ފިލިޕީންސް އިން އައި މީހުންގެ ކަރަންޓީނު މުއްދަތު ރިވިއު ކުރަން ނިންމައިފިއެވެ.

ފިޕިލީންސް ގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ ތެރެއިން 47 މީހަކު ސަރުކާރުން ވަނީ ރާއްޖެ ގެނެސްފައެވެ. މީގެ ތެރޭގައި ހިމެނެނީ އެ ގައުމުގައި ޕައިލޮޓްކަން ކިޔަވާ ދަރިވަރުންނާއި މެޑިކަލް ސްޓޫޑެންޓުންނެވެ.

ފިލިޕީންސް އިން އައި ދިވެހިންގެ ކަރަންޓީނު މުއްދަތު އިތުރު ކުރަން ނިންމާފައިވަނީ އެމީހުންގެ ކަރަންޓީނު މުއްދަތު ހަމަވުމުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުން އެކަކު ކޮރޯނާ އަށް ޕޮޒިޓިވް ވުމުންނެވެ.

ފިލިޕީންސް އިން އައި މީހުންގެ ތެރެއިން އެރިޔަދޫ ކަރަންޓައިން ފެސިލިޓީ ގައި ކަރަންޓީނު ކޮށްފައި ހުރި މީހަކު އިއްޔެ ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ސަން އަށް ވިދާޅުވީ ފިލިޕީންސް އިން އައި މީހުންގެ ކަރަންޓީނު މުއްދަތު ރިވިއު ކުރަން ނިންމީ ފިލިޕީންސް ފްލައިޓުން އައި މީހަކު ބައްޔަށް ޕޮޒިޓިވް ވުމުން ކަމަށެވެ.

"އެމީހުންގެ ޓެސްތު ހަދާފައި ވަނީ. އެކަކު ފިޔަވާ އެންމެން ވެސް ނެގެޓިވް. އެކަމަކު ފްލައިޓުން އައި މީހަކު ޕޮޒިޓިވް ވުމުން މިހާރު ނިންމާފައިވަނީ 48 ގަޑިއިރު ބެލުމަށް. އެގެ ފަހުން ގޮތެއް ނިންމާނެ،" މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 20 މީހަކު ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ފަސް ދިވެއްސެކެވެ. ދެ މީހަކު ރާއްޖެއިން ބޭރަށް ގޮސްފައިވާއިރު 14 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީނު މުއްދަތު ފުރިހަމަކުރުމުން ކަރަންޓީނުން ދޫކޮށްލަނީ ކޮރޯނާ އަށް ޓެސްޓު ކުރުމަށްފަހު ނެގެޓިވް ވެއްޖެނަމަ އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮރޯނާ ޖެހިފައިވާ މީހަކު ފެނުނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ.

ކޮރޯނާ އާއި ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ މިމަހުގެ ނިޔަލަށް އިއުލާނު ކޮށްފައިވާއިރު، ރާއްޖެއިން ބޭރުން އަންނަ މީހުުންނަށް އޮން އެރައިވަލް ވިސާ ދިނުންވެސް ވަނީ ހުއްޓާލައިފަ އެވެ.

އިޖުތިމާއީ ގައިދުރުކަން ކަށަވަރު ކުރުމަށް މާލޭގެ ކެފޭ ރެސްޓޯރެންޓުތަކުގައި ޑައިން އިންގެ ހިދުމަތް ދިނުން މެދުކަނޑާލާ، ޕާކުތަކާއި މައިޒާންތައް ބަންދުުކޮށްފައިވާއިރު ސަރުކާރު އޮފީސްތަކާއި ކިޔަވައިދޭ މަރުކަޒުތައްވެސް ވަނީ ބަންދުކޮށްފަ އެވެ.