17 Dec 2011, 20:03
ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމުގެ އާއިލާގެ އެއްވެސް ބޭފުޅަކު ޖީއެމްއާރުން ނާޖާއިޒު ފައިދާއެއް ނަގާފައި ނޯންނާނެ ކަމަށް އެއާއިލާއިން މިއަދު ބުނެފި އެވެ.
މައުމޫނުގެ އާއިލާގެ ފަރާތުން އެ މަނިކުފާނުގެ ދޮށީ ދަރިކަލުން ފާރިޝް މައުމޫނު ސޮއިކުރައްވައި މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެބަޔާން ނެރުނީ ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އިބުރާހިމް ޝަރީފާއި ގައުމީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އިމާދު ސޯލިހު އެ އާއިލާ އަށް ނިސްބަތްކޮށް ރައްޔިތުންނަށް އޮޅޭ ފަދަ ވާހަކަފުޅުތަކެއް ދައްކަވާފައި ވާތީ ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ބަޔާނުގައި ބުނަނީ ރައީސް މައުމޫނަކީ ދިވެހި ދައުލަތުގެ މިލްކިއްޔާތު ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލަން އެއްވެސް އިރެއްގައި ތާއީދުކުރެއްވި، އަދި އެފަދަ ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެކަމާ ދެކޮޅަށް އެމަނިކުފާނު ކިތަންމެ ތަނެއްގައި ވާހަކަފުޅު ދައްކަވާފައި ވާނެ ކަމަށް ވެސް އެބަޔާނުގައި ވެއެވެ.
"... ކެނެރީގޭ މުހައްމަދު ނަޝީދުގެ ސަރުކާރުން މާލޭ އިންޓަނޭޝަންލް އެއާޕޯޓް ވިއްކާލުމާ ގުޅިގެން އެކަމާ ދެކޮޅަށް އެންމެ ފުރަތަމަ އަޑު އުފުލާފައި ވަނީ ރައީސް މައުމޫނުގެ ފަރާތްޕުންނެވެ. އެއީ ރައީސް މައުމޫނުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތީންނެވެ،" މައުމޫނުގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނުގައިވެ އެވެ.
ބަޔާން ބުނެފައިވާ ގޮތުގައި ޖީއެމްއާރުން ކަންތައް ކުރާ ގޮތާ މެދު ފާޑުވިދާޅުވުމަކީ އިންޑިޔާ ސަރުކާރުން މައުމޫނަށް އަދާކުރަމުންދާ އިހުތިރާމު ކަނޑައިލާނެ ކަމެއް ނޫނެވެ.
މި މަހުގެ 23 ވަނަ ދުވަހު ބައެއް ދީނީ ޖަމާއަތްތަކާއި އިދިކޮޅު ބައެއް ޕާޓީތައް ގުޅިގެން ބާއްވަން މަސައްކަތްކުރަމުންދާ މުޒާހަރާގައި ދިވެހި ރައްޔިތުން ބައިވެރިވުމަށް ވެސް އެބަޔާނުގައި ގޮވާލާފައިވެ އެވެ.
ޖީއެމްއާރާއި މައުމޫނުގެ އާއިލާގެ ބައެއް ބޭފުޅުންނާ ގުޅުމެއް އޮންނަ ކަމަށް ޑީއާރްޕީންނާއި ގައުމީ ޕާޓީން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ޖީއެމްއާރާ ދެކޮޅަށް ޕީޕީއެމް އުފެއްދި ފަހުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް ވެސް އެ ދެ ޕާޓީން ވަނީ ބުނެފަ އެވެ.