ވިއެޓްނާމްގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުން ވަނީ މިމަހުގެ އެކަކުން ފެށިގެން 15 ދުވަސްވަންދެން މީހުން ޒަރޫރީ ބޭނުންތަކަށް ފިޔަވާ ގެއިން ބޭރަށް ނުދިޔުމަށް އަންގާފަ އެވެ. އޭގެ ސަބަބުން އެގައުމުގައި ދުވަހު މުސާރައިން ދިރިއުޅޭ ގިނަ ބަޔެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. ވިއެޓްނާމްގައި އެފަދަ މީހުންނަށް އެހީވުމުގެ ގޮތުން ހޯ ޗީ މިން ސިޓީގައި ވަނީ "ހަނޑޫ އޭޓީއެމް"އެއް ގާއިމުކޮށްފަ އެވެ.

ވިއެޓްނާމް އިންސައިޑާގައިވާ ގޮތުން، ކޮރޯނާވައިރަހުގެ ސަބަބުން ގައުމު ހުއްޓުމަކަށް އައުމާ ގުޅިގެން އެހީ ބޭނުންވެފައިވާ މީހުންނަށް ހިލޭ ހަނޑޫ ފޯރުކޮށްދިނުމުގެ ގޮތުން އެ "އޭޓީއެމް" ހުޅުވާފައި ވަނީ އެގައުމުގެ އިންޖިނިއަރެއް ކަމަށްވާ ހުވަން ތުއަން އަން، އޭނާގެ ގެ ކައިރީގައި އެވެ. އަދި އެގޮތަށް ހަނޑޫ ބަހަން ނިންމީ، އިޖުތިމާއީ ގައިދުރުކަމަށް އިޖާބަދީގެން އެހީ ފޯރުކޮށްދެވޭނެ ގޮތެއް ހެދުމުގެ ގޮތުންނެވެ.

އެ މެޝިނުން މީހުންނަށް ހަނޑޫ ލިބެނީ ބިންމަތީގައި ހަރުކޮށްފައި ހުންނަ ސުވިޗަކަށް ފިތުމުންނެވެ. އަދި ކޮންމެ މީހަކަށްވެސް 1.5 ކިލޯގެ ހަނޑޫ ލިބޭނެ އެވެ. އެ މެޝިން ކައިރީ މީހުން ކިޔޫ ހަދައިގެން ތިބޭ އިރު ދެ މީޓަރު ދުރުގައި ތިބޭނެ ތަން ފާހަގަ ކުރުމަށް ބިންމަތީގައި ސްޓިކާ ހަރުކޮށްފައި ހުރެ އެވެ.

ހަނޑޫ ފޯރުކޮށްދޭ މެޝިން ކައިރީ ކިޔޫ ހަދާ އިރު ދެ މީޓަރު ދުރުގައި ތިބޭނެ ތަންތަން ވަނީ ސްޓިކާއިން ފާހަގަކޮށްފަ -- ފޮޓޯ: ރޮއިޓާސް

އަން ބުނި ގޮތުގައި އެ މެޝިނުން ކޮންމެ ދުވަހަކު 500 ކިލޯގެ ހަނޑޫ ބަހަ އެވެ. އަދި އެ ހަނޑުލަކީ އޭނާގެ އަމިއްލަ ފައިސާއިން ގަނެފައިވާ ހަނޑުލެވެ. މީގެ އިތުރުން އެ މަސައްކަތަށް ތަރުހީބު ދިނުމުގެ ގޮތުން އަންގެ ބައެއް އަވަށްޓެރިން ވެސް ވަނީ ހަނޑޫ ހަދިޔާކޮށްފަ އެވެ.

"މި ހަނޑޫ އޭޓީއެމްއާ ބެހޭ މައުލޫމާތު ލިބުނީ އިންޓަނެޓުން. އެހެންވެ މިތަން ބަލާލަން އައީ އަދި އަސްލުކޮށްވެސް ހަނޑޫ ލިބުމުން ފުރަތަމަ ގަބޫލެއްވެސް ނުކުރެވުނު. މިބަލިމަޑުކަން ނިމެންދެން މި އޭޓީއެމް ހިންގަމުންދާނެ ކަމަށް ވަރަށް އުއްމީދު ކުރަން،" ހަނޑޫ ބަލާ ދިޔަ މީހަކު ރޮއިޓާސްއާ ވާހަކަ ދައްކަމުން ބުންޏެވެ.

ހޯ ޗީ މިންގެ އިތުރުން ވިއެޓްނާމްގެ ވެރިރަށް ހަނޯއި ފަދަ އެހެން ބައެއް ސިޓީތަކުގައިވެސް މިދުވަސްވަރު މީހުންނަށް ހިލޭ ހަނޑޫ ލިބޭ ގޮތަށް މެޝިންތައް ބަހައްޓާފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓު ކުރި އެވެ.

ވިއެޓްނާމްއިން ކޮރޯނާވައިރަސް ފެނުނީ މިދިޔަ ޖެނުއަރީ މަހުގެ 23ގަ އެވެ. އޭގެ ފަހުން އެގައުމުގައި 262 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، 144 މީހެއްގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އެގައުމުގައި ވައިރަހަށް ޕޮޒިޓިވްވި އެއްވެސް މީހަކު މަރުވެފައި ނުވެ އެވެ.