17 Dec 2011, 19:33
ދިވެހި ދައުލަތަށް ވަރަށް ގިނަ ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ގ. ކަންޒުދޮށުގޭ ނތ. އަހުމަދު ދީދީ (ނތ. އަހައްމައިދި) އަވަހަރާވެއްޖެ އެވެ.
އުމުރުފުޅުން 84 އަހަރުގައި އަހަންމައިދި އަވަހާރަވީ މިއަދު ހެނދުނު އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަނިކޮށެވެ. އަހަންމައިދި އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުސްތަކެއް ވަނީ ވެފައެވެ.
އަހައްމައިދި ސަރުކާރަށް 55 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވެވި އެވެ. އެ މުއްދަތުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވެވީ ރައީސް އޮފީހުގަ އެވެ. ރައީސް އޮފީހުގައި 34 އަހަރާއި އަށް މަސް ދުވަހު ވަޒީފާ އަދާ ކުރެއްވެވި އެވެ.
ސިވިލްސާވިސް ގާނޫނުގެ ދަށުން ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާ ލިބިވަޑައިގެންފައިވާ އަހަންމައިދީ އެންމެ ފުރަތަމަ އަދާ ކުރެއްވެވީ މާލިއްޔާގެ ހައިސިންތުގެ އަތްދަށު އިންޖިނޭރެއްގެ ވަޒީފާ އެވެ.
އޭގެ ފަހުން އިލެކްޓްރިކް އިންޖިނޭރު ކަމާއި އިލްކެޓްރިކް އޮފީހުގެ އިންޖިނޭރު ކަމާއި ބޯޓް އިކްއިޕްމެންޓްގެ ގިޔަރު އެކެއްގެ މެކޭނިކް ކަމާއި ޓްރާންޕޯޓް މިނިސްޓްރީގެ މެކޭނިކް ކަމާއި ރައީސް އޮފީހުގެ މެކޭނިކް ކަމާއި ސީނިއާ މެކޭނިކްކަން ކުރެއްވެވި އެވެ.
އަހަންމައިދިއަކީ ތަފާތު ރޮނގުރޮނގުން އަމިއްލަފުޅަށް ހިޔާލު ހޯއްދަވައި ތަޖުރިބާ ކުރައްވައިގެން މަސައްކަތްތެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރެއްވެވި ބޭފުޅެކެވެ. މަސައްކަތްތެރި ކަމުގެ ރޮނގުން 1982 ވަނަ އަހަރު އާންމު ހިދުމަތުގެ ޝަރަފުވެރި ކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައި ވެއެވެ.
އަހަންމައިދީ އަށް ފަސް ބޭފުޅުން ލިބިވަޑައިގަތެވެ. އަވަހާރަވިއިރު ދުނިޔޭގައި ތިއްބެވީ ތިން ބޭފުޅެކެވެ.