ނިއުދިއްލީ (13 އެޕްރީލް 2020) : ކަޝްމީރު ގައިވާ އިންޑިއާއާއި ޕާކިސްތާނުގެ ސަރަހައްދީ ރޮނގު ކަމަށްވާ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އެދެގައުމުގެ ސިފައިން ބަދަލުކުރި ޙަމަލާތަކެއްގައި އިންޑިއާގެ އާންމުންގެ 3 މީހަކު މަރުވެއްޖެ އެވެ.

ޖަންމޫ ކަޝްމީރުގައި ހަރަކާތްތެރިވާ އިންޑިއާ ފުލުހުންގެ އޮފިސަރެއް ކަމަށްވާ ޝްރީ ރާމް އަމްބަރުކާރު ވިދާޅުވީ އިންޑިއާގެ 3 މީހުން މަރުވީ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ޕާކިސްތާން ސިފައިން އިސްވެ ދިން ޙަމަލާތަކެއްގައި ކަމަށާ އެ ޙަމަލާތަކުގެ ރައްދުގައި އިންޑިއާ ސިފައިންވެސް ޕާކިސްތާނަށް ހަމަލާތަކެއް ދިންކަމުގައެވެ. ޕާކިސްތާން ސިފައިންގެ ހަމަލާތައް އަމާޒުކުރީ ޖަންމޫ ކަޝްމީރުގެ ކުޕްވާރާއޭ ސަރަހައްދުގައިވާ އާންމުންގެ ގެތަކަކަށް ކަމަށްވެސް އަމްބަރުކާރު ވިދާޅުވި އެވެ.

މިއީ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އިންޑިއާއާއި ޕާކިސްތާން ސިފައިން ޙަމަލާ ބަދަލުނުކުރާތާ މަސްތަކެއް ވުމަށްފަހު ބަދަލުކުރި ޙަމަލާތަކެކެވެ. ޕާކިސްތާން ސިފައިންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި މީގެ ތިން ދުވަސްކުރިން އިންޑިޔާ ސިފައިންވަނީ ލައިން އޮފް ކޮންޓްރޯލް ސަރަހައްދުގައި އުދުވާނީ ގޮތެއްގައި އަސްކަރީ ގޮތުން ޙަރަކާތްތެރިވެފައެވެ. އެއަށްފަހު ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އިންޑިއާއިން ޕާކިސްތާނަށް ހަމަލާތަކެއް ދިން ކަމަށާ އެ ޙަމަލާތައް އަމާޒުކުރީ އާޒާދެ ކަޝްމީރުގައި އާންމުން ދިރިއުޅޭ ސަރަހައްދަކަށް ކަމަށް ޕާކިސްތާނުގެ އަސްކަރީ ތަރުޖަމާނަކު ވިދާޅުވިއެވެ.

ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ދައްކައިދޭ ޗާޓެއް

އިންޑިއާގެ އަމަލަކީ ލައިން އޮފް ކޮންޓްރޯލް ސަރަހައްދުގައި ހަމަލާ ބަދަލުކުރުން މަނާ ކުރާ އެއްބަސްވުމާ ޚިލާފު އަމަލެއްކަމަށް ޕާކިސްތާނުގެ ތަރުޖަމާނު ވިދާޅުވިއިރު އިންޑިއާއިންވެސްވަނީ ޕާކިސްތާނުގެ ޙަމަލާތަކަކީ އެ އެއްބަސްވުމާ ޚިލާފު އަމަލެއް ކަމަށް ތުހުމަތުކޮށްފައެވެ.

ކަޝްމީރުގެ ބިމަށް ބަލާއިރު އެސަރަހައްދުގެ ބޮޑުބައި ކަމަށްވާ 55 އިންސައްތަ ކޮންޓްރޯލް ކުރަނީ އިންޑިއިންނެވެ. ޕާކިސްތާނުން ކޮންޓްރޯލް ކުރަނީ ކަޝްމީރުގެ 30 އިންސައްތައެވެ. ބާކީ 15 އިންސައްތަ ކޮންޓްރޯލް ކުރަނީ ޗައިނާއިންނެވެ.

ކަޝްމީރުގެ މައްސަލާގައި އިންޑިއާއާއި ޕާކިސްތާނުންވަނީ 3 ފަހަރެއްގެ މަތިން ހަނގުރާމަ ކޮށްފައެވެ. މއިން އެއްވެސް ހަނގުރާމައެއް ދެގައުމުންކުރެ އެއްގައުމަކަށްވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އިންޑިއާ އާއި ޕާކިސްތާނަކީ ކަޝްމީރުގެ މިލްކުވެރިކަމަށް ދައުވާކުރާ ދެގައުމު ކަމަށްވާއިރު ކަޝްމީރުގެ އިންޑިއާ ފަޅިގެ ރައްޔިތުން އެދެނީ އެމީހުން އެދޭގޮތަށް އެސަރަހައްދުގެ މުސްތަގްބަލު ކަނޑައެޅުމުގެ އިޚްތިޔާރު އެމީހުންނަށް ދިނުމަށެވެ.

މިއާއެކު ކަޝްމީރުގެ ދެފަޅީގެ މުސްތަގްބަލު ކަނޑައެޅުމުގެ އިޚްތިޔާރު އެދެ ފަޅީގެ ރައްޔިތުންނަށް ދިނުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ޕާކިސްތާނުން ގަބޫލުކޮށްފައިވެއެވެ. ނަމަވެސް އެގަރާރު ގަބޫލުކުރުމަށް އިންޑިއާވަނީ ދެކޮޅު ހަދާފައެވެ.

ކަޝްމީރުގެ އިންޑިއާ ފަޅީގެ އާބާދީގެ ގާތްގަނޑަކަށް 84 އިންސައްތައަކީ މުސްލިމުންކަމަށްޥާތީ މުސްތަގްބަލު ކަނޑައެޅުމުގެ އިޚްތިޔާރު ފެންނަ ނުފެންނަ ވޯޓަކުން އެސަރަހައްދުގެ ރައްޔިތުންނަށް ދީފިނަމަ އެސަރަހައްދު އިންޑިއާ ވަކިވުމަށް ގިނަ ބަޔަކު ވޯޓުދޭނެކަމަށް އިންޑިއާއަށް ގަބޫލުކުރެވުމަކީ އެ ގަރާރަށް އިންޑިއާ ދެކޮޅު ހަދާ މައިގަނޑު ސަބަބުކަމަށް ވަނީ ބެލެވިފައެވެ. (ނޫސްއެޖެންސީތައް)