17 Dec 2011, 20:46
ހިފާފައިވާ ޤުދްސު (ޑިސެމްބަރ 17) : ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި ޤަވާޢިދާ ޚިލާފަށް އިސްރާއީލުން ވަޒަންވެރިކޮށްފައިވާ ޔަހޫދީން ފަލަސްތީނުގެ މިސްކިތްތަކުގައި ހުޅުޖަހައި އަންދަމުން ގެންދާ ޖަރީމާތައް ހުއްޓުވުމަށް ފަލަސްތީނުން ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވާލައިފިއެވެ.
ފަލަސްތީނުގެ ރިޔާސީ ތަރްޖަމާން ނަބީލް އަބޫރުދައިނާ ވިދާޅުވީ ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ މިސްކިތްތަކަށާއި އާންމުންގެ ގެދޮރަށާއި މުދަލަށް ދެމުންގެންދާ ޓެރަރިސްޓް ޙަމަލާތައް ހުއްޓުވުމަކީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ޒިންމާއެއްކަމުގައެވެ.
ޔަހޫދީ ޓެރަރިސްޓުންގެ ޙަމަލާތައް ހުއްޓުވުމަށް އިސްރާއީލު ސަރުކާރު ސަމާލުކަން ދީފައެއްނުވެއެވެ. ނަމަވެސް ހަރުކަށި ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫވަނީ ވިދާޅުވެފައިވެއެވެ. ފާއިތުވި ދެތިންދުވަހުގެ ތެރޭގައި ޔަހޫދީންވަނީ ހުޅަނގު އައްސޭރިގެ 4 މިސްކިތެއް އަންދާލާފައެވެ.
އަދި ފަލަސްތީނުގެ އާންމުންނަށާއި އެމީހުންގެ ކާރުފަދަ އަގުބޮޑު ތަކެއްޗަށް އޮއްގަލުން ޙަމަލާދީ ފުޅާދާއިރާއެއްގައި ޓެރަރިޒަމްގެ ޢަމަލުތައްވެސް ޔަހޫދީން ގެންދަނީ ފުޅާދާއިރާއެއްގައި ހިންގަމުންނެވެ. މީގެއިތުރުން ފަލަސްތީނުގެ އަންހެންކުދިންނަށް ގޯނާކުރުމާއި ޖިންސީ ޖަރީމާތައް ހިނަގުމުގެ އިތުރުން ފަލަސްތީނު މީހުންގެ ދަނޑުތައް ހަލާކުކޮށް ގަސްތައް އުފުރުންފަދަ ޖަރީމާތައްވެސް ޔަހޫދީން ގެންދަނީ ހިންގަމުންނެވެ.
ޔަހޫދީ ވަޒަންވެރިން މިޖަރީމާތައް ހިންގަމުން ގެންދަނީ އިސްރާއީލު ސިފައިންނާއި ފުލުހުންގެ ޙިމާޔަތް ލިބިގެން ކަމަށް ފަލަސްތީނުން ތުހުމަތުކުރެއެވެ. ޔަހޫދީންވަނީ 1969 ގައި މުސްލިމުންގެ 3 ވަނަ ޙަރަމްފުޅު ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަޤްސާގައިވެސް ހުޅުޖަހާފައެވެ. -- އަލްޖަޒީރާ