްސަލަ ހުށަހަޅައިފި ނަމަ އެ މައްސަލަ ރައްދުވާ ކުންފުނިތަކަށް، ކޮވިޑް-19 އާ ގުޅިގެން ބޭންކުތަކުން ދޭ ރިލީފް ޕެކޭޖުދިނުމުގައި ބެލޭނެކަމަށެވެ.
ވަޒީފާ ގެއްލޭ ފަރާތްތަކަށް ހާއްސަ ބެނެފިޓް!
ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް ހާއްސަ ބެނެފިޓެއް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
އެކަމާ ގުޅިގެން މައުލޫމަތު ދެމުން ނިޔާޒު ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތަކީ އެ ބެނެފިޓްގެ ހާއްސަ އުސޫލެއް ކަނޑައެޅުމުގެ މަސައްކަތް ކަމަށެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް 7/24 ގުޅުއްވޭނެ ޖޮބް-ސެންޓަރ ފޯން ނަންބަރއަށް:
7266602
7266603
އީމެއިލް :[email protected]