13 Apr 2020, 16:23
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ކުރާ މައިބަދައިގެ ފުރަތަމަ އޮޕަރޭޝަނަށް އައިޖީއެމްއެޗްގެ ޓީމެއް އެ ހޮސްޕިޓަލަށް ގޮސްފި އެވެ.
އައިޖީއެމްއެޗް އިން މިއަދު ބުނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި މައިބަދައިގެ އޮޕެރޭޝަނެއް ކުރުމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް އައްޑޫ ސިޓީއަށް ގޮސްފައިވާ ކަމަށެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ބޮޑު އޮޕަރޭޝަނެއް ކޮށްފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެ ހޮސްޕިޓަލްގައި އެންމެ ފުރަތަމަ އޮޕަރޭޝަން ކުރީ އުކުޅުވަޅުގެ ހުޅު ބިނދިފައި ހުރި 82 އަހަރުގެ މީހެއްގެ އެވެ.
ނިމިގެން ދިޔަ ސަރުކާރުގައި ހަދަން ފެށި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ހިދުމަތްތައް ދޭން ފެށީ މިއަހަރުއެވެ. އަދި އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއާރް) ގައި ދެމުން ގެންދިޔަ ހުރިހާ ހިދުމަތްތަތްކެއް މިހާރު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްއަށް ބަދަލުވެސް ކޮށްފަ އެވެ.