ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް ރައްޔިތުންނަށް އެހީގެ ތަކެތި ފޮނުވަން، އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ބަންގްލަދޭޝްގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ ރާއްޖޭގައި ތިބި ބަންގްލަދޭޝް މަސައްކަތްތެރީންނަށް އެހީގެ ތަކެތި ފޮނުވަން ނިންމީ އެގައުމުގެ މިނިސްޓްރީ އޮފް ޑިޒާސްޓާ މެނޭޖްމަންޓް އެންޑް ރިލީފް އިން އިސްނަގައިގެން ކަމަށެވެ.

ރާއްޖޭގައި ތިބި އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ބަންގްލަދޭޝް ފޮރިން މިނިސްޓްރީން ވެސް އެދިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ރާއްޖެއަށް އެހީގެ ތަކެތި ފޮނުވަން ނިންމާފައި ވަނީ ކަނޑުމަގުން ނުވަތަ ވައިގެ މަގުން ކަމެއް ސާފެއް ނުވެ އެވެ. ފޮރިން މިނިސްޓްރީން ބުނީ މިކަމާ ގުޅޭ މައުލޫމާތު އަދި ލިބިފައި ނުވާކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެ ގައުމަށް ގެންދިއުމަށް އެހީތެރިވާން ދިވެހި ސަރުކާރުން ބަންގްލަދޭޝް ސަރުކާރުގައި ވަނީ އެދިފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ދަތުރުފަތުރު ކުރުމަށް ހުރަސް އެޅިފައިވާއިރު، ރާއްޖެއަށް ނާދެވި ބަންގްލަދޭޝްގައި ގާތްގަނޑަކަށް 80 ދިވެހިން ތާށިވެފައި އެބަތިއްބެވެ. އަދި އެމީހުން ރާއްޖެ ގެނައުމާ މެދު ވެސް ދެ ގައުމުން ވަނީ މަޝްވަރާކޮށްފަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވެ އެ ބަލި ފެތުރުނަ ނުދިނުމުގެ ގޮތުން މާލެ ސަރަހައްދުގައި ތޮށްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ ބިދޭސީން ހާއްސަ ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

އެގޮތުން މިހާތަނަށް 200 ބިދޭސީއަކު ވަނީ ފެސިލިޓީއަށް ބަދަލުކޮށްފަ އެވެ.