ކޮވިޑް19 އާ ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސަރުކާރު އޮފީސްތައް ބަންދުކޮށްފައިވާ ހާލަތުގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް ބަންދު ދުވަހުގެ އިނާޔަތް ނުލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

ކޮރޯނާވައިރަސް އާ ގުޅިގެން ރައީސް އޮފީހުން ދައުލަތުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖެއްސުމާ ގުޅިގެން، އެ މުއްދަތުގައި މުވައްޒަފުންނަށް އިތުރުގަޑީ އެލަވެންސާއި ބަންދު ދުވަސްތަކުގެ އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށް މި މަހުގެ ނުވަ ވަނަ ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ ދައުލަތުގެ އޮފީސްތަކަށް ވަނީ ސާކިއުލާއެއް ފޮނުއްވައިފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރައީސް އޮފީހުން މި މަހުގެ އަށް ވަނަ ދުވަހު ނެރުނު ދެންނެވުމުގައި މިހާރު ސަރުކާރު ބަންދުކޮށްފައިވާ ދުވަސްތަކަކީ ސިއްހީ ހާއްސަ ހާލަތަކާ ގުޅިގެން، ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ ދުވަސްތަކެއް ކަމަށާއި، އެ ދުވަސްތަކަކީ ރާއްޖޭގެ ގައުމީ ބަންދު ދުވަސްތަކާއި، ސަރުކާރު ބަންދު ދުވަސްތަކުގެ ތެރޭގައި ނުހިމެނޭ ދުވަސްތަކެއް ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އިތުރުގަޑީގެ ފައިސާ ދިނުމުގައި ބަންދު ދުވަސްތައް ކަމަށް ބަލާނީ ރައީސް ކަނޑައަޅުއްވާ ބަންދު ދުވަސްތަކާއި ސަރުކާރުގެ ބަންދު ދުވަސްތައް ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.

އެ ސާކިއުލާގައި ބުނެފައި ވަނީ، މުސާރައިގެ އިތުރުން އިތުރުގަޑީގެ ފައިސާ ލިބޭނީ ތިން ކެޓަގަރީއެއްގެ މުވައްޒަފުންނަށް ކަމަށެވެ. އެއީ؛

1. ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް، ރައީސް އޮފީހުން ނެރެފައިވާ ދެންނެވުމުން، އޮފީސްތައް ނުހުޅުވާ ހުންނަ މުއްދަތުގެ ތެރޭގައި މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ހިދުމަތްތައް ދިނުމަށް މަސައްކަތަށް ނެރުއްވާ މުވައްޒަފުން.

2. އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން 12 މާޗު ވަނަ ދުވަހު އިއުލާނު ކުރައްވާފައިވާ "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި" ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ކަނޑައަޅާ ފިޔަވަޅުތައް އެޅުއްވުމަށް، ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަސައްކަތަށް ނެރޭ މުވައްޒަފުން،

3. ދައުލަތުގެ އިދާރާއަކުން ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ދިނުމަށް، އެ އިދާރާއެއްގެ އެންމެ އިސްވެރިޔަކު ކަނޑައަޅާ ގޮތެއްގެ މަތިން މަސައްކަތް ކުރުމަށް އޮފީހަށް ނެރުއްވާ މުވައްޒަފުން،

ސާކިއުލާގައި ބުނެފައ ވަނީ އެ ހާލަތްތަކުގައި އޮފީހަށް ނެރޭ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ހަމަޖައްސަންވާނީ ރަސްމީގަޑީގެ ގޮތުގައި އެ މުވައްޒަފަކު ފުރިހަމަ ކުރުމަށް ކަނޑައެޅިފައިވާ ވަގުތުގެ އިތުރުން މަސައްކަތުގައި ހޭދަކުރާ ވަގުތަށް ކަމަށެވެ.

އެގޮތުން އެ މުވައްޒަފުންނަށް މަސައްކަތު ދުވަހެއްގެ އިތުރުގަޑީގެ ފައިސާ ދޭނީ ހަ ގަޑިއިރު ހަމަކުރުމަށްފަހު، އިތުރަށް މަސައްކަތް ކުރި ވަގުތަށެވެ.

"މަސައްކަތު ދުވަހެއްގެ ރަސްމީ ގަޑީގެ ބައެއްގައި ނުވަތަ ރަސްމީ މަސައްކަތު ގަޑީގެ ފަހުގެ ވަގުތުތަކެއްގައި މުވައްޒަފަކު ލައްވާ މަސައްކަތް ކުރުވި ކަމުގައި ވިޔަސް، އިތުރުގަޑީގެ ފައިސާ ދޭންވާނީ އެ މުވައްޒަފަކު ލައްވާ މަސައްކަތް ކުރުވަން ފެށި ވަގުތުން ފެށިގެން ހަ ގަޑިއިރު ހަމަކުރުމަށްފަހުގައެވެ." ސާކިއުލާގައި ބުނެފައިވެއެވެ.

ސާކިއުލާގައި ބުނެފައިވާ ހާލަތްތަކުގައި މަސައްކަތަށް ނެރޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ އާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭ އިނާޔަތް ދޭގޮތަށް ހަމަޖެހިފައިނުވާ ކަމަށް ވެސް ފިނޭންސުން ބުނެފައިވެއެވެ.

އަދި ކޮވިޑް19 އާ ގުޅިގެން މުޅި ދުނިޔެއަށް ދިމާވެފައިވާ އިގްތިސޯދީ ހީނަރުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވެސް މީގެ ނޭދެވޭ އަސަރު ކޮށްފައިވާތީ ދައުލަތުގެ އޮފީސްތަކުގެ މަސައްކަތްތައް ރާވައި، މުވައްޒަފުންނަށް އެ މަސައްކަތްތައް ހަވާލުކުރަންވާނީ އިތުރު ގަޑީގައި މަސައްކަތްކުރަން ނުޖެހޭނެ ގޮތެއްގެ މަތިން ކަމަށް މިނިސްޓަރު އަމީރު ވަނީ އޮފީސްތަކަށް އަންގަވައިފައެވެ.

އަދި ދައުލަތުގެ ހަރަދުތައް ވީހާވެސް ކުޑަވާނޭގޮތަކަށް އެ އޮފީހެއްގެ މަސައްކަތްތައް ރާވާ ހިންގުމަށް ވެސް ވަނީ ދަންނަވައިފައެވެ.