13 Apr 2020, 12:40
ސަރުކާރުގެ އަމާޒު ހުރީ ކުރިއަށް އޮތް ތިން މަސް ތެރޭގައި ރާއްޖެ އަކީ ކޮވިޑް-19 ފްރީ ގައުމަކަށް ހަދަން ކަމަށާއި އެއަށްފަހު "ސޭފް ޓުއަރިޒަމް" ފެށުމަށް ދިރާސާތައް ކުރަމުން އަންނަ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖެއިން މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށް ފަހަތަށް ފިޔަވަޅެއް ނޭޅިއްޖެ ނަމަ، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ދިވެހިންނަށް ހިންދެމިލުމަށް ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.
"ކުރިއަށް އޮތް ތިން މަސް ތެރޭގައި މި އޭސިޔާގެ ފުރަތަމަ ކޮވިޑް ފުރީ ގައުމަކަށް ދިވެހިރާއްޖެ ﷲއިރާދަކުރެއްވިއްޔާ ވާނެ. އެމަގަށް އަޅުގަނޑުމެނަށް ދެވުނީމަ އެހިސާބުން ދެން އަޅުގަނޑުމެން ސޭފް ޓުއަރިޒަމެއް ނުވަތަ ރައްކާތެރި ޓުއަރިޒަމެއް ރާއްޖޭގައި ފެށުމަށްޓަކައި ކުރަން ޖެހޭ ދިރާސާތައް މިހާރު މިދަނީ ކުރަމުން،" މިނިސްޓަރު އަލީ ވިދާޅުވި އެވެ
ސަރުކާރުން އެންމެ ފުރަތަމަ ކަށަވަރު ކުރާނީ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ކަށަވަރުކަން ކަމަށް މިނިސްޓަރު އަލީ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ރާއްޖޭގެ އިގްތިސާދަށް އިންވެސްޓްކޮށްގެން ތިބި ވިޔަފާރިވެރިންގެ ވިޔަފާރިތައް "ފުނޑިގެން" ނުދާނެ ފިޔަވަޅުތައް ވެސް ސަރުކާރުން އަޅަމުން، އެ ލުއިތައް ދެމުން އަންނަ ކަމަށެވެ.
ޔޫރަޕާއި އަވައްޓެރި ބައެއް ގައުމުތަކުގެ ހާލަތާއި އަޅާ ބަލާއިރު ރާއްޖޭގެ ހާލަތު ރަނގަޅުވުމުގެ ސިއްރަކީ އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަވުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"މިއަދު ދުނިޔޭގެ އެއްވެސް ގައުމެއްގެ އެއްވެސް ވެރިއަކަށް ވެސް ޔަގީނެއް ނޫން ކޮވިޑް ކްރިއިސިސްއިން އަރައިގަނެވޭނީ ކޮން ދުވަހެއްގައި ކަމެއް މި ބައްޔަށް ވެކްސިނެއް ފެންނަންދެން ދުނިޔެ އޮންނާނީ ހާސްކަމުގައި ކުއްލި ނިންމުންތައް އެކި ފަރާތްތަކުން ނިންމަމުން ގެންދާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.
ރާއްޖޭން މި އަހަރު އަމާޒު ހިފާފައިވަނީ ދެ މިލިއަން ޓުއަރިސްޓުން ގެނައުމަށް ވީ ނަމަވެސް މި ބަލިމަޑުކަމާއި ގުޅިގެން ފަތުރުވެރިން އައުން މުޅިން ހުއްޓިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ހުރިހާ ކަމެއް ރަނގަޅަށް ގޮސްފި ނަމަ މިއަހަރުގެ ފަހު ކުއާޓާގައި ޓުއަރިސްޓުން ރާއްޖެ އަންނަން ފަށާނެ ކަމަށް އުންމީދު އެބަ އޮތް ކަމަށެވެ.
"އަދި ހަމަ މިތިބީ ވިލާގަޑުގެ އައްސޭރިއެއް ކަމުގައި ބަލަން ޖެހޭނީ. މި ބައްޔަށް ވެކްސިނެއް ފެންނަން ދެކަ އަޅުގަނޑުމެންގެ ސީރިއަސް ކަމާއި އަޅުގަނޑުމެން މިކަމަށް ދޭ ސަމާލުކަން ނަގާލައިގެން ނުވާނެ،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.